ޑިޝޯމްޕްގެ ސްކޮޑުން ބާކީވި ކަމަވިންގާ ހާވާޑް ޔުނިވަރސިޓީގައި

ވޯލްޑް ކަޕަށް ދާ ފްރާންސް ޓީމުގެ ސްކޮޑުން ކޯޗު ޑިޑިއޭ ޑިޝޯމްޕް އޭނާ ބާކީކޮށްލި ނަމަވެސް، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އެޑްއާޑޯ ކަމަވިންގާ އެމެރިކާއިން ފެނިގެން ސަޕޯޓަރުންގެ ސަމާލުކަން ހޯދައިފިއެވެ.

އުމުރުން 23 އަހަރުގެ ކަމަވިންގާ ވަނީ ހާވާޑް ބިޒްނަސް ސްކޫލްގައި ކިޔަވަން ހުއްޓާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ އެމެރިކާއަށް ގޮސްފައި މިވަނީ ފްރާންސް ޓީމު ކެމްޕް ޖަހަން ހަމަޖެހިފައިވާ ބޮސްޓަން ސިޓީއާ މާ ދުރުނޫން ހިސާބަކަށެވެ.

ކަމަވިންގާ ބުނި ގޮތުގައި އޭނާ އެ ޔުނިވަރސިޓީގައި ފުރިހަމަކުރަމުންދަނީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ޚާއްޞަ ތަމްރީނު ޕްރޮގްރާމެކެވެ. "އުނގެނުމަށްޓަކައި ހޭދަކުރި މަދު ދުވަސްކޮޅެއް. ހާވާޑް ބިޒްނަސް ސްކޫލުން ލިބުނު މި ތަޖުރިބާއަށް ޝުކުރުވެރިވަން،" ފޮޓޯއާއެކު ކަމަވިންގާ ލިޔެފައިވެއެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ކުޅުނު ކަމަވިންގާ، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މިފަހަރުގެ މުބާރާތުގެ ސްކޮޑުން ބާކީވުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ.

އޭނާ އެމެރިކާގައި ކިޔެވުމުގައި ވަގުތު ހޭދަކުރަމުންދާއިރު، ފްރާންސް ޓީމުގެ ކުޅުންތެރިން ދަނީ މިއަދު އުތުރު އަޔަރލޭންޑާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ތައްޔާރުވަމުންނެވެ. މި މެޗަށްފަހު ފްރާންސް ޓީމު ވޯލްޑް ކަޕަށް އެމެރިކާގެ ބޮސްޓަނަށް ދާނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް އޮނަގަޑުގައި ފްރާންސް ހިމެނެނީ ގްރޫޕް ނުވައެއްގައެވެ. އެ ގްރޫޕުގައި ފްރާންސްގެ އިތުރުން ދެން ހިމެނެނީ ސެނެގާލް، ޢިރާޤު އަދި ނޯވޭއެވެ.

ހިއްސާ ކުރައްވާ!