މިޞްރަކީ އެވޭލާ ޒަމާނުއްސުރެ ނީލަކޯރުގެ އައްސޭރިފަށުގައި ގިނަ އަދަދަކަށް ހެދޭ "ޕަޕައިރަސް" ގަހުގެ ބޭނުން ހިފާ ގައުމެކެވެ. މީލާދުގެ 25 ގަރުނު ކުރިން، ގަދީމީ މިޞްރުގެ މީހުން ވަނީ މި ގަސް ބޭނުންކޮށްގެން ލިޔަން ހެޔޮވަރުގެ، ކަރުދާސް އުފައްދާނެ އާދަޔާޚިލާފު އުކުޅެއް ހޯދާފަ އެވެ. އެހެން ގައުމުތަކުގެ މީހުން ހިލައާއި، ލަކުޑިއާއި، ޖަނަވާރުގެ ހަމާއި ކަށީގައި ތާރީޚު ލިޔެއުޅުނުއިރު، މިޞްރު ވަނީ ތާރީޚު ލިޔަން މާ ފަސޭހަ މަގެއް ހޯދުމުގައި އެންމެންނަށްވުރެ ކުރިއަރާފަ އެވެ.
މި ޕަޕައިރަސް ކަރުދާސް ހަމައެކަނި ގަދީމީ މިސްރުގެ ހީރޮގްލިފިކްސް ލިޔުމަށް އެކަނި ބޭނުންކުރީއެއް ނޫނެވެ. އޭގެ ފަހުން ޢަރަބި ބަހުން ލިޔެވިފައިވާ ލިޔުންތައް ވެސް މި ކަރުދާހުން ފެނިފައިވެ އެވެ. މިއީ ގިނަ ބަޔަކަށް އެނގިފައި ނުވާ ހަގީގަތެކެވެ. "އިސްލާމީ ފަތަޙައަށްފަހުވެސް މިޞްރުގެ އިދާރީ، އިގްތިސާދީ އަދި ސަގާފީ ދާއިރާގައި ޕަޕައިރަސް ކަރުދާސް މުހިންމު ދައުރެއް އަދާކުރި އެވެ."
ހިޖުރައިން 19 އާއި 21 އާ ދެމެދު ޞަޙާބީ ޢަމްރު ބިން އަލްޢާޞް ރަޟިޔަﷲ ޢަންހު މިސްރު ފަތަޙަ ކުރެއްވި ފަހުންވެސް، އެތައް ގަރުނެއް ވަންދެން މި ކަރުދާސް އާންމުކޮށް ބޭނުންކުރިއެވެ. މުސްލިމުންނަށް ފެނުނީ މިއީ ޖަނަވާރުގެ ހަމުން ހަދާ ކަރުދާހަށްވުރެ އަގުހެޔޮ، ފަސޭހައިން ލިބޭ އެއްޗެއްގެ ގޮތުގަ އެވެ. އެއީ ޗައިނާއިން އީޖާދުކޮށް އައި ކަރުދާސް އިސްލާމީ ދުނިޔެއަށް އާންމުވުމުގެ ކުރިންނެވެ. އެ ކަރުދާސް އާންމުވާން ފެށީ ހިޖުރީ ސަނަތުން ދެވަނަ ގަރުނުގަ އެވެ.
ވިޔަފާރިއަށް ބޭނުންކުރާ ޕަޕައިރަސް ހަދަނީ ޚާއްޞަ ކާރުޚާނާތަކުގަ އެވެ. ބާޒާރަށް ނެރެނީ އާންމުކޮށް 20 ސަފްހާ އެކުލެވޭ ރޯލެއްގެ ގޮތުގަ އެވެ. މި ރޯލުގެ ފުރަތަމަ ގަނޑަށް ގްރީކް ބަހުން ކިޔަނީ "ޕްރޮޓޮކޯލް" އެވެ. އެ ގަނޑަކީ ރަސްމީ މައުލޫމާތާއި ލިޔުމުގެ މުގައްދިމާ ހުންނަ ސަފްހާއެވެ. ޕްރޮޓޮކޯލުގެ އުސޫލުތައް ބޭނުންކުރާ މިބަސް ނެގިފައި ވަނީ މިއިންނެވެ.
