އެއީ، ހަތް މީހުންގެ ޓީމެކެވެ. ކޮންމެ ހެނދުނަކު ވެސް އެއް މޭޒެއްގެ ދޮށުގައި އެމީހުން އިށީދެ ތިބެ އެވެ. އެމީހުންގެ މެދުގައި ވަރަށް ގިނަ ފަހަރު ހިޔާލުތަފާތުވުންތައް އުފެދެ އެވެ. ނަމަވެސް، އެމީހުން އެތަނުން ތެދުވެގެން ދާއިރު، ކުރިއަށްވުރެ ބޮޑަށް އެކަކު އަނެކަކަށް އިހުތިރާމް ކުރެ އެވެ. އެމީހުންގެ ތެރެއިން މީހަކަށް ގޯހެއް ހެދިއްޖެނަމަ، ނަސޭހަތް ދޭނެ މީހަކު ހުރެ އެވެ. އަދި އެއިން މީހަކު ކާމިޔާބީއެއް ހޯދައިފިނަމަ، އެހެން މީހުން އެކަމާ އުފާކުރެ އެވެ. މި ޓީމު އަބަދުވެސް މިގޮތުގައި ދެމިއޮންނާނެ ކަމަށް އެންމެން ވެސް ހީކުރި އެވެ.
ނަމަވެސް މަދު މަސްތަކަކަށްފަހު، އެތަނަކަށް ބަދަލެއް ނައެވެ. މޫނުތަކަކަށް ވެސް ބަދަލެއް ނައެވެ. އެކަމަކު އެމީހުންގެ ތެރޭން އެއްޗެއް އުނިވެގެން ހިނގައްޖެއެވެ.
އެއިން އެކަކުވެސް މިހާރު ވިސްނާލުމެއްނެތި، ހިތްހެޔޮކަމާއެކު ވާހަކައެއް ނުދައްކަ އެވެ. ބަސްތައް ބުނުމުގެ ކުރިން ވިސްނަން ޖެހިއްޖެ އެވެ. ހިނިތުންވުންތައް ވަޅޯ ވެއްޖެއެވެ. ކޮންމެ މީހަކު ވެސް މިހާރު ހިތާހިތާ ސުވާލުކުރަނީ، "އަހަރެން އެތަނުން ނިކުމެގެން ދިޔުމުން، އަހަރެންނާ ބެހޭގޮތުން ދެން ތިބި މީހުން ދައްކާނީ ކޮން ވާހަކައެއްބާ؟" ވައެވެ.
އެމީހުން އެކަކު އަނެކަކުގެ ފައިސާ ވަގަކަށެއް ނުނަގަ އެވެ. ނަމަވެސް އެމީހުން އެކަކު އަނެކަކަށް ވަގަށް ނެގީ އިތުބާރެވެ.
އެ މީހުންނަށް މިހާރު ވިސްނިއްޖެއެވެ! އެންމެ ނުރައްކާތެރި ވަގުންނަކީ ފައިސާ ވަގަށް ނަގާ މީހުންނެއް ނޫނެވެ.
އެންމެ ނުރައްކާތެރި މީހުންނަކީ މީސްތަކުންގެ މެދުގައި އޮންނަ ހަމަޖެހުން ވަގަށް ނަގާ މީހުންނެވެ.
އެކަން ފެށެނީ އެންމެ ބަހަކުންނެވެ.
ދެން ދޮގު ވާހަކަތަކުންނެވެ.
ދެން އެކަކު އަނެކަކާމެދު ގޯސްކޮށް ހީކުރުމަކުންނެވެ.
އެންމެ ފަހުން ތިމާއާ އެންމެ ގާތް މީހާ ވެސް ޝައްކުގެ ނަޒަރުން ބަލާ މީހަކަށް ވެގެން ދެއެވެ.
އަނެކާގެ ކާމިޔާބީއަކީ އުފަލަކަށްވުމުގެ ބަދަލުގައި ކަންބޮޑުވުމަކަށް ވެގެން ދެއެވެ.
ﷲ ވަޙީކުރައްވާފައިވާ މި ބަސްފުޅުތަކާމެދު ވިސްނާލުމުން، މި ބިރުވެރި މަންޒަރު އަހަރެންނަށް އިޙުސާސް ވެގެން ދެއެވެ.
