15 އަހަރު ފަހުން އެމެރިކާ މީހަކަށް ދެވަނަ ފަހަރަށް ލޮޓަރީގެ ބޮޑު އިނާމެއް!

ބައެއް ފަހަރު ނަސީބަކީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް އިންސާނާގެ ދިރިއުޅުމަށް އައިސް ބޯކޮޅު ބަލާލާ އެއްޗެކެވެ. އެމެރިކާގެ އިލިނޮއި ސްޓޭޓަށް ނިސްބަތްވާ ފިރިހެނަކަށް މިވަނީ ދިރިއުޅުމުގައި އެއްފަހަރެއް ނޫން، ދެފަހަރު ނަސީބުގެ ދޮރު ހުޅުވިފައެވެ. މީގެ 15 އަހަރު ކުރިން ލޮޓަރީއަކުން ބޮޑު ފައިސާގެ އިނާމެއް ހާސިލުކުރި މި މީހާއަށް، މިދިޔަ މަހު މިވަނީ އަނެއްކާވެސް 1.3 މިލިއަން ޑޮލަރު ގެ ބޮޑު ޖެކްޕޮޓެއް ލިބިފައެވެ.

އިލިނޮއި ލޮޓަރީން ހާމަކުރި ގޮތުގައި، ޝިކާގޯ ސަރަހައްދަށް ނިސްބަތްވާ، އަދި އަމިއްލަ ނަން ހާމަކުރަން ބޭނުންނުވާ މި ނަސީބުވެރިޔާ މި ފަހަރުގެ ޓިކެޓް ގަތީ އެއްވެސް ރޭވުމެއް ނެތިއެވެ. އޭނާ "ނިއުޔޯކް ޕޯސްޓް" ނޫހަށް ކިޔައިދިން ގޮތުގައި، އޭނާ "އޮސްވީގޯ" ސިޓީގެ ގޭސްސްޓޭޝަނަކަށް މަޑުކޮށްލީ ހަމައެކަނި ބޯނެ އެއްޗެއް ގަނެލުމަށެވެ.

"ބޯނެ އެއްޗެއް ގަންނަން މަޑުކޮށްލާފައި ހިތަށް އެރީ، ކީއްވެ ހޭ ނަސީބު ދިމާކޮށް ނުލަންވީ؟ އެހެންވެ 'ލަކީ ޑޭ ލޮޓޯ’ގެ ކުއިކްޕިކް ޓިކެޓެއް ގަތީ. އެއީ ހަމަ ހަގީގަތުގައިވެސް އަހަރެންގެ ނަސީބުވެރި ދުވަސް،" ހިނިތުންވުމަކާއެކު އޭނާ ކިޔައިދިނެވެ.

ޖޫން 11 ގައި ނެގި މި ގުރުއަތުން އޭނާ ގަތް ޓިކެޓުގެ ހުރިހާ ނަންބަރުތަކެއް (1-13-19-27-35) ދިމާވެ، އޭނާ ވެގެންދިޔައީ މުޅި މުބާރާތުގެ އެއްވަނަ އަށެވެ.

"ފުރަތަމަ ގަބޫލެއްވެސް ނުކުރެވުނު. ހީވީ ހުވަފެނެއް ހެން. އެކަމަކު ޓިކެޓް ސްކޭންކޮށް، ނަންބަރުތައް ޔަގީންވުމުން މިއީ ހަގީގަތެއްކަން އެނގުނީ،" އޭނާގެ ހިތް ހަލަބޮލިވި ވަގުތުކޮޅު ސިފަކޮށްދެމުން ބުންޏެވެ.

މި ލިބުނު އިނާމު ފައިސާގެ ބޭނުން ހިފާނެ ގޮތުގެ ރޭވުންތައްވެސް އޭނާގެ ބޮލުގައި މިހާރު އެބަހުއްޓެވެ. އޭނާ ބޭނުންވަނީ އާއިލާއަށް އާ ގެއެއް ގަނެ، އޭނާއާއި އޭނާގެ އަންހެނުންގެ ރިޓަޔަރމަންޓް ކަންކަން ހަމަޖެއްސުމަށެވެ. "މި ލިބުނު ނިއުމަތަށް އަހަރެމެން ވަރަށް އުފާކުރަން. އަހަރެންގެ ކުދިން މިކަމާ މާ ބޮޑަށް އުފާވާނެ،" އޭނާ ބުންޏެވެ.