އިސްލާމީ ޕަޕައިރަސް ލިޔުންތައް
ނަވާރަވަނަ ގަރުނުގެ ފަހުކޮޅު މިޞްރުގެ ފައްޔޫމް އަދި ރަށްފުށުގެ ސަރަހައްދުން އިސްލާމީ ޢަރަބި ބަހުން ލިޔެފައިވާ ގަދީމީ ޒަމާނުގެ ޕަޕައިރަސް ފެނުމަކީ ބޮޑު ކާމިޔާބީއެކެވެ. މި ލިޔުންތަކުން ކުރީގެ މުސްލިމުންގެ ދިރިއުޅުމާއި، އިދާރީ ނިޒާމާއި، ކައިވެންޏާއި ވަރީގެ އެއްބަސްވުންތަކާއި، އަމިއްލަ ސިޓީތައް ފެނިގެންދިޔަ އެވެ. މިއީ އެ ޒަމާނުގެ އަސްލު މަސްދަރުތަކަށްވުމުން ތާރީޚު ރަނގަޅަށް ދެނެގަތުމަށް އެހީތެރިވެދެ އެވެ.
މިޞްރުން ފެނުނު އެންމެ ބޮޑު ދެ ތާރީޚީ ޚަޒާނާއަކީ ޢަރަބި ބަރުދިއްޔާތުތަކާއި "ޖެނީޒާ" ލިޔުންތަކެވެ. ޖެނީޒާ އަކީ 1896 ގައި ގަދީމީ ގާހިރާގެ ޔަހޫދީ ފައްޅިން ފެނުނު، ޢިބްރާނީ، ޢަރަބި އަދި އަރާމީ ބަހުން ލިޔެފައިވާ ދީނީ، ވިޔަފާރި އަދި ޝަރުޢީ ލިޔުންތަކެކެވެ.
އޮސްޓްރިއާގެ މުސްތަޝްރިޤު އެޑޮލްފް ގްރޯމަން އަކީ ޢަރަބި ބަރުދިއްޔާތު (ޕަޕައިރަސް) ދިރާސާކުރުމުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތެވެ. ޢަރަބި ބަރުދިއްޔާތުތައް ދިރާސާކުރަން ފެށުނީ 1824 ގައި ސައްޤާރާގެ ސަރަހައްދުން، މުށި ރުނބާއެއްގެ ތެރެއިން ފެނުނު ދެ ޢަރަބި ލިޔުމަކުންނެވެ. އޭގެ ފަހުން ޔޫރަޕްގެ މިއުޒިއަމްތަކުގައި މިފަދަ ލިޔުންތައް ޖަމާކުރަން ފެށުނެވެ. އޭގެ ތެރެއިން ޖަރުމަނުގެ ހައިޑެލްބާގް އަދި އޮސްޓްރިއާގެ އާޗްޑިއުކް ރެއިނާގެ ކަލެކްޝަން އަކީ މަޝްހޫރު ކަލެކްޝަނެކެވެ. އެޑޮލްފް ގްރޯމަން އޭނާގެ ހަޔާތުގެ އެތައް އަހަރެއް މި ލިޔުންތައް ތަރުޖަމާކޮށް ޝާއިޢުކުރުމުގައި ހޭދަކުރެއްވި އެވެ. އޭނާ ވަނީ 1936 އާއި 1955 އާ ދެމެދު ގާހިރާ ޔުނިވަރސިޓީގައި ވިޒިޓިންގް ޕްރޮފެސަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.
މި ލިޔުންތައް ހިޖުރައިން 20 ވަނަ އަހަރު، ޢަމްރު ބިން އަލްޢާޞްގެ ވެރިކަމުގެ ޒަމާނުން ފެށިގެން ޤާހިރާ ބިނާކުރި ފާތިމީ ދައުރާ ހަމައަށް ދެމިގެންވެ އެވެ. މީގެ މުހިންމުކަމަކީ، އާންމު ތާރީޚީ ފޮތްތަކުގައި ޚަލީފާއިންގެ ޚަބަރުތަކާއި ހަނގުރާމަތަކުގެ ވާހަކަ އެކަނި ހުންނައިރު، މިސްރުގެ ލިޔުންތަކުން އާންމު ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ކުދިކުދި ތަފްސީލުތައް އެނގޭތީ އެވެ. ކުރީކޮޅު މި ލިޔުންތަކުގައި ޢަރަބި ބަހުގެ އިތުރުން ގްރީކް ބަސްވެސް ބޭނުންކޮށްފައި ހުއްޓެވެ.
