މިއީ މިއަދުގެ ދުނިޔޭގެ މާއްދީ އެދުންތަކާއި، އަމިއްލަ އެދުމުގެ ފާރުތަކުން ބޭރުގައި ހިނގައިދިޔަ، އިންސާނީ ލޯތްބާއި އީމާންތެރިކަމުގެ އެންމެ މަތިވެރި އެއް ޙާދިސާއެވެ. މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން، މަދީނާގެ ހޫނު ވައިރޯޅިތަކުގެ ތެރޭގައި، ކައު ރަސޫލާ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނާއެކު މިސްކިތުގައި ދަރުސްދެއްވުމުގައި އިންނެވި ވަގުތެކެވެ. މުޅި މަޖިލީހަށް ހިމޭންކަން ވެރިވެފައިވަނިކޮށް، އެތަނަށް ވަދެގެން އައީ ހިތްދަތިކަމުން ފުރިފައިވާ ޔަތީމު ޒުވާނެކެވެ.
އެ ކުއްޖާ އައިސް ރަސޫލާ ﷺ ގެ ކުރިފުޅުމަތީގައި ކުަކޫޖަހައި، އޭނާގެ ހިތުގެ އުދާސްތައް ބަޔާންކުރިއެވެ.
"އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުގެ ބަގީޗާގެ ވަށައިގެން ފާރެއް ރާނަން އުޅުމުގެ ތެރޭގައި، އަޅުގަނޑުގެ އަވަށްޓެރިޔާގެ ކަނދުރު ރުކެއް ފާރު ރާނަން އޮތް މަގާ ހުރަސްވިއެވެ. އަޅުގަނޑުގެ ފާރު ސީދާކޮށް ރޭނުމަށްޓަކައި، އެ ގަސް އަޅުގަނޑަށް ދޫކޮށްލުމަށް ނުވަތަ އަގަކަށް ވިއްކާލުމަށް އޭނާގެ ކިބައިން އެދުނީމެވެ. ނަމަވެސް އޭނާ އެކަމަށް އިންކާރުކޮށް ދެކޮޅު ހެއްޖެވެ."
މި ޝަކުވާއާ ގުޅިގެން މާތް ރަސޫލާ ﷺ އެ އަވަށްޓެރިޔާ މަޖިލީހަށް ހާޒިރުކުރެއްވިއެވެ. އަދި ޔަތީމު ކުއްޖާގެ ވާހަކައިގެ ތެދުދޮގު ބެއްލެވުމަށްފަހު، އެ ކަނދުރު ރުއް އެ ކުއްޖާއަށް ދޫކޮށްލުމަށް ނުވަތަ ވިއްކާލުމަށް އެދިވަޑައިގަތެވެ. ނަމަވެސް، އެމީހާގެ ހިތްވަނީ އަމިއްލަ އެދުމުން ފުރިފައެވެ. އޭނާ ހުރީ ދޫދޭ ގޮތަކަށެއް ނޫނެވެ.
އެހިސާބުން، މާތް ނަބިއްޔާ ﷺ އެމީހާއަށް އިލާހީ ވިޔަފާރިއެއްގެ ހުށަހެޅުން ހުށަހެޅުއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:
"އެ ގަސް އެ ކުއްޖާއަށް ވިއްކާލާށެވެ. އޭގެ ބަދަލުގައި ސުވަރުގެއިން ކަނދުރާ ގަހެއް ކަލެއަށް ލިބޭނެއެވެ. އެއީ އެ ގަހުގެ ހިޔަލުގައި ހިނގާފައި ދާ މީހަކު ސަތޭކަ އަހަރު ދަތުރުކުރިޔަސް، އޭގެ ހިޔާވަހިކަން ކޮޅުންނުލާނެ ފަދަ ބޮޑު ގަހެކެވެ."
މި އަޑުއިވުމުން މަޖިލީހުގައި ތިއްބެވި އަޞްޙާބުންގެ ހިތްތަކަށް ވެރިވެގެންދިޔައީ ބަޔާންކުރަންދަތި ފުން އަސަރެކެވެ. ނަމަވެސް، "އޭނާ އަހަރެންގެ ޝަކުވާ ރަސޫލާ ﷺ ގެ އަރިހަށް ހުށަހެޅީ ކީއްވެގެންތޯ" ހިތަށްއަރައި، އެމީހާ، ބޮޑާކަމާއެކު ދެވަނަ ފަހަރަށްވެސް އެ މަތިވެރި ހުށަހެޅުމަށް އިންކާރުކޮށް ދެކޮޅު ހެއްޖެވެ.
