ރަޝިޔާއިން ބޯއިންގ އާއި އެއާބަސްއާ ވާދަ ކުރުމުގައި ކާމިޔާބު ކޮށްފި

ރަޝިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ އެމްސީ-21 މަރުކާގެ މަތިންދާބޯޓު، 3,800 ކިލޯމީޓަރުގެ ދުރުމިނަށް ދަތުރުކުރުމުގެ ޓެސްޓުތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޓެސްޓުތަކުގައި ބޯޓު ފުރީ 175 ފަސިންޖަރުންނާއެކު އެވެ. އަދި މި ދަތުރަށް ފަހު ބޯޓުގެ ފިއުލް ރިޒާވްގެ ޝަރުތުތައް ފުރިހަމަވާކަން ވަނީ ކަށަވަރުކޮށްފައެވެ.

މީގެ އިތުރުން، ބޯޓުގެ އެއް އިންޖީނު ފެއިލްވާ ހާލަތެއްގައި ވެސް ރައްކާތެރިކަމާއެކު ބޯޓު ވައިގެ ތެރެއަށް މައްޗަށް އެރުވޭނެކަން މި ޓެސްޓުތަކުން ވަނީ ސާބިތުކޮށްދީފައެވެ.

މިއީ ހުޅަނގުގެ މަތިންދާބޯޓުތަކަށް ބަރޯސާވުން ކުޑަކޮށް، ރަޝިއާގެ އަމިއްލަ އުދުހޭބޯޓު އުފެއްދުމާއި އޭވިއޭޝަން ސިނާޢަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ރަޝިއާގެ ޔުނައިޓެޑް އެއާކްރާފްޓް ކޯޕަރޭޝަން އިން މައުލޫމާތު ދޭ ގޮތުގައި، 2026 ވަނަ އަހަރު އަންނަންވާއިރަށް 18 އެމްސީ-21 މަތިންދާބޯޓާއި 40 އަށް ވުރެ ގިނަ އައު ޖީލުގެ ސުޚޯއީ ސުޕަޖެޓް އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން ސުޚޯއީ ސުޕަޖެޓް 100 މަތިންދާބޯޓުތަކުގައި ރަޝިއާގައި އުފައްދާފައިވާ ވައިގހެ ތެރޭގައި މުޑިއެރުން ހުއްޓުވާ އެއާބޯން ކޮލިޝަން އެވޮއިޑެންސް ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދެއެވެ. މިއީ ވެސް ބޯޓުގެ އެކި ބައިތައް ރަޝިއާގެ އަމިއްލަ އުފެއްދުންތަކުން ބަދަލުކުރުމުގެ ތެރެއިން ކުރާ މުހިންމު މަސައްކަތެކެވެ.

އެމްސީ-21 އަކީ 163 އިން 211 ފަސިންޖަރުންނަށް ދަތުރުކުރެވޭ، މެދު ރާސްތާއަށް ޚާއްސަ އައު ޖީލުގެ ބޯޓެކެވެ. މި ބޯޓުތައް ވިޔަފާރީގެ އުސޫލުން އެއާލައިންތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފެށިފައެވެ. ރަޝިއާއިން އަމާޒު ހިފާފައިވަނީ ހުޅަނގުގެ ބޯޓުތަކުގެ ބަދަލުގައި މިފަދަ ޒަމާނީ ރަޝިއާ ބޯޓުތައް އެއާލައިންތަކުގައި ބޭނުންކުރުމަށެވެ.

ހިއްސާ ކުރައްވާ!