ޕެސިފިކްގައި ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އޮސްޓްރޭލިއާއިން ފިޖީއާއެކު 1 ބިލިއަން ޑޮލަރުގެ އަސްކަރީ އެއްބަސްވުމެއް

ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ޗައިނާއިން ފަތުރަމުންދާ ނުފޫޒުތައް ހަނިކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ފިޖީއާއެކު ތާރީޚީ އަސްކަރީ އިއްތިހާދެއް ގާއިމުކޮށްފިއެވެ. "އޯޝަން އޮފް ޕީސް"ގެ ނަމުން ނަންދެވިފައިވާ މި ދިފާއީ މުޢާހަދާއަކީ ގިނަ ދިރާސާވެރިން ހީކުރި ވަރަށްވުރެ މާ ފުޅާ އަދި ވަރުގަދަ އެއްބަސްވުމެކެވެ. މި އެއްބަސްވުމާއެކު، އެމެރިކާ، ނިއުޒިލޭންޑް އަދި ޕަޕުއާ ނިއު ގިނީ (ޕީ.އެން.ޖީ) އަށްފަހު އޮސްޓްރޭލިއާއިން ރަސްމީ ދިފާއީ މުޢާހަދާއެއް ހެދި ހަތަރުވަނަ ބައިވެރިޔާއަށް ފިޖީ ވަނީ ވެފައެވެ.

ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި އޮސްޓްރޭލިއާއިން ދޭ 1 ބިލިއަން ޑޮލަރުގެ ފަންޑިންގއާ އެކު، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އާއި ފިޖީގެ ބޮޑުވަޒީރު ސިޓިވޭނީ ރަބޫކާއެވެ. ފިޖީގެ ވެރިރަށް ސުވާގައި ބޭއްވި ރަސްމިއްޔާތެއްގައި، އަސްކަރީ އެއްބަސްވުމުގެ އިތުރުން އިޤްޠިޞާދާއި، މޫސުމީ ބަދަލުތަކާއި، ސިއްހަތު އަދި ހިޖުރަކުރުމުގެ ދާއިރާ ހިމެނޭ "ވުވާލޭ ޔޫނިއަން" އެއްބަސްވުމުގައި ވެސް ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުން އިޢުލާންކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ޗައިނާއިން ވަނީ ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ހުރި ދުރު ރާސްތާގެ މިސައިލެއް ޕެސިފިކް ކަނޑަށް ފޮނުވައިގެން ޓެސްޓްކޮށްފައެވެ. ޗައިނާގެ މި އަމަލަށް އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެއްބަސްވުމުގެ މުހިންމު މާއްދާއެއް: "ޕެސިފިކް ސަރަހައްދުގެ ތެރޭގައި މުޢާހަދާގެ އެއްވެސް ބައިވެރިޔަކަށް ހަތިޔާރާއެކު ދެވޭ ހަމަލާއަކީ އަނެއް ގައުމުގެ ސަލާމަތާއި ޞުލްޙައަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، އެފަދަ ބިރުވެރިކަމަކާ ގުޅިގެން ގައުމީ އުސޫލުތަކުގެ ދަށުން ދެގައުމުން ގުޅިގެން ފިޔަވަޅު އަޅާނެއެވެ."

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީޒް ވިދާޅުވި ގޮތުގައި، މިއީ އޮސްޓްރޭލިއާއިން އެހެން ގައުމަކާއެކު މިހާތަނަށް ކުރި އެންމެ މުހިންމު އެއް މަސައްކަތެވެ. އަދި ބޭނުންޖެހޭ ވަގުތެއްގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވުމަށްވުރެ ބޮޑު ދިފާއީ ޒިންމާއެއް ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފިޖީގެ ބޮޑުވަޒީރު ރަބޫކާ ވިދާޅުވީ، ޕެސިފިކް ސަރަހައްދުގެ އަސްކަރިއްޔާ އޮންނަ އެހެން ގައުމުތައް ކަމަށްވާ ޓޮންގާ، ޕީ.އެން.ޖީ އަދި ނިއުޒިލޭންޑް ވެސް ކުރިއަށް އޮތް ތަނުގައި މި އިއްތިހާދާ ގުޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. "ގައުމުތައް ގިނަވީ ވަރަކަށް، އިއްތިހާދު ވަރުގަދަވެފައި ރަނގަޅުވާނެ،" ރަބޫކާ ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް މީގެ ކުރިން ވިދާޅުވެފައިވަނީ، ޕެސިފިކް ސަރަހައްދުގެ ކޮންޓްރޯލް ހޯދުމަށް އޮސްޓްރޭލިއާ އާއި ޗައިނާއާ ދެމެދު "ދާއިމީ ވާދަވެރިކަމެއް" ހިނގަމުންދާ ކަމަށެވެ. އޮސްޓްރޭލިއާއިން ދަނީ ސޮލޮމަން އައިލެންޑްސް ފަދަ ގައުމުތަކުން ޗައިނާއާއެކު ހަދާފައިވާ ފުލުހުންގެ އަދި ސަލާމަތީ އެއްބަސްވުންތައް އެކަހެރިކޮށް، އޮސްޓްރޭލިއާގެ ނުފޫޒު އެ ސަރަހައްދުގައި ދެމެހެއްޓުމަށް ބާރުގަދަ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!