ރިކުއެލްމީ ބަލިކުރުމަށްފަހު ޕެރޭޒް ރެއާލްގެ ރައީސްކަމުގެ އާ ދައުރެއް ކާމިޔާބުކޮށްފި

އެންރީކޭ ރިކުއެލްމީއާ ވާދަކޮށް، ބޮޑު އަޣުލަބިއްޔަތަކުން ފްލޮރެންޓީނޯ ޕެރޭޒް ރެއާލް މެޑްރިޑްގެ ރައީސްކަމުގެ އާ ދައުރެއް ކާމިޔާބުކޮށްފިއެވެ. ސްޕޭނުގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި، ޕެރޭޒް އާ ދައުރެއް ކާމިޔާބުކުރީ 65އިންސައްތަ ވޯޓުންނެވެ. އޭނާއާ ވާދަކުރި ރިކުއެލްމީއަށް ލިބުނީ 35 އިންސައްތަ ވޯޓެވެ. ވޯޓު ގުނުމުގައި ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން ނަތީޖާ އިޢުލާންކުރުން ލަސްވި ނަމަވެސް، ސްޕޭނުގެ ނޫސްތަކުން ދިޔައީ ވޯޓުގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ.

"ކަޑޭނާ ކޯޕޭ" ރޭޑިއޯއިން ބުނި ގޮތުގައި، ރެއާލްގެ ރައީސް ހޮވުމަށް ބޭއްވި މި އިންތިޚާބުގައި 33 ހާހަށްވުރެ ގިނަ ކްލަބުގެ މެންބަރުން ވޯޓުލާފައިވެއެވެ.

ޕެރޭޒްގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި "ޔޫރޯބިލްޑިންގ" ހޮޓަލުގެ މުޅި އެއް ފްލޯއެއް އޮތީ ތައްޔާރުކޮށްފައެވެ. އަދި މި ޙަފުލާއަށް 2000 މެހުމާނުންނަށް ދައުވަތު ދީފައިވެއެވެ.

އުފާފާޅުކުރުމުގެ ޙަފުލާއަށް ހޮޓަލަށް އައި މެންބަރުންނާ މުޚާޠަބުކުރައްވަމުން ޕެރޭޒް ވިދާޅުވީ، މިއީ އޭނާއަށާއި ރެއާލް މެޑްރިޑްގެ ހުރިހާ ސަޕޯޓަރުންނަށް ލިބުނު ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. މި އާ ދައުރާއެކު އޭނާ 2030ވަނަ އަހަރުގެ ނިޔަލަށް ކްލަބުގެ ރައީސްކަމުގައި ދެމިހުންނާނެއެވެ.

ޕެރޭޒްގެ އާ ދައުރުގެ އެންމެ ފުރަތަމަ ބޮޑު ނިންމުމަކަށް ވާނީ ކްލަބުގެ ކޯޗުކަމަށް ޜޮސޭ މޮރީނިއޯ ގެނައުމެވެ. ޕެރޭޒް ބުނި ގޮތުގައި ދެފަރާތުގެ މެދުގައި މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. އަދި މިހާރު މޮރީނިއޯ ކޯޗުކޮށްދެމުންދާ ބެންފިކާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ދައްކަންޖެހޭ ޕެނަލްޓީ ފައިސާ ރެއާލްއިން ދައްކާނެއެވެ.

މީގެ އިތުރުން، އިންޓަރ މިލާނަށް ކުޅޭ ހޮލެންޑްގެ ރައިޓް ބެކް ޑެންޒެލް ޑަމްފްރީސް އާއި، މި މަހުގެ ނިޔަލަށް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާ ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ރެއާލް މެޑްރިޑަށް ސޮއިކުރިކަން ރަސްމީކޮށް އިޢުލާންކުރުންވެސް ވަރަށް އަވަހަށް އޮންނާނެއެވެ.

ހިއްސާ ކުރައްވާ!