ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމަކީ އާދަޔާ ޚިލާފް ކާމިޔާބީއެއް،

ޖެހިޖެހިގެން ދެވަނަ ފަހަރަށް ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމާ ގުޅިގެން، ކްލަބުގެ ރައީސް ނާސިރު އަލް ޚަލީފީ ކްލަބުގެ ހުރިހާ މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއްގެ މެސެޖެއް ފޮނުއްވައިފިއެވެ. ޚަލީފީ ވިދާޅުވީ، މި ބޮޑު ކާމިޔާބީއަކީ ހަމައެކަނި ދަނޑުމަތީގައި ކުޅުންތެރިން ދެއްކި ހިތްވަރެއް ނޫން ކަމަށާއި، މިއީ ފަރުދާގެ ފުރަގަހުގައި ތިބެގެން ކްލަބުގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާ ކަމަށެވެ.

"ފުރަތަމަ ފަހަރު ތާރީޚީ ކާމިޔާބީއެއް، ދެވަނަ ފަހަރު ކާމިޔާބީއަކީ ލެޖެންޑަރީއެއް!" މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ޚަލީފީ ވިދާޅުވެފައިވެއެވެ:

"ފުރަތަމަ ފަހަރަށް މި ތަށި ހޯދުމަކީ ތާރީޚީ ކާމިޔާބީއެކެވެ. ނަމަވެސް ޖެހިޖެހިގެން ދެވަނަ ފަހަރަށް މި ޝަރަފް ހޯދުމަކީ ލެޖެންޑަރީ ކަމެކެވެ. މިއީ ޕީއެސްޖީގެ މުޅި ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ."

އޭނާ އިތުރަށް ވިދާޅުވީ، ޕީއެސްޖީގެ ހުރިހާ ޗެމްޕިއަނުންނަކީ ހަމައެކަނި ދަނޑުމަތިން ފެންނަން ތިބޭ ކުޅުންތެރިން ނޫން ކަމަށާއި، ކްލަބަށްޓަކައި ކޮންމެ ދުވަހަކު ލޯތްބާއި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ މުވައްޒަފުންނަކީވެސް މި ތަށީގެ ޙަޤީޤީ ޙިއްޞާދާރުން ކަމަށެވެ.

ޚަލީފީ ވަނީ ފައިނަލް މެޗު ކުޅުނު ހަންގޭރީގެ ބުޑަޕެސްޓްގައާއި، ޕެރިހުގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ހަފުތާ ބަންދުގައިވެސް މެދުކެނޑުމެއްނެތި މަސައްކަތްކުރި މުވައްޒަފުންގެ ފަންނީ ހުނަރަށާއި ހިތްވަރަށް ޚާއްޞަގޮތެއްގައި ސާބަސް ދެއްވާފައެވެ.

މިއީ ޕީއެސްޖީގެ ތާރީޚުގައިވެސް ފެނިގެންދާ "އާދަޔާޚިލާފު ސީޒަނެއް" ކަމަށް ފާހަގަކުރައްވައި، ޚަލީފީ ވަނީ މި ތާރީޚީ ވަގުތުގެ އުފާ އެންމެން އެކުގައި ލިބިގަތުމަށް ގޮވާލައްވާފައެވެ.

"އަހަރެމެން ކުރިމަގަށް ބަލަންޖެހޭނީ ކްލަބުގެ އަސާސްތައް ކަމުގައިވާ މަޑުމައިތިރިކަމާއި، މޮޅުވުމުގެ ރޫޙާއި އަދި ބޮޑު ޢަޒުމާއެކުގައެވެ. އެންމެން އެކުގައި… މިއީ ޕެރިހެވެ،" މެސެޖު ނިންމާލައްވަމުން ޚަލީފީ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!