މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން ކެނެޑާ ކުޅޭ ފުރަތަމަ މެޗަށް އެ ގައުމު އޮތީ މުޅިން ތައްޔާރުވެފައެވެ! މާދަމާ ކުޅޭ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކެނެޑާ ނިކުންނާނީ ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާ ދެކޮޅަށެވެ. މިއީ މުޅި ކެނެޑާގެ ފުޓްބޯޅަ ތާރީޚުގައި ވެސް ލިޔެވިގެންދާނެ ބޮޑު މެޗެކެވެ.
މި ތާރީޚީ މެޗަށް މުޅި ސިޓީ ތައްޔާރުވަމުންދާކަމުގެ ހެކިތައް ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާއިން ވަނީ ފެނިގެން ގޮސްފައެވެ. ޓޮރޮންޓޯގެ ޑައުންޓައުންގައި، މާދަމާގެ މެޗުގެ ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ކުލަގަދަ ޑްރޯން ޝޯއެއްގެ ފުރިހަމަ ރިހާސަލްތަކެއް ކުރިއަށްދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.
ޓޮރޮންޓޯގެ އުޑުމަތި ޑްރޯންތަކުގެ އަލިން ދިއްލާލާފައިވާއިރު، މާދަމާ އަމިއްލަ ފަސްގަނޑުގައި ކެނެޑާ ނިކުންނާނީ މުޅި ދަނޑު ގުގުމާލާނެ ފަދަ ބޮޑު ސަޕޯޓަކާއެކު މޮޅަކުން މުބާރާތް ފަށާށެވެ.
މިރޭ ކުޅޭ މެކްސިކޯ އާއި ސައުތު ކޮރެއާގެ މެޗުތަކަށްފަހު، މާދަމާ މުޅި ފޯރި ބަދަލުވާނީ ކެނެޑާގެ ޓޮރޮންޓޯ އަށެވެ! އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކެނެޑާއިން ބޮސްނިއާ ބަލިކޮށް، ތާރީޚީ ފެށުމެއް ހޯދާނެ ކަމަށް އެ ގައުމުގެ ސަޕޯޓަރުން ޔަގީންކުރެއެވެ.