މި ނަސީބުވެރި ޓިކެޓް ވިއްކި ގޭސްސްޓޭޝަނަށް ވެސް ވަނީ އިނާމެއްގެ ގޮތުގައި 13،000 ޑޮލަރު (ޖުމްލަ އިނާމުގެ 1 އިންސައްތަ) ލިބިފައެވެ.

މިއީ މި މީހާއަށް ނަސީބު ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ 15 އަހަރު ކުރިން، އެ ކުންފުނީގެ ލޮޓަރީއަށް "ލިޓްލް ލޮޓޯ" ކިޔުނު ދުވަސްވަރު ވެސް އޭނާ ވަނީ 45،000 ޑޮލަރުގެ އިނާމެއް ކާމިޔާބުކޮށްފައެވެ. ދުނިޔޭގައި އެއް ފަހަރު ލޮޓަރީ އެއް ހާސިލުކުރުމަކީވެސް މަދު މީހަކަށް ނޫނީ ނުލިބޭ ނަސީބަކަށް ވާއިރު، 15 އަހަރުގެ މެދުކެނޑުމަކަށްފަހު މިފަދަ ބޮޑު އިނާމެއް ދެވަނަ ފަހަރަށް ލިބުމަކީ ހަމަ ހަގީގަތުގައިވެސް އާދަޔާ ޚިލާފް ކަމެކެވެ.

އިސްލާމީ ޝަރީއަތުގައި ލޮޓަރީގެ ހުކުމާ ބެހޭ ފިގުހީ ކުރު ނޯޓެއް:

އިންޓަރނޭޝަނަލް އިސްލާމިކް ފިގުހު އެކަޑެމީ އަދި އަލްއަޒްހަރު ފަދަ އިސްލާމީ ފިގުހީ އެކަޑެމީތަކާއި ދީނީ އިލްމީ މުއައްސަސާތައް އިއްތިފާގުވާ ގޮތުގައި، މި ޒަމާނުގައި ކުޅޭ ލޮޓަރީގެ ހުރިހާ ބާވަތްތަކަކީވެސް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ މައިސިރް ގެ ތެރެއިންވާ ކަންކަމެވެ. މި ހަރާމްކުރެއްވުން ބިނާވެގެންވަނީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ޤަޠުޢީ ދަލީލުތަކުގެ މައްޗަށެވެ. އެއީ މިފަދަ މުއާމަލާތްތަކުގައި، ވިޔަފާރީގެ އަގުތައް ފާސިދުކޮށްލާ ފަދަ އޮޅުވާލުމާއި ނޭނގުން (ޣަރަރު) އެކުލެވޭތީއެވެ.


ކީރިތި ގުރުއާނުން ދަލީލުތައް

ކީރިތި ގުރުއާނުގައި ޖުވާކުޅުމާއި މައިސިރް ހިމަނުއްވާފައިވަނީ ބުދަށް އަޅުކަންކުރުމާއި ރާބުއިމާ އެއް ދަރަޖައެއްގެ ބޮޑެތި ފާފަތަކުގެ ތެރޭގައެވެ. އަދި އެކަންކަމުން ދުރުހެލިވުމަކީ ކާމިޔާބީގެ ޝަރުތެއް ކަމުގައިލައްވާފައިވެއެވެ.

މާތްﷲ ސޫރަތުލް މާއިދާގައި ވަހީކުރައްވާފައިވެއެވެ:
﴿يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ﴾ [المائدة: 90].
(މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.)