މި ލިޔުންތަކުން ރަށްރަށުގެ ނަމާއި، ވަޒީފާތަކާއި، ތަކެތީގެ އަގުތަކާއި، ފައިސާގެ ބާވަތްތަކާއި ޓެކްސް އަދި ޖިޒްޔަ އަދި ޚަރާޖް ނަގާގޮތް އެނގެން ހުރިކަމަށް ޑރ. ސަޢީދު މަޣާވަރީ މުޙައްމަދު ފާހަގަކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި، މި ލިޔުންތަކުން މުސްލިމް ވެރިންނާއި މިޞްރުގެ ގަދީމީ ޤިބްޠީ ނަޞާރާއިންނާ ދެމެދު އޮތް ގުޅުމާއި، އެމީހުންގެ ދީނީ އަދި އިގްސާދީ މިނިވަންކަން އޮތް މިންވަރު އެނގެ އެވެ. އަދި ދެބައިމީހުންގެ ދެމެދުގައި ކުރެވުނު ކައިވެންޏާއި ވިޔަފާރީގެ މުޢާމަލާތްތައްވެސް ސާފުވެ އެވެ.

ޢަބްދުﷲ ބިން ޖަބްރުގެ ޕަޕައިރަސް ލިޔުން
މިފަދަ ލިޔުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ "ޢަބްދުﷲ ބިން ޖަބްރުގެ ބަރުދިއްޔާ" އެވެ. މިއީ މިހާތަނަށް ފެނިފައިވާ، ޢަރަބި އަދި ގްރީސް ބަހުން ލިޔެފައިވާ އެންމެ ދުވަސްވީ ލިޔުމެވެ. މީގައި ތާރީޚު ކޮށްފައި ވަނީ ހިޖުރައިން 22 ވަނަ އަހަރުގެ ޖުމާދަލް އޫލާ މަހެވެ. އެއީ މީލާދީން މޭ 643 އެވެ. ވިއެންނާގެ މިއުޒިއަމްގައި ރައްކާކޮށްފައިވާ މި ލިޔުމުން، އިސްލާމީ ވެރިކަމުގެ ކުރީކޮޅު މިޞްރުގެ ރައްޔިތުންނާއެކު އޮތް ގުޅުން ފެނެ އެވެ.
"ބިސްމިﷲ ….. މިއީ ޢަބްދުﷲ ބިން ޖަބްރު އަދި އޭނާގެ ބައިވެރިން، އިހްނާސްގެ ރައްޔިތުންގެ އަތުން ކަތިލުމަށް ބޭނުންކުރި ޖަނަވާރުގެ ތެރެއިން އަތުލި އެއްޗެހީގެ ތަފްސީލެވެ. ތަދްރާޤް ބިން އަބީ ޤީރް އަލްއަޞްޣަރުގެ ނާއިބާއި، އިޞްޠަފާ ބިން އަބީ ޤީރް އަލްއަކްބަރުގެ ނާއިބުގެ އަތުން އަހުރެމެން 50 ކަންބަޅި އަތުލީމެވެ. އަދި އޭނާގެ ނަވުތަކުގެ މީހުންނާއި ލަޝްކަރުގެ މީހުން ކަތިލުމަށް އިތުރު 15 ކަންބަޅި، ހިޖުރައިން ބާވީސްވަނަ އަހަރުގެ ޖުމާދަލްއޫލާ މަހު އަތުލީމެވެ. ލިޔުނީ އިބްނު ޙަދީދޫ އެވެ." މި ލިޔުމުގެ ޢަރަބި ބައިގައިވެ އެވެ.
މި ލިޔުމުން އެނގެނީ މުސްލިމުން އާންމުން މަޖުބޫރު ނުކޮށް އެއްބަސްވުމާ އެއްގޮތަށް ކަންކަން ރާވާފައިވާ ކަމެވެ. އަދި މިއީ ޢަބްދުﷲ ބިން ޖަބްރު، ދެކުނު މިޞްރު ފަތަޙަކުރަން ދިޔަ މުސްލިމް ލަޝްކަރަށް ކާންދިނުމަށްޓަކައި 65 ކަންބަޅި ހަވާލުވުމަށްފަހު ދިން ރަސްމީ ރަސީދެކެވެ. މި ކަންބަޅިތަކުގެ އަގު، އެ ރަށުގެ މީހުން ދައްކަންޖެހޭ ޓެކްހުން ކަނޑައިދޭނެކަން މީގައި ބަޔާންވެފައިވެ އެވެ. މިއިން ދޭހަވަނީ މުސްލިމުންގެ އިދާރީ ނިޒާމުގެ ޢަދުލުވެރިކަމެވެ.
