ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބާ މެދު ނަސްލީ ތަފާތު ކުރުމުގެ ސިޔާސަތުގެ ދަށުން އޭނާއަށް ހުރަސް އަޅައި އެމެރިކާއަށް އެތެރެވުމަށް ވިސާ ދިނުމަށް ޓްރަމްޕް ދެކޮޅު ހަދައިފި އެވެ. މިކަމުގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ވޯލްޑް ކަޕްގައި ބައިވެރިވާން ހަމަޖެހިފައިވާ ފަރާތްތަކަށް އެމެރިކާއަށް ވަނުމުގައި ދިމާވާ ހުރަސްތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.
ރަޖޫބް ހޮނިހިރު ދުވަހު ވިދާޅުވީ، އޭނާ މިހާރު ހުންނެވީ މެކްސިކޯ ސިޓީގައި ކަމަށާއި، ވޯލްޑް ކަޕްގައި ބައިވެރިވާން ދަތުރުކުރުމުގެ ހުއްދައަށް އިންތިޒާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗު ބައްލަވާލެއްވުމަށް ވަޑައިގެންފަ އެވެ. ނަމަވެސް، ވޯލްޑް ކަޕްގައި ބައިވެރިވުމަށް ފީފާއިން އެކްރެޑިޓޭޝަން ދީފައިވީ ނަމަވެސް، އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނިގުޅައިގަތުމަކީ އިންސާފުވެރި ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ރަޖޫބް ވިދާޅުވި އެވެ.
ނަސްލީ ތަފާތުކޮށް ވިސާގެ މައްސަލަތައް އިތުރުވަނީ
މި ވޯލްޑް ކަޕާ ގުޅުންހުރި އެތައް ބަޔަކާ މެދު ނަސްލީ ތަފާތުކޮށް ވިސާ ނުލިބުމުގެ މައްސަލަތައް ފެންމަތިވަމުން އަންނަ އިރު، މީގެ ކުރިން އީރާނުގެ ގައުމީ ޓީމުގެ ބައެއް އޮފިޝަލުންނަށް ވެސް އެމެރިކާއިން ވިސާ ދޭން ދެކޮޅު ހަދާފައިވެ އެވެ. އަދި ސޯމާލިއާގެ ރެފްރީއަކަށާއި، އިރާގުގެ ޓީމާ އެކު ދަތުރުކުރާ ފޮޓޯގްރާފަރަކަށް ވެސް ވަނުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މީގެ ކުރިން ވިދާޅުވެފައި ވަނީ ވޯލްޑް ކަޕްގައި އެންމެންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، މިހާރު ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ފީފާއިން ބުނެފައި ވަނީ، ވިސާގެ ކަންކަން ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް، ގައުމުތަކުގެ ސިޔާދަތީ ނިންމުންތަކަށް ފީފާއަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.
މި ވިސާގެ މައްސަލަތަކުގެ އިތުރުން، އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ކުޅިވަރުގެ ވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނާ ގޮތުގައި، ގާޒާގެ 80 އިންސައްތަ ކުޅިވަރު ވަސީލަތްތައް ޖެނޮސައިޑް ރެޖީމުން ހަލާކު ކޮށްފައި ވާ ކަމަށެވެ.
މަދުވެގެން 565 ކުޅުންތެރިއަކު ޔަހުދީން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެންމެ ފަހުން ލިބުނު މައުލޫމާތުތަކަށް ބަލައިލާއިރު، ގާޒާ ސްޕޯޓްސް ކްލަބުގެ ޑިރެކްޓަރު ލުއާއީ އެސްޓިތާ ވެސް ވަނީ އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވެފަ އެވެ.