މި އާޔަތުގައިވާ "فَاجْتَنِبُوهُ" (އެކަމުން ދުރުހެލިވާށެވެ!) މި އަމުރުން ދޭހަކޮށްދެނީ އެކަން މުތުލަގުކޮށް (ކަނޑައެޅިގެން) ހަރާމްވުމެވެ. އަދި މައިސިރަކީ ޝައިޠާނާގެ ހަޑިމުޑުދާރު އަމަލެއްގެ ގޮތުގައި ސِފަކުރެއްވުމުން، މިއީ ހަމައެކަނި މަކުރޫހަ ކަމެއް ނޫންކަމާއި، މިއީ މުޅިން މަނާވެގެންވާ ބޮޑު ފާފައެއްކަން ސާބިތުވެއެވެ.

ޖެހިގެން އައި އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ:
﴿إِنَّمَا يُرِيدُ ٱلشَّيْطَـٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ﴾ [المائدة: 91].
(މާނައީ: شيطان އާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި عداوة ތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)

މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކެއުން ހަރާމްކުރެއްވުން:
ލޮޓަރީއަކީ މީސްތަކުންގެ މުދާ ނާޖާއިޒު ގޮތުގައި އަތުލުންކަމަށްވާތީ، އެކަން މި އާޔަތަށް ވަދެއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ﴾ [النساء: 29].
(މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ.)


މަނާކުރެއްވުމުގެ ފިގުހީ އަސާސް (އިގްތިސާދީ ސަބަބު)

ލޮޓަރީ ހަރާމްވުމުގެ އެކަޑެމިކް އަދި ފިގުހީ ސަބަބުތައް މައިގަނޑު ދެ ނުކުތާއަކަށް ބެހިގެންވެއެވެ.

  • ނޭނގުމާއި އޮޅުވާލުން (ޣަރަރު): އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ މުއާމަލާތްތައް ބިނާވަނީ އަގާއި މުދާ ސާފުކޮށް އެނގި އޮޅުން ފިލުމުގެ މައްޗަށެވެ. ނަމަވެސް ލޮޓަރީގައި، ބައިވެރިޔާ، ޓިކެޓުގެ އަގުގެ ފައިސާ ދެނީ އޭނާއަށް ލިބޭނެ އެއްޗެއް ނޭނގޭ ހާލުގައެވެ. އޭނާ ހުންނަނީ ފައިސާ ގެއްލިދާނެ ކަމުގެ ބިރާއި ނުވަތަ އެއްވެސް މަސައްކަތެއް ނެތި ބޮޑު ފައިދާއެއް ލިބިދާނެ ކަމުގެ އުންމީދެއްގެ މެދުގައެވެ. މިއީ ހަމަ ޖުވާކުޅުމުގެ އަސްލެވެ.
  • ފައިސާ ބޭނުންކުރާ މަގްސަދު ރަނގަޅުވިޔަސް ހަލާލުނުވުން: ލޮޓަރީން ލިބޭ ފައިސާގެ ބައެއް ހެޔޮ ކަންކަމަށް ނުވަތަ ގައުމީ މަޝްރޫއުތަކަށް ހޭދަކުރި ކަމުގައިވިޔަސް، އޭގެ ހަރާމްކަން ކެނޑިގެނެއް ނުދެއެވެ. ފިގުހީ ގާޢިދާގައި އޮންނަނީ "الغاية لا تبرر الوسيلة" (މަގްސަދު ރަނގަޅުވުމަކީ ވަސީލަތް ހަލާލުވާނެ ސަބަބެއް ނޫނެވެ!) މިފަދައިންނެވެ. މާތްﷲ ގެ ހަޟްރަތަށް ކުއްތަންވެވޭނީ ހަލާލު ތާހިރު ކަންކަމުންނެވެ. ރަސޫލާ ﷺ ހަދީޘްކުރައްވާފައިވެއެވެ: "إنَّ اللَّهَ طَيِّبٌ لا يَقْبَلُ إلَّا طَيِّبًا" (ހަމަކަށަވަރުން މާތްﷲ އީ ތާހިރުވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ތާހިރު އެއްޗެއް މެނުވީ ގަބޫލެއް ނުކުރައްވަތެވެ.)
ހިއްސާ ކުރައްވާ!