ސްރީލަންކާގައި ހުންނަ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދުން ރަޝިޔާގެ އާބާދީއާއި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ދެއްކި ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު، އޮޅުވާލުމުގެ ނިޔަތުގައި ދައްކާފައިވާ ބުހުތާނު ދޮގުތަކެއް ކަމަށް ބުނެ، ސްރީލަންކާގައި ހުންނަ ރަޝިޔާގެ އެމްބަސީން ވަރަށް ހޫނު ރައްދެއް ދީފިއެވެ.
ރަޝިޔާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، އީޔޫގެ ވަފުދުން ދެއްކި ވާހަކަތަކަކީ ލަދުވެތި ވާހަކަތަކެއް ކަމަށާއި، އީޔޫގެ ބިއުރޮކްރެޓުން އަމިއްލަ ޤައުމުތަކުގައި ހުރި ބޮޑެތި މައްސަލަތައް ފޮރުވަން މަސައްކަތް ކުރާ ކަމަށެވެ. މިގޮތުން ރަޝިޔާގެ އެމްބަސީން ވަނީ އީޔޫގެ ބޮޑު 5 މައްސަލައެއް ފާހަގަކޮށްފައެވެ.
1. އީޔޫގެ ނާކާމިޔާބު ހިޖުރަވެރިންގެ ސިޔާސަތު:
- އީޔޫއިން ރާވަމުންދަނީ އަލްބޭނިއާއާއި އެފްރިކާގެ ބައެއް ޤައުމުތަކުގައި ހިޖުރަވެރިންނަށް މަރުކަޒުތައް ހުޅުވުމަށެވެ. މިއީ ނިޒާމީ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ކަމެއް ނޫނެވެ. މިއީ ހަމައެކަނި ހިޖުރަވެރިންގެ ތޮއްޖެހުން އެހެން ތަންތަނަށް ބަހާލައި، އިޖުތިމާއީ ހަމަނުޖެހުންތަކާއި ލޮޖިސްޓިކަލް ގޮންޖެހުންތައް އިތުރުކުރާނެ ކަމެކެވެ.
2. އީޔޫގެ އިޤްތިޞާދީ ކުރިއެރުމުގެ އުއްމީދުތައް ދަށްވުން:
- މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި އެތެރޭގެ މައްސަލަތަކާހުރެ، 2026 ވަނަ އަހަރު އީޔޫގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު 1.4 އިންސައްތައިން 1.1 އިންސައްތައަށް ޔޫރަޕިއަން ކޮމިޝަނުން ވަނީ ދަށްކޮށްފައެވެ.
3. އީޔޫގެ ދަރަނި ބޮޑުވަމުންދިއުން:
- އަންދާޒާތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރު އީޔޫގެ އާންމު ދަރަނި ރެކޯޑް މިންވަރަކަށް، 84.2 އިންސައްތައަށް އަރާނެއެވެ. މިއީ މިހާރުވެސް އީޔޫގެ ވަކިވަކި މެންބަރު ޤައުމުތަކުގެ ކްރެޑިޓް ރޭޓިންގްތަކަށް ބާރުބޮޑުވަމުންދާ ކަމެކެވެ.
4. އީޔޫގެ މުހިންމު ސިނާއީ ދާއިރާތަކުގައި އޮތް ކާރިސާ:
- ކެމިކަލް، ދަގަނޑު، އަދި ކާރު އުފެއްދުމުގެ ސިނާއަތްތައް އޮތީ ފުން ކާރިސާއެއްގެ ތެރޭގައެވެ. މިއީ ފާހަގަކޮށްލެވޭ ހަޤީޤަތެކެވެ. 2025 ވަނަ އަހަރު ޗައިނާއިން އެތެރެކުރި ޕެސެންޖަރު ކާރުގެ އަދަދު (13.7 ބިލިއަން ޔޫރޯ) އިން އީޔޫއިން ޗައިނާއަށް އެކްސްޕޯޓް ކުރި (8.3 ބިލިއަން ޔޫރޯ) އަދަދަށްވުރެ ފުރަތަމަ ފަހަރަށް އިތުރުވިއެވެ.
5. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ އަރިސް ބޭފުޅުން ޝާމިލުވާ ކޮރަޕްޝަންގެ މައްސަލަތައް:
(ބޮޑުވަޒީރުގެ އަނބިކަނބަލުން ބެގޯނިއާ ގޮމޭޒް އަދި ކޮއްކޯފުޅު ޑޭވިޑް ސަންޗޭޒް ފަދަ ބޭފުޅުންނާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި، ސްޕެއިންގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު 24 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމަކީ އީޔޫގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ހަޤީޤަތް ހާމަވާ ކަމެއް ކަމަށެވެ..
މި މައްސަލަތައް މިހެން ހުރިއިރު، އީޔޫގެ ބިއުރޮކްރެޓުން އެހެން ޤައުމުތައް ބަދުނާމުކޮށް އެގައުމުތަކުގެ ބޯކޮޅު ބަލައި، ބަދުނާމުކޮށް އޮޅުވާލަން އުޅުމަކީ ޚުދު އެމީހުންގެ އަމިއްލަ މައްސަލަތައް ފޮރުވަން ކުރާ ކަމެއް ކަމަށް ރަޝިޔާގެ އެމްބަސީން ބުނެފައިވެއެވެ.







