އެމެރިކާގެ އިންޓެލިޖެންސް ޑިރެކްޓަރުގެ މަގާމުން ވަކިވެވަޑައިގަންނަވާ ތުލްސީ ގައްބާޑް، ކޮވިޑް-19 އާ ގުޅޭގޮތުން ޑރ. އެންތަނީ ފައުޗީއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ. ގައްބާޑް ވިދާޅުވީ، ފައުޗީ އެމެރިކާގެ ކޮންގްރެސްގައި ދޮގު ހެކިބަސް ދެއްވައި، ޕެންޑަމިކްގެ އަސްލާ ގުޅޭގޮތުން ޖާސޫސީ އިދާރާތަކުގެ ރިޕޯޓުތަކަށް ނުފޫޒު ފޯރުއްވި ކަމަށެވެ.
ގައްބާޑް މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ހުކުރު ދުވަހު އާންމުކުރެއްވި ސަތޭކައިން ގުނާލެވޭ ލިޔެކިޔުންތަކުގައި ބުނެފައިވާ ގޮތުން، ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ހިންގި ވައިރަސް އުފެއްދުމާ ބެހޭ ރިސާޗްތަކާ ފައުޗީއާ ގުޅުން ހުރި ކަމަށާއި، އެކަން ފޮރުވުމަށް އޭނާ މަސައްކަތް ކުރެއްވި ކަމަށެވެ.
ފައުޗީގެ މައްޗަށް ކުރެވޭ މައިގަނޑު ތުހުމަތުތައް:
- 2024 ވަނަ އަހަރުގެ ޖުލައި މަހު ކޮންގްރެސްގައި ހެކިބަސް ދެއްވަމުން، ވައިރަސް ރިސާޗާ ގުޅޭގޮތުން ޖާސޫސީ އޮފިޝަލުންނާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާނެ ކަމަށް ފައުޗީ ވިދާޅުވިއެވެ. ނަމަވެސް ގައްބާޑްގެ ލިޔެކިޔުންތަކުން ދައްކަނީ އެއީ ދޮގެއް ކަމަށެވެ.
- ކޮވިޑް-19 އަކީ ލެބަކުން ލީކުވި ވައިރަހެއް ކަމަށް ބުނާ "ލެބް ލީކް ތިއަރީ" އަށް ޖާސޫސީ އިދާރާތަކުން ބާރު ނުދިނުމަށް ފައުޗީ ފަރުދާގެ ފުރަގަހުން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވެއެވެ.
- ފައުޗީ މިފަދަ ނުރައްކާތެރި ރިސާޗްތަކަށް ހިތްވަރު ދެއްވީ ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ގައްބާޑް ތުހުމަތު ކުރެއްވިއެވެ.
"ފައުޗީ އަކީ އަމިއްލަ އެދުން އިސްކުރައްވައި، ސިޔާސީ ނުފޫޒު ބޭނުންކުރެއްވި ލީޑަރެއް،" ގައްބާޑް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ލެބް ލީކް ތިއަރީއަށް ތާއީދުކުރާ ފަރާތްތަކަށް ފައުޗީ ބިރުދައްކައި، މައުލޫމާތު ފޮރުވުމަށް ސެންސަރުކުރުމުގެ އުކުޅުތައް ބޭނުންކުރެއްވި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރަޝިއާ ފަދަ ގައުމުތަކުން މީގެ ކުރިން ވެސް ތުހުމަތުކޮށްފައި ވަނީ، އެމެރިކާއިން ބޭރުގެ ގައުމުތަކުގައި ޚާއްސަކޮށް ޔޫކްރެއިންގައި ހިންގާ ވައިރަސް އުފައްދާ ލެބްތަކަކީ ޕެންޑަމިކް ކޮންޓްރޯލް ކުރުމުގެ ނަމުގައި ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ތަންތަން ކަމަށެވެ. ފައުޗީގެ މައްޗަށް މި ކުރެވުނު ތުހުމަތުތަކާއެކު، އެމެރިކާގެ ސިއްހީ އަދި ޖާސޫސީ އިދާރާތަކުގެ އިތުބާރާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
ފައުޗީ ގެ ފަރާތުން މި ތުހުމަތުތަކަށް އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޖަރާސީމުތަކާ ބެހޭ މާހިރުގެ ގައިގައި މަދިރިއެއް ހަފައިގެން އެނދުމަތި ކޮށްފި





