މީގެ އެތައް އަހަރެއް ކުރިން، މިސްރުގެ އެންމެ ފަގީރު އަވަށެއް ކަމުގައިވާ މީތު ޣައްޒާލުގެ މިސްކިތްތަކުން އިވުނު އެ ހިތްގައިމު އަޑު، މިއަދު ވަނީ މުޅި އިސްލާމީ ދުނިޔޭގެ އެންމެ މަޝްހޫރު ޤާރީންގެ ތެރޭގައި ހިމެނިފައެވެ. އެއީ ޝެއިޚް މުސްތަފާ އިސްމާއީލެވެ. އޭނާގެ އުފަންދުވަހާ ގުޅުވައިގެން މިސްރުގެ މިނިސްޓްރީ އޮފް އަވްގާފުން ބޭއްވި ހާއްސަ ހަފްލާއެއްގައި، އޭނޭގެ އަގުހުރި ޚިދުމަތްތަކާއި، ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވުމުގެ ފަންނަށް އޭނާ ގެންނެވި އިންގިލާބީ ބަދަލުތަކުގެ ހަނދާން އާކޮށްފިއެވެ.
1905 ވަނަ އަހަރު މިސްރުގެ ޣަރްބިއްޔާ ޕްރޮވިންސުގެ އާދައިގެ އާއިލާއަކަށް އުފަންވި މުސްތަފާ އިސްމާއީލް، ޅަފަތުގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވިއެވެ. އޭނާގެ ހިތްގައިމު އަޑާއި، ކިޔެވުމުގައި ގެންގުޅުއްވި އާދަޔާޚިލާފު ހުނަރުވެރިކަމުގެ ސަބަބުން، ޠަންޠާގެ އަޙްމަދީ އިންސްޓިޓިއުޓުން ތައުލީމު ހާސިލުކުރެއްވި ދުވަސްވަރު ވެސް އޭނާގެ ނަން ވިދަމުން ދިޔައެވެ.
އޭނާގެ ކިޔެވުމަކީ ހަމައެކަނި އަޑެއް ނޫނެވެ. އެއީ މާނަތަކާ އެކު ފުރިހަމަވެފައިވާ އިހުސާސެކެވެ. މިއުޒިކީ ރާގުތަކާއި ހަމަތައް ބޭނުންކޮށްގެން ﷲގެ ކަލާމްފުޅުގެ މާނަ ދިރުވައިދިނުމުގައި އޭނާ އުފެއްދެވި އާ ސްކޫލަކީ މިއަދާ ހަމައަށް ވެސް އެތައް ޤާރީންނަކަށް އިލްހާމެކެވެ. 1944 ވަނަ އަހަރު މިސްރުގެ ރޭޑިއޯގައި ރަސްމީ ޤާރީގެ މަގާމަށް އޭނާ ހަމަޖެހުމާއެކު، އޭރުގެ ރަސްގެފާނު ފާރޫގުގެ ގަނޑުވަރުގެ ހާއްސަ ޤާރީއަކަށްވެސް އޭނާ ވެވަޑައިގެންނެވިއެވެ.
މުސްތަފާ އިސްމާއީލްގެ ދަތުރުފުޅުތައް އެތައް ބައްރަކަށް ފެތުރިގެން ދިޔައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް މާތް ﷲ ގެ ކަލާމްފުޅުގެ މެސެޖު ފޯރުކޮށްދެއްވުމުގައި އޭނާ އަދާކުރެއްވި ދައުރުގެ ސަބަބުން، އޭނާއަށް "ދުނިޔޭގެ ގުރުއާނުގެ ސަފީރު" ގެ ލަގަބު ދެވުނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ 1977 ވަނަ އަހަރު ފަލަސްތީނުގެ މަސްޖިދުލް އަގްސާގައި އޭނާ ޤަުރުއާން ކިޔަވައި ވިދާޅުވި ދުވަސްތަކެވެ.
އުމުރުފުޅުން 73 އަހަރުގައި، 1978 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާ މި ދުނިޔެ ދޫކުރެއްވިއިރު، އޭނާ ވަނީ މުސްލިމުންގެ ހިތްތަކުގައި ދާއިމީ ގޮތެއްގައި ބިންވަޅު ނެގިފައިވާ ހިތްގައިމު ޤިރާއަތްތަކެއް ހުށަހަޅުއްވާފައެވެ. އޭނާ އަށް ލިބިވަޑައިގެންނެވި އެތައް އިލްމީ އަދި ގައުމީ މެޑަލްތަކަކަށްވުރެ ބޮޑަށް، މުސްތަފާ އިސްމާއީލްގެ ނަން ދެމިހުންނާނީ މާތް ﷲ ގެ ކަލާމްފުޅު ފުރިހަމަ ގޮތުގައި އުއްމަތަށް ގެނެސްދެއްވި ފަންނުވެރިއެއްގެ ގޮތުގައެވެ.






