2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ މިޞްރުގެ ޤައުމީ ޓީމުގެ ޖާރޒީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބައިނަލްއަޤްވާމީ ފުޓްބޯޅަ ފެޑެރޭޝަން (ފީފާ) އިން އަންގައިފިކަމަށް މިޞްރުގެ މީޑިއާ ހާމަކޮށްފިއެވެ.
ފީފާގެ ޤަވާޢިދުތައް ބުނާގޮތުން ވޯލްޑް ކަޕްގައި ބޭނުންކުރާ ޖާރޒީތަކުގައި ޖަހާފައި ހުންނަ ތަރިތަކުން ރަމްޒުކޮށްދޭންވާނީ ހަމައެކަނި ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އަދަދެވެ. އެހެންކަމުން، ބައްރުތަކުގެ ނުވަތަ ސަރަހައްދީ މުބާރާތްތަކުގެ ކާމިޔާބީތައް ދައްކުވައިދޭ ތަރިތައް ޖާރޒީގައި ބޭނުން ނުކުރެވޭނެއެވެ.
މިޞްރުގެ ޖާރޒީގައިވާ 7 ތަރިއަކީ އެޤައުމުން އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި 7 ފަހަރު ރަމްޒުކޮށްދޭ ތަރިތަކަށް ވާތީ، ވޯލްޑް ކަޕް މެޗުތަކުގައި އެ ތަރިތައް ޖާރޒީން އުނިކުރަން ފީފާއިން ވަނީ މަޖުބޫރުކޮށްފައެވެ.
މީގެ އިތުރުން، ޖާރޒީގައި ޖަހާފައިވާ ކުޅުންތެރިންގެ ނަންބަރުތަކުގެ ކުލަ ރަންކުލައިން ހުދުކުލައަށް ބަދަލުކުރަންވެސް ފީފާއިން ވަނީ އަންގާފައެވެ. މިއީ މެޗުތައް ކުޅޭ ވަގުތުގައާއި ޓީވީ ބްރޯޑްކާސްޓްތަކުގައި ކުޅުންތެރިންގެ ނަންބަރުތައް ސާފުކޮށް ވަކިކުރަން ފަސޭހަވުމުގެ ގޮތުން ގެނައި ބަދަލެކެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ 2026 ގެ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މިޞްރު ހިމެނެނީ ބެލްޖިއަމް، އީރާން އަދި ނިއުޒީލޭންޑާއެކުއެވެ. މިޞްރުގެ ފުރަތަމަ މެޗުގައި ހޯމަދުވަހު ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.
2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވި ވޯލްޑް ކަޕުން ފުރުޞަތު ނުލިބުނު މިޞްރަކީ ފުޓްބޯޅައިގެ ތާރީޚުގައި ޚާއްޞަ ޤައުމެކެވެ. އެއީ ވޯލްޑް ކަޕެއްގައި ވާދަކުރި ފުރަތަމަ ޢަރަބި އަދި އެފްރިކާގެ ޤައުމެވެ (1934 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތެވެ.). ނަމަވެސް، އެފްރިކާ ބައްރުގައި 7 ފަހަރު ރަސްކަން ކުރި ނަމަވެސް، ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް އެންމެ މެޗަކުންވެސް ފިއުއައުނުގެ ޓީމަށް މޮޅުވެވިފައެއް ނުވެއެވެ.