އިބްނު ޖަބްރުގެ ލިޔުމުން މުސްލިމް ލަޝްކަރުގެ ތަރުތީބާއި، ފައިމަގުގައާއި، އަސްވާރުން އަދި ކޯރުގެ ނަވުތައް ބޭނުންކުރި ގޮތް އެނގެ އެވެ. މި ޙަޤީޤަތަށް ބާރުދެނީ އެ ޒަމާނުގައި އުޅުއްވި ބޮޑެއް ކަމަށްވާ ޔޫޙަންނާ އަލްނަޤްޔޫސީގެ ހެކިބަހުންނެވެ. "ޢަމްރު ބިން އަލްޢާޞް ވަނީ ފައްޅިތަކުން ނަގަމުންދިޔަ ޓެކްސްތައް ކަނޑާލައްވާފަ އެވެ. އަދި ފައްޅިތަކުގެ މުދަލުން އެއްވެސް އެއްޗެއް ފޭރިގެންފައެއް ނުވެ އެވެ. އޭނާގެ ވެރިކަމުގައި ފައްޅިތައް ހިމާޔަތްކޮށްދެއްވި އެވެ." ޔޫޙަންނާ އަލްނަޤްޔޫސީ ލިޔެފައިވެ އެވެ.
ޢަބްދުﷲ ބިން ޢުމައިސްގެ ޕަޕައިރަސް ލިޔުން
ގްރޯމަން އެންމެ ދުވަސްވީ ލިޔުމަކަށް އިބްނު ޖަބްރުގެ ލިޔުން ބެލިނަމަވެސް، އޭގެ ފަހުން އެއަށްވުރެ ދުވަސްވީ ލިޔުމެއް ފެނިފައިވެ އެވެ. އެއީ ހިޖުރައިން 20 ވަނަ އަހަރު (މީލާދުން 641) ގެ ލިޔުމެކެވެ. މިއީ މިޞްރު ފަތަޙަކުރި ދުވަސްވަރުގެ އެންމެ ކުރީގެ ލިޔުމެވެ.
"ބިސްމިﷲ …. މިއީ އަބޫ މަޤްރޫފްގެ އަހުލުވެރިންގެ ތެރެއިން އަސްދަރާއާއި އޭނާގެ އަންހެނުންނަށް، ޢަބްދުﷲ ބިން ޢުމައިސް ދައްކަން ޖެހޭކަމަށް ނިންމި 3 ދީނާރެވެ. ހިޖުރީން ވިހިވަނަ އަހަރު އެވެ." މިއީ މުސްލިމް ސިފައިންގެ މީހަކު، މިޞްރުގެ ރައްޔިތަކަށް ދައްކަންޖެހޭ 3 ދީނާރުގެ ދަރަންޏެއް އޮތްކަމުގެ ރަސްމީ ހެއްކެކެވެ.
އިބްނު ޢުމައިސްގެ ލިޔުމުން ފެންނަނީ ކަނޑީގެ ބާރުން ކަންކަން ކުރި ވެރިއެއްގެ ސޫރައެއް ނޫނެވެ. އޭގެ ބަދަލުގައި ފެންނަނީ ހައްގުތަކަށް އިހުތިރާމުކޮށް، އެ ހައްގުތައް ރައްކާތެރިކުރި ހަގީގަތެކެވެ. މުސްލިމުން ކާމިޔާބު ހޯދައި، ބާރުގެވެރިންގެ ގޮތުގައި ތިބިއިރުވެސް، އާންމު ރައްޔިތެއްގެ ހައްގަށް އަރައެއްނުގަނެ އެވެ. ތާރީޚު ފޮތްތަކުގައި ހަމައެކަނި ކިއްލާތަކާއި ހަނގުރާމަތަކުގެ ވާހަކަ ހުންނައިރު، މިފަދަ ކުދިކުދި ލިޔުންތަކުން ދައްކައިދެނީ އިސްލާމީ ފަތަޙައިގެ އަނެއް ފަރާތެވެ. އެއީ މުސްލިމުން ބާރުގެ ބޭނުންކޮށްގެން އިންސާފާއި، އަދުލުވެރިކަން ގާއިމުކުރި ގޮތުގެ ދިރިހުރި ހެކިތަކެކެވެ. އަލްޖަޒީރާ






