Image: Pixabay
Image: Pixabay

"ދިސް އިޒް މައި މޯލްޑިވްސް"ގެ ނަމުގައި ބައިނަލްއަޤުވާމީ ފޮޓޯ މުބާރާތެއް ވިޒިޓް މޯލްޑިވްސްއިން ހުޅުވާލައިފި

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފީ ދިރިއުޅުން ފޮޓޯތަކުގެ ޒަރީއާއިން ދުނިޔެއަށް އިޝްތިހާރު ކުރުމަށްޓަކައި "ދިސް އިޒް މައި މޯލްޑިވްސް" ގެ ނަމުގައި ބައިނަލްއަގުވާމީ ފޮޓޯގްރަފީ މުބާރާތެއް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން  ހުޅުވާލައިފިއެވެ.

ކޮންޓެންޓް ކްރިއޭޓަރުންނާއި ފަންނުވެރިންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތް އިއުލާންކޮށްފައިވަނީ، ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް މާކެޓްކުރުމަށް ތަރައްގީކުރި "ކްރިއެޓޯލް" ޕްލެޓްފޯމް އިފްތިތާހުކުރުމަށް ދައުލަތުގެ މީޑިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އަހަރުގެ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި، ކޮންމެ ފަންތިއެއްގެ ފޮޓޯގްރާފަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މުބާރާތަށް ހުށަހަޅާ ފޮޓޯތަކަކީ ރާއްޖޭގެ ރަށްތަކާއި، ރައްޔިތުންގެ ދިރިއުޅުމާއި، ސަގާފަތުގެ އިތުރުން ތިމާވެށި ރަމްޒުކޮށްދޭ އަމިއްލަ ފޮޓޯތަކަކަށް ވާންޖެހޭނެ ކަމަށް ވީއެމްސީން ބުނެއެވެ. މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 50ހާސް ރުފިޔާގެ ނަގުދު ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ހުށަހަޅާ ހުރިހާ ފޮޓޯތަކެއް ރަސްމީކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ބޭނުމުގައި ބޭނުންކުރުމުގެ ހުއްދަ އެ ކޯޕަރޭޝަނަށް ލިބިގެންދާނެއެވެ.

މި މުބާރާތާއެކު ތައާރަފްކުރި "ކްރިއެޓޯލް" ޕްލެޓްފޯމަކީ ރާއްޖޭގެ ވިޝުއަލް އަދި ސަގާފީ އުފެއްދުންތަކަށް ޚާއްސަކޮށްގެން ގާއިމުކުރި ގައުމީ ޑިޖިޓަލް މާކެޓްޕްލޭސްއެކެވެ. ވީއެމްސީން މައުލޫމާތުދޭ ގޮތުގައި، މި ޕްލެޓްފޯމްގެ މައިގަނޑު ބޭނުމަކީ ދިވެހި ފަންނުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، މީޑިއާގެ އިތުރުން ބޭރުގެ މިޝަންތައް ސީދާގޮތެއްގައި ގުޅުވައިދީ، ފަންނުވެރިންގެ އުފެއްދުންތަކަށް ބާޒާރުގައި ހަމަ އަގު ހޯދައިދިނުމެވެ.

ހިއްސާ ކުރައްވާ!