ސީސީގެ ވެރިކަމުގައި ރައްޔިތުންނަށް އަނގަޔާ އަތާ ދިމާ ނުވޭ: ރޮށީގެ އަގު ބޮޑުގެ މީހުން އަނަރޫފަވެއްޖެ

މިސްރުގެ ރައީސް ޢަބްދުލްފައްތާޙް އައްސީސީގެ ވެރިކަމުގައި އެގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީ އެއް ބޭނުން ކަމަށްވާ "ރޮށި" ގެ އަގަށް އައިސްފައިވާ ބޮޑެތި ބަދަލުތަކެވެ.

މީގެ 36 އަހަރު ކުރިން، 1988 ވަނަ އަހަރުން ފެށިގެން، މިސްރުގައި ސަބްސިޑީ ލިބޭ ރޮއްޓެއްގެ އަގު ހުރީ އެންމެ 5 ޤިރުޝް ގައެވެ. ނަމަވެސް ސީސީގެ ވެރިކަމުގައި، 2024 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަގު 20 ޤިރުޝްއަށް ބޮޑުކުރިއެވެ. މިހާރު މި ސަރުކާރުން ތައްޔާރުވަމުންދަނީ މި ރޮށީގެ އަގު 1.5 ޖުނޭހް (ދޮޅު ޕައުންޑަށް) އަށް ބޮޑު ކުރުމަށެވެ. މިއީ ކުރިން ހުރި 20 ޤިރުޝްއާ އަޅާބަލާއިރު މިއީ އިންތިހާއަށް ބޮޑު އަގުބޮޑުވުމެކެވެ.

އަގު އުފުލުމުގެ އިތުރުން، ރޮށީގެ ބަރުދަނަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ކުރިން 90 ގްރާމް ހުންނަ ރޮށި މިހާރު 70 ގްރާމަށް ލުއިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލުތަކަކީ މިސްރުގެ ސަރުކާރުން ތައާރަފު ކުރަމުންދާ "ނަގުދު ފައިސާގެ އެހީގެ ނިޒާމު" ގެ ދަށުން ކުރަމުންދާ ކަންކަމެވެ.

މިސްރުގެ އިގުތިސާދީ ހާލަތު ދަށަށް ގޮސް، އިންފްލޭޝަން އުފުލިފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ މައިގަނޑު ކާނާގެ އަގު މިހާ ބޮޑަށް އުފުލުމަކީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިންތިހާއަށް ދަށަށް ގޮސް، އަނގަޔާ އަތާ ދިމާނުވާ ހާލަތަށް ކަންކަން ގޮސްފައިވާ ކަމުގެ ސާފު ހެއްކެކެވެ. ސިފައިންގެ ބާރުވެރިކަމާއެކު ސީސީގެ މަގާމު ގުޑުވާލެވޭނެ ގޮތެއްވެސް ނެތެވެ. އޭނާ ވެރިކަން އައިސްފައި ވަނީ މަރުޙޫމް ޝަހީދު މުރުސީ މަގާމުން ދުރުކުރުމަށް ފަހުއެވެ.

ހިއްސާ ކުރައްވާ!