ފުރުޞަތުގެ ބޭނުންހިފި އަބުއްދަޙްދާޙް
އެ މަޖިލީހުގައި އިށީނދެވަޑައިގެން އިންނެވި އަޞްޙާބުންގެ ތެރޭގައި، އާޚިރަތުގެ ބޮޑެތި ފުރުޞަތުތައް ދޫކޮށްނުލާ، ހުޝިޔާރު ބޭކަލަކު އިންނެވިއެވެ. އެއީ ﷲ އެބޭކަލަކަށް ރުއްސުންލެއްވި، އަބުއްދަޙްދާޙް އެވެ.
އެކަލޭގެފާނު ވަގުތުން ތެދުވެވަޑައިގެން ދެންނެވިއެވެ!
"އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑު އެ ގަސް ގަނެފައި، އެ ޔަތީމު ކުއްޖާއަށް ދޫކޮށްލައިފިނަމަ، ސުވަރުގެއިން އެ ވިދާޅުވި ކަނދުރު ރުއް އަޅުގަނޑަށް ލިބޭނެތޯއެވެ؟" މާތް ރަސޫލާ ﷺ ޖަވާބުގައި "އާނއެކޭ" ވިދާޅުވިއެވެ.
އަބުއްދަޙްދާޙް ވަގުތުން އެ ގަހުގެ ވެރިމީހާއަށް މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.
"އޭ ފިރިހެނާއެވެ! މަގޭގެ ބަގީޗާ ކަލެއަށް އެނގޭ ހެއްޔެވެ؟" އެމީހާ ޖަވާބުގައި ބުންޏެވެ: "އާނއެކެވެ. މަދީނާގައި އަބުއްދަޙްދާޙްގެ 600 ކަނދުރު ގަހާއި، އުސް ގަދަ ފާރަކާއި، ފޮނި މީރު ފެންވަޅަކާއި، ބޮޑު ގަނޑުވަރު ނުދަންނަނީ ކާކު ހެއްޔެވެ؟ މަދީނާގެ ހުރިހާ ވިޔަފާރިވެރިންވެސް އެ ބަގީޗާގެ ކަނދުރުގެ މޮޅުކަމުން އެއަށް ދަހިވެތިވެއެވެ."
އަބުއްދަޙްދާޙް ވިދާޅުވިއެވެ:
"އެހެންވީމާ، މަގޭގެ އެ މުޅި ބަގީޗާއާއި އޭގައި ހުރި ހުރިހާ އެއްޗެއް، ކަލޭގެ ތިޔަ އެންމެ ކަނދުރު ގަހުގެ ބަދަލުގައި އަހަންނަށް ވިއްކާށެވެ."
އެމީހާގެ ކަންފަތަށް އިވުނު މިއަޑުތައް އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އެންމެ ރުކެއްގެ ބަދަލުގައި 600 ރުއް ހިމެނޭ މުޅި ބަގީޗާ ލިބުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއް ޖަހައި ބެލިޔަސް، އާދަޔާޚިލާފު ބޮޑު ފައިދާއެކެވެ. އެމީހާ އުފަލުން ގޮސް ރަސޫލާ ﷺ އަށް ބަލައިލީ ގަބޫލުނުކުރެވި ގެންނެވެ. އަދި ވަގުތުން އެކަމަށް އެއްބަސްވިއެވެ. މާތް ރަސޫލާ ﷺ އާއި އަޞްޙާބުން ހެކިކޮށް، އެ ވިޔަފާރި މުއާމަލާ ނިންމާލެވުނެވެ.
އިލާހީ ދީލަތިވަންތަކަން
އެ މުއާމަލާތަށްފަހު، އަބުއްދަޙްދާޙް އުފާވެރިކަމާއެކު ރަސޫލާ ﷺ އަށް ދެންނެވިއެވެ! "އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑަށް ސުވަރުގެއިން އެންމެ ރުކެއް ލިބޭނެތޯއެވެ؟"
މާތް ނަބިއްޔާ ﷺ ވިދާޅުވިއެވެ. "ނޫނެކެވެ!" އެވަގުތު އަބުއްދަޙްދާޙަށް ސިހުން ލިބުނެވެ. ނަމަވެސް މާތް ރަސޫލާ ﷺ ޙަދީޘް ބަސްފުޅު ފުރިހަމަ ކުރެއްވިއެވެ.
"ﷲ ހުށަހެޅުއްވީ އެންމެ ރުކެއްގެ ބަދަލުގައި ރުކެކެވެ. ނަމަވެސް ތިބާ ހުށަހެޅީ ތިބާގެ މުޅި ބަގީޗާއެވެ. ﷲ ތިބާގެ އެ ދީލަތިކަމަށް، މިއަށްވުރެ މާ ބޮޑު ދީލަތިކަމަކުން ޖަވާބުދެއްވައިފިއެވެ. ސުވަރުގެއިން ތިބާއަށްޓަކައި އެތައް ބަގީޗާތަކެއް ހައްދަވައިފިއެވެ."
