ފީފާ ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ހަރަކާތްތައް ފުޅާވަނީ: އެމެރިކާގެ އިންސާނީ ހައްގުތަކުގެ މައްސަލަތަކާއި ހަނގުރާމަތަކާ ދެކޮޅަށް އަޑުއުފުލުން

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެމެރިކާގައި ބާއްވަމުންދާތީ، އެކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ބޮއިކޮޓް ކުރުމުގެ ހަރަކާތްތަކެއް ވަނީ ފުޅާވެފަ އެވެ. "އެންޓި-ފޭސިސްޓް ފުޓްބޯލް ކޯލިޝަން" އިން ބުނާ ގޮތުގައި، އެހެން ގައުމުތަކުގައި ހަނގުރާމަ ކުރުމާއި، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތު އޮތް ގައުމަކަށް ވޯލްޑް ކަޕް ފަދަ ބޮޑު ކުޅިވަރު މުބާރާތެއް ބޭއްވުމުގެ ހައްގު ނެތެވެ.

ކުރުިންވެސް މި ކޯލިޝަންގައި ހިމެނޭ 32 ޖަމިއްޔާއަކުން ވަނީ، ފީފާއިން މި މުބާރާތް އެމެރިކާއިން ބަދަލުކުރުމަށް ގޮވާލައިފަ އެވެ.

ބޮއިކޮޓް ކުރުމުގެ މައިގަނޑު ސަބަބުތައް

  • ހަނގުރާމަތަކާއި ޖަރީމާތައް: އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް އެމެރިކާއިން އެއްބާރުލުން ދޭ ކަމަށް ކޯލިޝަނުން ތުހުމަތު ކުރެ އެވެ. އަދި ވެނެޒުއޭލާގެ ރައީސް ކިޑްނެޕް ކުރުމާއި ކިއުބާ ބަނޑަށް ޖެއްސުމަކީ ވެސް ބޮއިކޮޓް ކުރުމުގެ ސަބަބުތަކެވެ.

  • މުހާޖިރުންނަށް އަޅާ ފިޔަވަޅުތައް: އެމެރިކާގެ އެތެރޭގައި މުހާޖިރުންނާ މެދު އަމަލުކުރަމުންދާ ނަސްލީ ތަފާތުކުރުމުގެ ގޮތައި ޚާއްސަކޮށް، ނިއުޔޯކުގެ ޑިލޭނީ ހޯލް ފަދަ ތަންތަނުގައި މުހާޖިރުން ބަންދުކޮށްފައި ތިބޭ އިރު، އެތަންތަނުގެ ހާލަތު ގޯސްކަމުން ގިނަ ބަޔަކު މިހާރު ވެސް އަންނަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންނެވެ.

  • ދަތުރުފަތުރުގެ ދަތިތައް: އީރާނުގެ ފުޓްބޯޅަ ޓީމަށް ދިމާވި ވިސާގެ މައްސަލަތަކާއި، އެހެނިހެން ގިނަ ގައުމުތަކުގެ ކުޅުންތެރިންނަށް އެތެރެވުމުގައި ދިމާވާ ހުރަސްތަކަކީ ކުޅިވަރު ސިޔާސީ ކުރުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މުބާރާތުގެ ފޯރި ކުޑަވުން

މި މުބާރާތް ބޭއްވުމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ އަސަރު މިހާރު ވެސް ވަނީ ފެންނަން ފަށާފަ އެވެ. އެގޮތުން:

  • މުބާރާތުގެ 188،000 އަށްވުރެ ގިނަ ގޮނޑި އަދިވެސް ހުހަށް ހުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

  • ޓިކެޓްތަކުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ގޮސްފައިވާއިރު، ގިނަ އަދަދެއްގެ ޓިކެޓް ހިލޭ ބަހަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ކެރީބިއަން ސޮލިޑާރިޓީ ނެޓްވޯކްގެ ތަމަނިޝާ ޖޯން ވިދާޅުވި ގޮތުގައި، ފީފާގެ އުސޫލުތައް އެމެރިކާގެ ޖިއޮޕޮލިޓިކަލް މަސްލަހަތުތަކާ ގުޅިފައި އޮތުމަކީ ބައިނަލްއަގްވާމީ ހަމަހަމަކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މުބާރާތުގެ ހުޅުވުމުގެ މެޗު މިދިޔަ ބުރާސްފަތި ދުވަހު މެކްސިކޯގައި ބާއްވާފައިވާއިރު، ކުރިއަށް އޮތް ހަފުތާތަކުގައި އެމެރިކާގެ އެކި ސިޓީތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރިއަށް ގެންދިއުމަށް ހަރަކާތްތެރިން ވަނީ ރާވައިފަ އެވެ.

ހިއްސާ ކުރައްވާ!