ފީފާ 2026: އަޅުވެތިކަމުން، ފުޓްބޯޅައިގެ އުސްމިންތަކަށް

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ހަމައެކަނި ކުޅިވަރުގެ މައިދާނެއް ނޫނެވެ މިއީ ތާރީޚީ ގޮތުން ނިކަމެތިކަން ތަހައްމަލުކުރި، އަދި އަޅުވެތިކަމުގެ ބަނަ ޞަފްޙާތަކުން އަރައިގަތް ޤައުމުތަކެއްގެ ފަޚުރުވެރި ދަތުރުގެ ހެތްކެކެވެ. ކޭޕް ވަރޑޭ އަދި ކިއުރަސާއޯ، ޕެނަމާ އަދި ހެއިޓީ ފަދަ ޤައުމުތަކުން ވޯލްޑްކަޕްގައި ފެނިގެންދިއުމަކީ، އެ ޤައުމުތަކުގެ ޤައުމީ ޝަޚުސިއްޔަތާއި ހަށިގަނޑުގައި ހިނގަމުންދާ އިސްތިއުމާރީ ޒަމާނުގެ އަސަރުތައް ދުނިޔެއަށް ސިފަކޮށްދޭ ކަމެކެވެ.

ކުރިން މީހުން ނޫޅޭ ފަޅު ޖަޒީރާތަކެއްގެ ގޮތުގައި އޮތް ކޭޕް ވަރޑޭ، ޕޯޗުގީޒުން ހޯދުމަށްފަހު ބަދަލުވީ އެފްރިކާގެ އަޅުން އެމެރިކާއަށް ފޮނުވުމަށް ގުދަން ކުރާ މަރުކަޒަކަށެވެ. އެތައް ސަތޭކަ އަހަރެއް ވަންދެން ޕޯޗުގީޒުންގެ އަޅުވެތިކަމުގައި އޮތުމަށްފަހު، މިއަދު އެ ޤައުމުގެ 'ބްލޫ ޝާކްސް' ޓީމަކީ ކެމަރޫން ފަދަ ބޮޑެތި ޓީމުތައް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ މައިދާނުގައި ފައިތިލަ ސާބިތުކޮށްފައިވާ ޓީމެކެވެ. ކުރިން ޔޫރަޕްގެ ޤައުމުތަކަށް ސަޕޯޓްކުރި ދަރިފަސްކޮޅު، މިއަދު އެމީހުންގެ އަމިއްލަ ދިދައިގެ ދަށުން ކުޅެމުންދިއުމަކީ ތާރީޚީ ކާމިޔާބީއެކެވެ.

ޑަޗު އިސްތިއުމާރީންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ކިއުރަސާއޯ އަކީ ވިލެމްސްޓާޑްގެ ބަނދަރު މެދުވެރިކޮށް އަޅުންގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރި އެއް މަރުކަޒެވެ. ނަމަވެސް މިއަދު އެ ޤައުމު ފާހަގަކުރެވެނީ ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ ޤައުމުގެ ގޮތުގައެވެ. 'ޕަޕިއަމެންޓޯ' ބަހުން ވާހަކަ ދައްކާ އެ ޤައުމުގެ ރައްޔިތުން، މިއަދު އެމީހުންގެ ޤައުމީ ޓީމު މެދުވެރިކޮށް ދުނިޔެއަށް އިއްވަމުންދަނީ އެއްބައިވަންތަކަމުގެ ޝުޢޫރެވެ.

ޕެނަމާގެ ތާރީޚުގައި ލިޔެވިފައިވާ 'ބައިއާނޯ ހަނގުރާމަތަކަކީ' އަޅުވެތިކަމާ ދެކޮޅަށް އެފްރިކާގެ ދަރިކޮޅުގެ މީހުން ދޮންމީހާއާ ދެކޮޅަށް ކުރި ބަޣާވާތްތަކުގެ ނިޝާނެކެވެ. އެ ފަޚުރުވެރި ތާރީޚު މިއަދު ޕެނަމާގެ ފުޓްބޯޅަ ޓީމުން ދަނޑުމަތީގައި ތަމްސީލުކުރަމުން އެބަދެއެވެ.

މީގެ އިތުރުން 52 އަހަރަށްފަހު ވޯލްޑްކަޕަށް އެނބުރި އައި ހެއިޓީ އަކީ އަޅުވެތިކަމުން މިނިވަންވި ފުރަތަމަ އެފްރިކާ ދަރިކޮޅުގެ މީހުންގެ ޖުމްހޫރިއްޔާއެވެ. ހެއިޓީގެ ޓީމުގެ ޖާޒީގައި ހުންނަ ޕޮލެންޑް ދިދައިގެ ރަމްޒަކީ، ފަރަންސޭސިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ހެއިޓީގެ ރައްޔިތުންނާއެކު ތިބި ޕޮލެންޑް ސިފައިންގެ ހަނދާނުގައި ހިމަނާފައިވާ ތާރީޚީ އެއްބާރުލުމުގެ ނިޝާނެކެވެ.

މި ޤައުމުތަކުގެ ކުޅުންތެރިން މިއަދު ދަނޑުމަތީގައި ގޯލެއް ޖަހާއިރު، އެއީ ހަމައެކަނި ކުޅިވަރުގެ މޮޅުވުމެއް ނޫނެވެ. އެއީ އެތައް ސަތޭކަ އަހަރެއް ވަންދެން ފޮރުވިފައިވާ އަދި ބަލިކޮށް ނުލެވުނު ޤައުމީ ރޫހު އަލުން ދިރުވައި، ދުނިޔޭގެ ކުރިމަތީގައި އެމީހުންގެ ވުޖޫދު ސާބިތުކޮށްދިނުމަށް ކުރާ ހިތްވަރުގަދަ މަސައްކަތެކެވެ. ވޯލްޑްކަޕް 2026 ގެ ވިނަގަނޑު މިއަދު ވެފައި މިވަނީ، އަޅުވެތިކަމުގެ ބިރުވެރިކަމުން މިނިވަންކަމުގެ އުފާވެރިކަމަށް އެ ޤައުމުތަކުން ކުރި ދަތުރުގެ ރަމްޒަކަށެވެ.

ހިއްސާ ކުރައްވާ!