ސޯމާލިއާގެ ރެފްރީ އުމަރު އާރްތާން، ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ނަމަވެސް، މުބާރާތުގެ ފުރިހަމަ ފީ އޭނާއަށް ލިބޭނެއެވެ. ތަސްލީ ތަފާތު ކުރުމުގެ އަމަލެއްގައި ހޯމަ ދުވަހު މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން އާރްތާން 11 ގަޑިއިރު ވަންދެން ބަންދުގައި ބަހައްޓައިގެން ސުވާލުކުރިއެވެ. އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓާއި ސިންގަލް އެންޓްރީ ވިސާ ބަލައިނުގަތުމުން، ގައުމަށް އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށް އޭނާ އަށް އެެންގއެވެ.
އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކު އާރްތާންގެ އަބުރު ކަތިލުމަށް މަސައްކަތް ކުރައްވަމުން ވިދާޅުވީ، "ޓެރަރިސްޓް ޖަމާއަތްތަކުގެ މެމްބަރުން ކަމަށް ތުހުމަތުކުރެވޭ ބަޔަކާ އާރްތާނާ ގުޅުމެއް އޮތް ކަމަށް" ތުހުމަތު ކުރެވޭތީ އޭނާ އެތެރެވުން މަނާކުރީ ކަމަށެވެ.
އާރްތާން ބުނީ، ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައްޝަބާބާ އޭނާގެ ގުޅުމެއް އޮތްތޯ ބޯޑަރު އޮފިޝަލުން ސުވާލުކުރި ކަމަށާއި، އެ ޖަމާއަތާ ބެހޭ އެއްވެސް މައުލޫމާތެއް އޭނާއަށް ނޭނގޭ ކަމަށް އެމީހުން ގާތު ބުނެފައިވާނެ ކަމަށެވެ.
"އަހަރެން އަތުގައި ހުރިހާ ލިޔެކިއުމެއް ރަނގަޅަށް ހުރި. އަދި ރަނގަޅު ވިސާ ވެސް އޮތް،" އާރްތާން ބުންޏެވެ. "އަހަންނަކީ ހަމައެކަނި ރެފްރީއެއް، އަހަރެން މަސައްކަތް މިކުރަނީ އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދަން. އެއީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެން ކަމަށްވާ ވޯލްޑް ކަޕަށް ދިއުން." އޭނާ ކިޔައި ދިނެވެ.

ތުރުކީއަށް ދާ މަތިންދާބޯޓަކަށް އަރުވައި އެމެރިކާއިން ބޭރުކޮށްލުމަށް ފަހު، އިސްތަންބޫލްގައި ފީފާގެ އޮފިޝަލުންގެ އެހީތެރިކަން އާރްތާނަށް ލިބުނެވެ. އެއަށްފަހު އޭނާ ވަނީ ސޯމާލިއާގެ ވެރިރަށް މޮގާދިޝޫއަށް ދަތުރުކޮށްފައެވެ. އެތާނގައި ސަރުކާރުން އޭނާއަށް ރަސްމީ މަރުހަބާއެއް ކިޔާފައި ވެއެވެ.
ވޯލްޑް ކަޕްގައި އާރްތާން ބައިވެރިނުވި ނަމަވެސް، އޭނާގެ މުސާރަ ދިނުމަށް ފީފާއިން ވަނީ އެއްބަސްވެފައެވެ. ވޯލްޑް ކަޕްގައި ރެފްރީކަން ކޮށްދޭ ފަރާތްތަކަށް ލިބޭ އަސްލު ފީއަކީ ކިހާވަރެއްކަން އެނގޭނީ މުބާރާތް ނިމުމުންނެވެ.
2025 ވަނަ އަހަރުގެ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކެފް) ގެ އަހަރުގެ އެންމެ މޮޅު ފިރިހެން ރެފްރީގެ މަގާމު ހޯދި އާރްތާނަށް، އޮގަސްޓް 12 ގައި އޮސްޓްރިއާގެ ސާލްޒްބާގްގައި ޕެރިސް ސެއިންޓް-ޖާމަން އާއި އެސްޓަން ވިލާ ބައްދަލުކުރާ ޔުއެފާ ސުޕަ ކަޕްގައި ރެފްރީކަން ކުރުމުގެ ދައުވަތު ވަނީ ލިބިފައެވެ.
އުމުރުން 34 އަހަރުގެ އާރްތާން، އަމިއްލަ ގައުމުން އޭނާއަށް މަރުހަބާ ކިއުމުން "އަހަރެންގެ ރައްޔިތުންނަށާއި އަހަރެންގެ ގައުމަށް" ޝުކުރު އަދާކުރިއެވެ. އަދި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރެފްރީކަން ކުރާނެ ކަމުގެ އަޒުމު އޭނާ ވަނީ ކަނޑައަޅާފައެވެ.
އާރްތާނަށް 2025 ވަނަ އަހަރަކީ ހަނދާނުން ފޮހެލަން ދަތި އަހަރެކެވެ. އެ އަހަރު އޭނާ ވެފައިވަނީ ބައްރުގެ ފައިނަލް މެޗެއް ރެފްރީކަން ކުރި ފުރަތަމަ ސޯމާލިއާގެ ރެފްރީއަށެވެ.
ޖޫން 2025 ގައި، އެފްރިކަން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕިރަމިޑްސް އެފްސީ އާއި މަމެލޯޑީ ސަންޑައުންސް ބައްދަލުކުރި މެޗުގެ ދެވަނަ ލެގުގައި އޭނާ ރެފްރީކަން ކުރިއެވެ.
ފީފާއިން އާރްތާން ވަނީ ޗިލީގައި ބޭއްވި ޔޫ-20 ވޯލްޑް ކަޕް މެޗުތަކަށް އައްޔަންކޮށްފައެވެ. އެ މުބާރާތުގައި އޭނާ ވަނީ ތިން ވަނަ ހޮވާ މެޗު ހިމެނޭ ގޮތަށް ޖުމްލަ ތިން މެޗެއް ރެފްރީކަން ކޮށްފައެވެ.
އަހަރުގެ ފަހުކޮޅު، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެ ގްރޫޕް މެޗެއް އޭނާ ރެފްރީކަން ކުރިއެވެ. އޭގެ ކުރިން 2024 ވަނަ އަހަރު ބޭއްވި މުބާރާތުގައި ވެސް އޭނާ ވަނީ ރެފްރީކަން ކޮށްފައެވެ.





