ދުނިޔޭގެ އެންމެ މަޤްބޫލު ކުޅިވަރުގެ ބާރުވެރިޔާ، ބައިނަލްއަޤްވާމީ ފުޓްބޯޅަ އިދާރާ ނުވަތަ ފީފާއިން ދަނީ ކުޅިވަރުގެ ފޯރީގެ ނިވާފަތްގަނޑުގައި ތިބެ، އާންމު ސަޕޯޓަރުންގެ ޖީބުތައް ހުސްކޮށް، އަމިއްލަ މާލީ ރަސްކަމެއް ބިނާކުރަމުންނެވެ. ވޯލްޑް ކަޕް މުބާރާތާއެކު، ފީފާގެ އާމދަނީ މިއިން ދުވަހަކުވެސް ރެކޯޑް ނުކުރެވޭ ފަދަ މަތީ މިންވަރަކަށް އުފުލިފައިވާއިރު، މި ބިޔަ ޖަމާޢަތުގެ މާލީ ދެފުށް ފެންނަކަމާ މެދު ބައިނަލްއަޤްވާމީ ދުނިޔޭގައި ވަނީ ސީރިއަސް ސުވާލުތަކެއް އުފެދިފައެވެ.
ބްރިޓިޝް ފައިނޭންޝަލް ޓައިމްސް ނޫހުގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި، 2023ން ފެށިގެން 2027ގެ ނިޔަލަށް ހިނގާ މާލީ ދައުރުގައި ފީފާއިން 13 ބިލިއަން ޑޮލަރުގެ ބިޔަ އާމދަނީއެއް ހޯދާނެއެވެ. މީގެ ތެރެއިން 9 ބިލިއަން ޑޮލަރަކީ ސީދާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މުބާރާތުން ހޯދާ ފައިސާއެވެ. މިއީ 2022 ވަނަ އަހަރުގެ ޤަޠަރު ވޯލްޑް ކަޕާ އަޅާބަލާއިރު 72 އިންސައްތައިގެ ބޮޑުވުމެކެވެ.
މެޗުތައް ގިނަކޮށް، ޓިކެޓުގެ އަގުތައް އިންތިހާއަށް މަތިކުރުން
ފީފާގެ މި ބޮޑު ބާރުވެރި ސިޔާސަތުގެ ދަށުން، މުބާރާތުގައި ކުޅޭ މެޗުތަކުގެ ޢަދަދު 64 ން 104އަށް ވަނީ އިތުރުކޮށްފައެވެ. މީގެ ބޭނުމަކީ ކުޅިވަރު ކުރިއެރުވުމެއް ނޫނެވެ. ބޭނުމަކީ ޓިކެޓާއި ވީއައިޕީ ޕެކޭޖްތައް ވިއްކައިގެން 3 ބިލިއަނަށްވުރެ ގިނަ ޑޮލަރު ސަޕޯޓަރުންގެ އަތުން އަތުލުމެވެ. ބައެއް މާހިރުން ލަފާކުރާ ގޮތުގައި މި ދައުރު ނިމޭއިރު ޓިކެޓުން އެކަނިވެސް 7 ބިލިއަނަށްވުރެ ގިނަ ޑޮލަރު އެމީހުން ދަމައި ގަންނާނެއެވެ.
އެންމެ ބޮޑު ބޭއިންސާފަކީ ފީފާގެ ރަސްމީ ޕްލެޓްފޯމް މެދުވެރިކޮށް ޓިކެޓް އަލުން ވިއްކާއިރު ހިންގާ ބޮޑު ވިޔަފާރިއެވެ. ކޮންމެ ބަދަލުވުމެއްގެ ތެރެއިން ވިއްކާ މީހާގެ އަތުން 15 އިންސައްތަ އަދި ގަންނަ މީހާގެ އަތުން 15 އިންސައްތަ ފީފާއަށް ނަގައެވެ. މި ހަރުކަށި އުޞޫލުތަކާ ގުޅިގެން ނިއުޔޯކް އަދި ނިއުޖާޒީގެ ރަސްމީ އިދާރާތަކުން މިހާރު ވަނީ ފީފާއިން ޓިކެޓުގެ އަގުތައް މާބޮޑަށް މަތިކުރާ މައްސަލައިގައި ބޮޑު ތަޙުޤީޤެއް ފަށާފައެވެ. ސަޕޯޓަރުންގެ ޖަމާޢަތްތަކުން ތުހުމަތުކުރާ ގޮތުގައި ފީފާގެ ވެރިން އިސްކަންދެނީ އާންމު ރައްޔިތުންނަށް ކުޅިވަރު ބެލޭނެ މަގުފަހިކުރުމުގެ ބަދަލުގައި، ފައިސާ ޖަމާ ކުރާށެވެ.
ބިލިއަންތަކުގެ ފައިސާ ދަނީ ކޮންތާކަށް؟ ވޯޓު ގަތުމުގެ ނިޒާމެއް؟
ފީފާއިން ބުނާ ގޮތުގައި އެމީހުން 3.9 ބިލިއަން ޑޮލަރު ޚަރަދުކުރަނީ ފީފާ ފޯވާޑް ޕްލޭންގެ ދަށުން ދުނިޔޭގެ 211 ޤައުމީ އެސޯސިއޭޝަނަށެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ އެސޯސިއޭޝަނަކަށް 8 މިލިއަން ޑޮލަރު ލިބެއެވެ.
ނަމަވެސް، މި ފައިސާ ބެހުމުގައި ގެންގުޅޭ އުޞޫލަށް ކުޅިވަރުގެ މާހިރުން ވަރަށް ބޮޑަށް ފާޑުކިޔައެވެ. ޗައިނާ ނުވަތަ އިންޑިއާ ފަދަ އެތައް މިލިއަން ރައްޔިތުންނެއް ތިބޭ ބޮޑެތި ޤައުމުތަކާއި، އާބާދީގެ ގޮތުން ކުޑަކުޑަ ޖަޒީރާ ޤައުމުތަކަށްވެސް ދެނީ އެއްވަރެއްގެ ފައިސާއެކެވެ. ފާޑުކިޔާ ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ ފުޓްބޯޅަ ކުރިއެރުވުމުގެ ބަދަލުގައި، ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ވެރިކަން ދަމަހައްޓައި، އިންތިޚާބުތަކުގައި ވޯޓު ކަށަވަރުކުރުމަށްޓަކައި ހިންގާ ސިޔާސީ ރިޝްވަތުގެ ނިޒާމެކެވެ.
ފީފާއިން މި ބިޔަ ފައިސާގެ އެހީތައް މިނިވަން މުއައްސަސާތަކުން އޮޑިޓްކުރާ ކަމަށް ބުނި ނަމަވެސް، އެ ފައިސާ ޚަރަދުވާ ގޮތުގެ ދެފުށް ފެންނަ އެއްވެސް ނިޒާމެއް މިހާތަނަށް ދުނިޔެއަކަށް ހާމައެއް ނުކުރެއެވެ. ފީފާގެ މުއްސަނދިކަން އިތުރުވާ ކޮންމެ ދުވަހަކީ، އާންމު ސަޕޯޓަރުން ކުޅިވަރާ ދުރަށްޖެހި، ފުޓްބޯޅައިގެ އަސްލު ރޫޙު ގެއްލިގެންދާ ދުވަހެކެވެ. ފައިނޭންޝަލް ޓައިމްސް