﴿يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ وَأُمِّهِ وَأَبِيهِ وَصَاحِبَتِهِ وَبَنِيهِ﴾
(އެއީ) މީހާ އޭނާގެ أخ އާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. 36 . 35 .80:34
އިންސާނަކު އޭނާ އެންމެ ލޯބިވާ މީހުންގެ ކިބައިން ފިލައިގެން ދާނީ، ބުއްދިއަށް ސިފަކުރަން ވެސް ދަތި ބިރުވެރިކަމެއް މެދުވެރި ވުމުންނެވެ. އެ ދުވަހުގެ ބިރުވެރިކަމުގެ ސަބަބުން، އެ ފިލައިގެން ދިއުމަކީ ގިޔާމަތް ދުވަހުގެ އަލާމާތެއް ކަމުގައި ﷲ ވަނީ ލައްވާފަ އެވެ. އެއީ އެ ދުވަހުގެ ބިރުވެރިކަން އިންސާނުންގެ ނަފުސުތަކަށް އުފުލޭވަރަށްވުރެ ބޮޑުވެ ބިރުވެރި ވުމުންނެވެ.
ނަމަވެސް ހިތުގައި އުފެދޭ ސުވާލަކީ، ދުނިޔޭގައި އިންސާނުންގެ ތެރެއިން ބަޔަކު އުފައްދާ މިފަދަ ބިރުވެރިކަމަކީ ކޮބައިބާ އެވެ؟ އިންސާނަކު އޭނާގެ އަޚާއަށް ބިރުގަނެ، އެކުވެރިޔާއާމެދު ޝައްކުކޮށް، ރަހުމަތްތެރިޔާއާމެދު ސަމާލުވާން ޖެހޭފަދަ ހާލަތަކަށް މިއަންނަނީ ކީއްވެބާ އެވެ؟ މީހުން ހިމޭންކަން އިޚުތިޔާރުކުރަނީ ހިކުމަތްތެރި ކަމަކުން ނޫނެވެ. ބިރުންނެވެ. އެމީހުން އެކަކު އަނެކަކާ ދުރުވަނީ ރުޅިއައިސްގެން ނޫނެވެ. ބިރުންނެވެ. މިއީ ކޮންފަދަ މާހައުލެއްބާ އެވެ؟
އިދާރާތަކާއި އާއިލާތައް ފުނޑިގެން ދަނީ ހިޔާލު ތަފާތުވުމަކުން ނޫނެވެ. އެކަމަކު އިތުބާރު ގެއްލުމުންނެވެ.
ހިޔާލު ތަފާތުވުމުން ހައްލުތައް އުފެދިދާނެ އެވެ. ނަމަވެސް ޝައްކުކުރުމުން އުފެދޭނީ އެކަހެރިކަމެވެ.
އެހެންކަމުން، މީސްތަކުންގެ ކަންކަމާ ހަވާލުވާ ކޮންމެ މީހަކު އުފުލާ އެންމެ ބޮޑު އަމާނާތަކީ، ނިންމުންތައް ނިންމުމެއް ވެސް ނޫނެވެ. ހިތްތައް ބައިބައިވުމުން ސަލާމަތްކުރުމެވެ. ނަފުސުތައް އެކަކު އަނެކަކަށް ހަސަދަވެރިވުމުން ސަލާމަތްކުރުމެވެ. އަދި އިތުބާރަށް އެއްވެސް މީހަކު އަރައިގަތުމުން އެ އިތުބާރު ހިމާޔަތް ކުރުމެވެ.
ފައިސާ ވަގަށް ނަގައިފިނަމަ އެ ފައިސާ ހޯދި ދާނެއެވެ. ނަމަވެސް އިތުބާރު ވަގަށް ނަގައިފިނަމަ، މޫނުމަތީގައި މީހާ ހުންނަ ގޮތަށް ހުރެދާނެ އެވެ… ނަމަވެސް ހިތްތައް ކުރިން ހުރި ގޮތަކަށް ދެން ނުހުރެދާނެއެވެ. ހިނިތުން ވަޅޯ ވާނެއެވެ!






