މި މަޒްމޫނު އިނގިރޭސި ބަހުން ވިދާޅުވުމަށް މި ލިންކަށް ކްލިކް ކުރައްވާ!
އިންސާނީ ހަޔާތަކީ ހަމައެކަނި ދުނިޔޭގެ ލައްޒަތުތަކުގެ ފަހަތުން ދުވުމެއް ނޫނެވެ. އެއީ ޖަވާބުދާރީ ވާންޖެހޭ ދަތުރެކެވެ. ސޫރަތުލް މުއްދައްޘިރުގެ މި އާޔަތްތަކުން އަޅުގަނޑުމެންނަށް ދައްކުވައިދެނީ، ނަރަކައަށް ލެވޭ މީހުންނާ އެތަނުގެ މަލާއިކަތުން ކުރައްވާ ސުވާލުތަކެވެ.
﴿مَا سَلَكَكُمْ فِى سَقَرَ﴾ "ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟"
މިއީ ހަމައެކަނި ސުވާލެއް ނޫނެވެ. މިއީ ތިމާގެ އަމިއްލަ ޢަމަލުތަކުގެ ހިސާބު ފެންނަން ފެށުމުން އުފެދޭ ބިރުވެރިކަމުގެ ހަނދާންކޮށްދިނުމެކެވެ. އެމީހުން ދޭ ޖަވާބުތަކަކީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް މިއަދު ފުންކޮށް ވިސްނަންޖެހޭ ކަންކަމެވެ.
- ޚާލިޤުވަންތަ ރައްބާ އޮތް ގުޅުން ކެނޑުން
އެއުރެން ބުނާނެތެވެ. ބޯޅަ ބަލަން ހަދައިގެން ނަމާދެއް ވެސް ނުކުރެވުނެވެ!
﴿لَمْ نَكُ مِنَ ٱلْمُصَلِّينَ﴾ "ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ."
ނަމާދަކީ ހަމައެކަނި އަޅުކަމެއް ނޫނެވެ. އެއީ އިންސާނާ އޭނާގެ ރައްބާ ގުޅުވައިދޭ ހަމައެކަނި ފާލަމެވެ. މި ފާލަން ކަނޑާލުމުން، އިންސާނާގެ ދިރިއުޅުމުގެ މިސްރާބު ގެއްލި، ފަސާދައިގެ ތެރެއަށް ޣަރަޤުވެގެންދެއެވެ.
- މުޖުތަމައުގެ ނިކަމެތިންނާމެދު އިހުމާލުވުން
އެއުރެން ދެން ބުނާނެތެވެ.
﴿وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ﴾ "އަދި ތިމަންމެން މިސްކީނުންނަށް ކާންދީއެއް ނޫޅެމުއެވެ."
އިޖުތިމާޢީ ޒިންމާ އަދާނުކުރުމަކީ އިންސާނިއްޔަތުކަން ގެއްލުމުގެ އަލާމާތެކެވެ. ނިކަމެތިންގެ ހައްޤުތައް ހިފެހެއްޓުމަކީ ނަރަކައިގެ ޢަޛާބަށް ހުށަހެޅޭނެ ބޮޑު ފާފައެކެވެ.
- ފިތުނައާއި ބާތިލު ވާހަކައިގެ ތެރެއަށް ޣަރަޤުވުން
ކޮފީ މޭޒުގައި އަނގަ ތަޅާލަން ތިބެވުނީ އެވެ! މިސްމީސް މީޑިއާއަށް ޕޯސްޓު ކޮށްލަކޮށްލަ ތިބެވުނީއެވެ!
﴿وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ﴾ "ބާތިލު ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން ބާތިލު ވާހަކަ ދައްކައި އުޅުނީމުއެވެ."
މިއަދުގެ ޒަމާނީ މީޑިއާތަކާއި އިޖުތިމާޢީ ވިއުގަތަކުގައި ހިނގާ ދޮގު ވާހަކަތަކާއި، ޣީބަ ބުނުމާއި، ފިތުނަ އުފެއްދުމުގެ މައްޗަށް މިއީ ވަރަށް ބޮޑު އިންޒާރެކެވެ. ގިނަ ބަޔަކު ފަތުރައިފިނަމަ އެއީ ތެދުކަމަށް ހީކޮށް، އެކަމުގެ ތެރެއަށް ވަދެގެންދާ މީހުންގެ ނިމުން އޮތީ މިފަދަ ހިތި ގޮތަކަށެވެ.
- ޤިޔާމަތް ދުވަސް ދޮގުކުރުން
އާޚިރަތް ދުވަހުގެ ޖަވާބުދާރީވުމަކީ ޙަޤީޤަތެއްކަން ގަބޫލުނުކުރުމަކީ، އިންސާނާ ކޮންމެފަދަ ނުބައި އަމަލެއް ކުރުމަށް ވެސް ޖެހިލުން ނުވާ ސަބަބެވެ.
﴿وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ﴾ "އަދި ތިމަންމެން ޤިޔާމަތް ދުވަސް ދޮގުކޮށް އުޅުނީމުއެވެ."
މިއަދުގެ އިންސާނާއަށް ސިފަ ކޮށްދެއްވާ ގޮތް
ކީރިތި ޤުރުއާނުގެ ހަނދާންކޮށްދިނުންތަކުން މިއަދުގެ މީހުން ދުރަށް ދަނީ ކީއްވެގެން ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަރަށް ފުރިހަމަ މިސާލެއް ޖައްސަވާފައެވެ:
﴿كَأَنَّهُمْ حُمُرٌۭ مُّسْتَنفِرَةٌۭ﴾ "އެއުރެން ސިންގާއަކަށް ފިލަންދުވާ ވަޙުޝީ ހިމާރުތަކެއް ފަދައެވެ."
މިއީ ވަރަށް ބަލާޣާތްތެރި ސިފަކުރުމެކެވެ. ސިންގާއަކުން ސަލާމަތްވާން ދުވާ ހިމާރުތައް ފަދައިން، ޙައްޤު ތެދުމަގުން ދުރަށް ފިލަން މީހުން މަސައްކަތްކުރަނީ އެއީ އެމީހުންގެ މިނިވަންކަން ނުވަތަ އެމީހުންގެ ލައްޒަތުތަކަށް އޮތް ހުރަހެއް ކަމަށް ދެކިގެންނެވެ. ނަމަވެސް، އެމީހުން އެ ފިލަނީ ހަގީގަތުގައި އެމީހުންގެ ހަލާކުގެ ތެރެއަށެވެ.
މި އާޔަތްތަކަކީ ހަމައެކަނި މާޒީގެ ވާހަކަތަކެއް ނޫނެވެ. މިއީ މިއަދުގެ ދުނިޔޭގައި ޣާފިލުވެފައިވާ ކޮންމެ މީހަކަށް އޮތް ޕޯސްޓެކެވެ. ހީވަނީ ދެންމެ ދެންމެ އައި ޕޯސްޓެއް ހެންނެވެ! ޙައްޤު ތެދުވާހަކަތަކުން ފިލަން ދުވުމުގެ ބަދަލުގައި، ތިމާގެ ނަފްސު ﷲގެ މަގަށް ރުޖޫޢަކުރުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތެވެ.
/https://widelensreport.com/what-actually-landed-you-in-this-mess







