ބޮޑު ބާރަށް ވެގެން ފޮނިކަނޑާ ގައުމުން ކަރަންޓު ކެނޑި ތިންވަނަ ދުނިޔޭގެ ފެންވަަރަށް ވެއްޓިއްޖެ

އެމެރިކާގެ އެކި ސްޓޭޓްތަކަށް ކުރިމަތިވި މޫސުމީ ހާލަތްތަކާއި ގަދަ ތޫފާންތަކުގެ ސަބަބުން، އެގައުމުގެ 623,000 އަށްވުރެ ގިނަ ގެދޮރާއި ވިޔަފާރި މުއައްސަސާތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. އެމެރިކާގެ ކަރަންޓު ކެނޑުންތައް މޮނިޓަރކުރާ ރަސްމީ ވެބްސައިޓާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއްލިބި، އެންމެ ގިނަ އަދަދަކަށް ކަރަންޓު ކެނޑިފައިވަނީ ޕެންސިލްވޭނިއާ ސްޓޭޓުންނެވެ. އެ ސްޓޭޓްގެ 6.7 މިލިއަން ކަސްޓަމަރުންގެ ތެރެއިން 119,300 އަށްވުރެ ގިނަ ތަނުން ވަނީ އެއްކޮށް ކަރަންޓު ކެނޑިފައެވެ.

ޕެންސިލްވޭނިއާގައި ކަރަންޓުގެ ޚިދުމަތްދޭ އެލެކްޓްރިކް ސާވިސަސް އިން ހާމަކުރި ގޮތުގައި، ތޫފާން ފެށުނު ފަހުން މިހާތަނަށް 130,000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ކަރަންޓު އަލުން ދެވުނު ނަމަވެސް، ކަރަންޓު ވިއުގައަށް  ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ބައެއް ހިސާބުތަކުގައި ނިޒާމު އަލުން ބިނާކުރަން ވަނީ ޖެހިފައެވެ.

މި ހާދިސާގައި ދެވަނައަށް އެންމެ ބޮޑު އަސަރެއް ކުރީ މިޝިގަން ސްޓޭޓަށެވެ. އެގޮތުން އެ ސްޓޭޓްގެ 110,060 އަށްވުރެ ގިނަ ކަސްޓަމަރުންގެ ކަރަންޓު ވަނީ ކެނޑިފައެވެ. އެ ސަރަހައްދަށް ޚިދުމަތްދޭ ކުންފުނިން ލަފާކުރާ ގޮތުގައި ހޯމަ ދުވަހުގެ ނިޔަލަށް 95 އިންސައްތަ މީހުންނަށް ކަރަންޓު އަލުން ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން ނިއު ޔޯކް ސްޓޭޓްގެ 173,700 އަށްވުރެ ގިނަ ކަސްޓަމަރުންނަށްވެސް މޫސުމީ ހާލަތުގެ އަސަރުކޮށްފައިވެއެވެ. އެ ސަރަހައްދަށް ކަރަންޓުދޭ ކުންފުނިން ބުނިގޮތުގައި ނިއު ޔޯކް ސިޓީގެ އުތުރުން އޮންނަ ވެސްޓްޗެސްޓާ ކައުންޓީގެ ސިޓީތަކަށް ކަރަންޓު ކެނޑި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން، އެމެރިކާގެ މެދުތެރޭ ސަރަހައްދުތަކަށް އެރި ބާރުގަދަ ނަގޫރޯޅިތަކާއި ތޫފާނުގެ ސަބަބުން މިހާތަނަށް މަދުވެގެން 5 މީހުން ވަނީ މަރުވެފައެވެ. މިފަދަ ފިނި އަދި ގަދަ ތޫފާންތަކުގެ ސަބަބުން ކަރަންޓު ކެނޑުމުން، ޓެކްސަސް ފަދަ ބައެއް ސްޓޭޓްތަކުގެ ރައްޔިތުން ގޭގެ ފަރުނީޗަރު އަންދައިގެން ހޫނުކުރަން ޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!