އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވި ގޮތުގައި، ސްޕެއިނާއެކު އޮތް ހުރިހާ ވިޔަފާރީގެ ގުޅުމެއް ކަނޑާލުމަށް ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓްއަށް ވަނީ އަމުރުކުރައްވާފައެވެ. އަދި މެޑްރިޑަކީ (ނޭޓޯގެ "ގޯސް ބައިވެރިއެއް" ގެ ގޮތުގައި ސިފަކުރައްވައި އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ތުރުކީގެ ވެރިރަށް އަންކާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯ ސަމިޓުގެ ކުރިން، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓޭއާއެކު މީޑިއާއަށް ފެނިވަޑައިގަތް ވަގުތުގައެވެ.
ޓްރަމްޕް ވިދާޅުވީ، ސްޕެއިނާއެކު އޮތް ހުރިހާ ވިޔަފާރީގެ ގުޅުމެއް ކަނޑާލުމަށް މާލީ ވަޒީރަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. ހަމައެއާއެކު، ގްރީންލޭންޑް އަދި އީރާނުގެ މައްސަލައިގައި ނޭޓޯއިން ގެންގުޅޭ ވިސްނުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ.
އެމެރިކާގެ ރައީސް ވާހަކަފުޅުގައި، މި ފިޔަވަޅުތަކުގެ ތަފްސީލެއް ނުވަތަ މިއަށް އަމަލުކުރަން ފަށާނެ ތާރީޚެއް ހާމައެއް ނުކުރައްވައެވެ. އަދި މިކަމާ ގުޅިގެން ސްޕެއިން ސަރުކާރުން ވަގުތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޓްރަމްޕްގެ މިނުލަފާ ބަސްތައް އައިސްފައިވަނީ، އީރާނާއި އާކްޓިކް ސަރަހައްދާ ގުޅުންހުރި ސަލާމަތީ އަދި ސިޔާސީ އެތައް މައްސަލަތަކެއްގައި ނޭޓޯގެ އެތެރޭގައި ބަހުސްތައް ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
"ޓެލެގްރާފް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު އެމެރިކާއިން ސްޕެއިނަށް 26.6 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. މިއާއެކު އެމެރިކާއަށް ވަނީ 5.2 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ ފައިދާއެއް ލިބިފައެވެ.
މިކަމާ ގުޅިގެން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ތަރުޖަމާނު ވިދާޅުވީ، އެ ގައުމާއި އެމެރިކާއާ ދެމެދު އިޖުތިމާއީ، ސަގާފީ އަދި އިގްތިސާދީ ގޮތުން ވަރަށް ފުރިހަމަ ގުޅުމެއް އޮންނަ ކަމަށެވެ.
"ޓެލެގްރާފް" އިން އިތުރަށް ބުނެފައިވަނީ، ޔޫރަޕްގެ އެހެން ގައުމުތަކާ އަޅާބަލާއިރު ސްޕެއިން އެމެރިކާގެ ވިޔަފާރިއަށް ބަރޯސާވާ މިންވަރު ކުޑައެވެ. އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލުގެ އަގަކީ ސްޕެއިންގެ ޖީޑީޕީގެ އެންމެ 1.1% އެވެ. މިއީ ޔޫރަޕްގެ އިއްތިހާދުގެ އެވްރެޖް ނިސްބަތް ކަމަށްވާ 3.2% އަށްވުރެ މާ ދަށް އަދަދެކެވެ.




