ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، އޭޝިއާގެ އެކި ޤައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފި

ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯއަށް ރެކްޓަރ މިންގަނޑުން 7.8 ގެ ބާރުގަދަ ބިންހެލުމެއް އައިސް، ގިނަ ޢަދަދެއްގެ ޢިމާރާތްތައް ސުންނާފަތިވެ، އޭޝިއާގެ ބައެއް ޤައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަވޭއިން ހާމަކުރި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު އެ ޤައުމުގެ ގަޑިން 07:40 ހާއިރުއެވެ. ބިންހެލުމަށްފަހު އެއް ގަޑިއިރަށްވުރެ ގިނައިރު ވަންދެން ބާރުގަދަ ލޮޅުންތައް އަންނަމުންދާ ކަމަށް ފިލިޕީންސްގެ ސުނާމީއާއި ބިންހެލުންތަކާ ބެހޭ އިދާރާއިން ބުނެއެވެ.

މި ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ތެރޭގައި، މިންޑަނާއޯގެ ޖެނެރަލް ސަންޓޯސް ސިޓީގައި ހުރި ތިން ބުރީގެ މަޝްހޫރު "ޖޮލިބީ" ރެސްޓޯރަންޓް އިމާރާތް މުޅިން ވެއްޓި، ސުންނާފަތިވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ. ގިނަ ޢަދަދެއްގެ ޢިމާރާތްތަކުގެ ފުރާޅުތައް ވެއްޓި، ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފައެވެ. މިހާތަނަށް މި ޙާދިސާގައި މަރުވި ނުވަތަ އަނިޔާވި މީހުންގެ ރަސްމީ ޢަދަދެއް އަދި ކަށަވަރެއް ނުވެއެވެ.

ފލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ވަނީ ޤައުމުގެ ކާރިސާތަކާ ބެހޭ އެންމެހާ އިދާރާތައް ކުއްލި ޙާލަތަށް ގެނެސް، ނުރައްކާ އޮތް ސަރަޙައްދުތަކުގެ ރައްޔިތުން ވަގުތުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ގޮވާލައްވާފައެވެ.. މީގެ އިތުރުން މިންޑަނާއޯގެ އެކި ޕްރޮވިންސްތަކުގެ ސުކޫލުތައް މިއަދަށް ވަނީ ބަންދުކޮށްފައެވެ.

ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ލަފާކުރާ ގޮތުގައި ފިލިޕީންސްގެ އައްސޭރިފަށަށް 3 މީޓަރު (9.8 ފޫޓު) ގެ އުސް ރާޅު އެރުން އެކަށީގެންވެއެވެ. އަދި އިންޑޮނޭޝިއާއާއި މެލޭޝިއާގެ ބައެއް ސަރަޙައްދުތަކަށް 1 މީޓަރުގެ އުސްމިނުގެ ރާޅު އަރާފާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނާ ގޮތުގައި ސުނާމީގެ ފުރަތަމަ ރާޅުތައް ފިލިޕީންސާއި އިންޑޮނޭޝިއާއަށް އެރުމަށްފަހު، ޖަޕާނުގެ ބައެއް ހިސާބުތައް ޓައިވާން، މައިކްރޮނޭޝިއާ، ޕަޕުއާ ނިއު ގިނީ އަދި ސޮލޮމަން އައިލެންޑްސްއަށްވެސް އޭގެ އަސަރު ކުރާނެއެވެ.

  • ފިލިޕީންސް: ސަރަންގާނީ، ޑާވާއޯ އޮކްސިޑެންޓަލް، ޓާވީ ޓާވީ އަދި ސުލޫ ހިމެނޭ ގޮތަށް 9 ޕްރޮވިންސެއްގެ ރައްޔިތުން ވަގުތުން ރަށުގެ އެތެރެއަށް ނުވަތަ އުސް ބިންތަކަށް ދިއުމަށް ވަނީ އަންގާފައެވެ. ކަނޑުމަތީގައި ތިބި އޮޑިދޯނިފަހަރު ފުން ކަނޑަށް ނިކުތުމަށް ވަނީ އިރުޝާދު ދީފައެވެ.

  • އިންޑޮނޭޝިއާ: އުތުރު ސުލަވެސީ، ގޮރޮންޓާލޯ ޕްރޮވިންސް އަދި ސަންގިހޭ ޖަޒީރާތަކުގެ ރައްޔިތުން ވަގުތުން ރަށުގެ އުސް ސަރަޙައްދުތަކަށް ބަދަލުވުމަށް ކުއްލި އަމުރެއް ވަނީ ނެރެފައެވެ.

  • ޖަޕާން: އޮކިނާވާއާއި ޤައުމުގެ ދެކުނުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ސުނާމީގެ އިންޒާރު ވަނީ ނެރެފައެވެ.

އެމެރިކާގެ ނޭޝަނަލް ސުނާމީ ވޯނިންގ ސެންޓަރުން ބުނި ގޮތުގައި މި ބިންހެލުމުގެ ސަބަބުން އެމެރިކާގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް އެއްވެސް ނުރައްކަލެއް ނެތެވެ. ގުއާމް އަދި ނޮދަން މަރިއާނާ އައިލެންޑްސްއަށް ނެރުނު އިންޒާރުތައް ކެންސަލްކުރި ނަމަވެސް، އޮއި ގަދަވުމުގެ ސަބަބުން ގޮނޑުދޮށްތަކަށް ދިއުން އަދިވެސް ނުރައްކާތެރި ކަމަށް އޮފިޝަލުން ބުނެއެވެ.

ހިއްސާ ކުރައްވާ!