ޖަރުމަނުގެ އުތުރުގެ ޝްޓޭޑް ސިޓީގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި 6 މީހަކު މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ 45 އަހަރުގެ ފިރިހެނެކެވެ. މި ހަމަލާ ދީފައިވަނީ އޭނާގެ ތުއްތު ދަރިފުޅުގެ ހަޟާނަތާ ގުޅޭގޮތުން އުފެދުނު މައްސަލައެއްގެ ތެރެއިންނެވެ.
ޖަރުމަނު ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހަމަލާދިން ވަގުތު މަރުކަޒުގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި ހަވަނަ މީހާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަފަހުން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތަރު އަންހެނުންނާއި ދެ ފިރިހެނުން ހިމެނެއެވެ. ހަމަލާ ދިން މީހާ އާއި އޭނާ ފިލުވުމަށް އެހީތެރިވި ކަމަށް ތުހުމަތުކުރެވޭ 65 އަހަރުގެ އަންހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ހަމަލާ އަމާޒުވި މަރުކަޒުގައި އެވަގުތު ހަމަލާ ދިން މީހާގެ ތިން މަހުގެ ދަރިފުޅާއި އޭނާގެ މަންމަ (34 އަހަރު) ތިއްބެވެ. ނަމަވެސް، ފުލުހުން ބުނާ ގޮތުގައި އެ ދެމައިންނަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. މިހާރު އެ ކުއްޖާ ވަނީ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ހަމަލާ ދިން މީހާއަކީ ޖަރުމަނުގައި އުފަން، ތުރުކީ ދަރިކޮޅުގެ މީހެކެވެ. އޭނާގެ އަތުގައި ބަޑި ގެންގުޅުމުގެ އެއްވެސް ހުއްދައެއް ނެތްއިރު، އޭނާ ބޭނުންކުރި ހަތިޔާރު ހޯދި ގޮތެއް އަދި ސާފެއް ނުވެއެވެ. އޭނާއަކީ ކުރިންވެސް ސަލާމަތީ އިދާރާތަކަށް އެނގޭ މީހެއް ނަމަވެސް، އޭނާއަކީ "ވަރަށް ނުރައްކާތެރި" މީހެއްގެ ގޮތުގައި ބަލާފައިވާ މީހެއް ނޫނެވެ.
ޖަރުމަނުގައި ހަތިޔާރު ގެންގުޅުމާ ގުޅޭގޮތުން ވަރަށް ހަރުކަށި ގާނޫނުތަކެއް ހުރުމުން، މިފަދަ ބަޑިޖެހުމުގެ ހާދިސާތައް އެ ޤައުމުގައި ވަރަށް މަދެވެ.