އެއަށްފަހު ރަސޫލާ ﷺ ހަދީޘް ކުރެއްވި އެވެ:
كَمْ مِنْ عِذْقٍ رَدَاحٍ لِأَبِي الدَّحْدَاحِ فِي الْجَنَّةِ!
"ސުވަރުގޭގައި އަބުއްދަޙްދާޙްއަށްޓަކައި، ކަދުރުއަޅައި ބަރާވެފައިވާ އިހާތަކުން ބިމަށް ތިރިވެފައިވަނީ ކިތައް ކިތައް ރުއް ހެއްޔެވެ!"
އެކަލޭގެފާނު މި ބަސްފުޅު އެތައް ފަހަރަކު ތަކުރާރުކުރެއްވިއެވެ. އެކަމާ މަޖިލީހުގެ ހުރިހާ އަޞްޙާބުން ހައިރާންވެ، އެ މަގާމުގައި ތިމަންމެން މީހަކު ހިމެނުނުނަމައޭ ހިތަށްއެރިއެވެ.
އަބުއްދަޙްދާޙް އެނބުރި އޭނާގެ އަނބިކަނބަލުން ގާތަށް ވަޑައިގެން ފާރުން ބޭރުގައި ހުންނަވައި އޭނާގެ އަނބިކަނބަލުންނަށް ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ.
"އަހަރެން މި ބަގީޗާ އޭގެ ހުރިހާ އެއްޗަކާއެކު ވިއްކާލައިފީމެވެ."
އަނބިކަނބަލުންނަށް އޭނާގެ ފިރިމީހާގެ ވިޔަފާރީގެ ކުޅަދާނަކަމާއި ހުޝިޔާރުކަން އެނގެއެވެ. އެހެންކަމުން، އުފާވެރިކަމާއެކު އަގަކީ ކޮބައިތޯ ސުވާލުކުރިއެވެ. އަބުއްދަޙްދާޙް ވިދާޅުވިއެވެ. "އަހަރެން މި ބަގީޗާ ވިއްކާލީ ސުވަރުގެއިން ކަނދުރު ގަހަކަށެވެ. އެއީ އޭގެ ހިޔަލުގައި ސަތޭކަ އަހަރު ދަތުރުކުރިޔަސް ހިޔާވަހިކަން ކޮޅުންނުލާނެ ފަދަ ގަހަކަށެވެ."
އެވަގުތު އެ ވަފާތެރި، މުއުމިން އަނބިކަނބަލުން ހިނިތުންވުމާއެކު ގޮވާލިއެވެ.
"އަބުއްދަޙްދާޙްއެވެ! ތިޔަ ކުރެއްވީ ބޮޑު ފައިދާއެއްް އޮތް ވިޔަފާރިއެކެވެ. ތިޔަ ކުރެއްވީ ކާމިޔާބު ބޮޑު ވިޔަފާރިއެކެވެ! ދުނިޔޭގެ ވަގުތީ ލައްޒަތަށްވުރެ އާޚިރަތުގެ ދާއިމީ ހިތްހަމަޖެހުން އިސްކުރި ބަޔަކު ހަމަކަށަވަރުންވެސް ބޮޑުވެގެންވާ ކާމިޔާބީއެއް ހޯދައިފިއެވެ. ކަޢުބާގެ ވެރިރަސްކަލާނގެ ގަންދީ ބުނަމެވެ. ތިޔަ ކުރީ ރަނގަޅު ވިޔަފާރިއެކެވެ."
مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًۭا فَيُضَـٰعِفَهُۥ لَهُۥٓ أَضْعَافًۭا كَثِيرَةًۭ ۚ وَٱللَّهُ يَقْبِضُ وَيَبْصُۜطُ وَإِلَيْهِ تُرْجَعُونَ ٢٤٥
ހެޔޮވެގެންވާ ދަރަންޏަކުން اللَّه އަށް ދަރަނި ދޭހުށީ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، اللَّه، އެ ދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެތެވެ. رزق ދަތިކުރައްވަނީ، އަދި، ތަނަވަސްކުރައްވަނީވެސް اللَّه އެވެ. އަދި، ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ. 2:245
މިއީ ހަމައެކަނި ތާރީޚީ ވާހަކައެއް ނޫނެވެ. މިއީ އިންސާނާގެ ހިތްވަރާއި، ގުރުބާނީއާއި، އާޚިރަތަށްޓަކައި ދުނިޔޭގެ މާއްދިއްޔަތު ދޫކޮށްލުމުގެ ފުން، އިންސާނީ އިހުސާސްތަކެއް ދިރުވައިދޭ ހަގީގީ ދަރުސެކެވެ.






