މެލްބަންގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒީ ބޭއްވެވި މަޝްވަރާތަކަށްފަހު، ސިވިލް ނިއުކްލިއަރ ހަކަތަ، ދިފާއީ، ކަނޑުގެ ސަލާމަތް، މުހިންމު މައުދަންތައް އަދި ސައިބަރ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ގައުމުން ވަނީ ފުޅާ ދާއިރާއެއްގައި އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓެޖިކް ގުޅުން މިވަނީ އިތުރަށް ފުޅާވެފައެވެ. ދެ ބޮޑުވަޒީރުން ވެސް ފާހަގަކުރެއްވި ގޮތުގައި، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ހަމަޖެހުމާއި، ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ގާއިމުކުރުމަށް، ޑިމޮކްރެޓިކް ގައުމުތަކުން އެކުގައި މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ނިއުކްލިއަރ ހަކަތަ: ޔުރޭނިއަމް ފޯރުކޮށްދިނުން
އިންޑިއާ އާއި އޮސްޓްރޭލިއާ ސޮއިކުރި ސިވިލް ނިއުކްލިއަރ ހަކަތައިގެ އެއްބަސްވުމުގެ ދަށުން، އިންޑިއާގެ ނިއުކްލިއަރ ހަކަތައިގެ މަޝްރޫއުތަކަށް ބޭނުންވާ ޔުރޭނިއަމް އޮސްޓްރޭލިއާއިން ވިޔަފާރީގެ އުސޫލުން އެކްސްޕޯޓު ކުރާނެއެވެ. މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، މިއީ އިންޑިއާގެ "ސާފު ހަކަތައިގެ އަމާޒުތަކަށް އާ ބާރެއް ލިބިގެންދާނެ ކަމެއް" ކަމަށެވެ.
މުހިންމު މައުދަންތަކުގެ ބައިވެރިވުން
މުހިންމު މައުދަންތަކުގެ ދާއިރާއިން ކުރާ މަސައްކަތަކީ "ސްޓްރެޓެޖިކް ސަލާމަތާއި ސާފު ހަކަތައަށް ބަދަލުވުމަށް ކޮންމެހެން ބޭނުންތެރި" ކަމެއްކަން މޯދީ ފާހަގަކުރެއްވިއެވެ. ދެ ގައުމުން ވަނީ ސައިބަރ، މުހިންމު ޓެކްނޮލޮޖީތައް އަދި ސަޕްލައި ޗޭންތަކާ ގުޅޭ 'އޮސްޓްރޭލިއާ-އިންޑިއާ ޕާޓްނާޝިޕް' ފަށައި، މުހިންމު މައުދަންތައް ހޯދުމަށް 'ކޮރިޑޯ’އެއް އުފެއްދުމަށް އެއްބަސްވެފައެވެ.
ދިފާއީ އަދި ކަނޑުގެ ސަލާމަތް
މި މަޝްވަރާތަކުގެ އެންމެ މުހިންމު އެއް ނަތީޖާއަކީ ދިފާއީ އަދި ސަލާމަތީ ކަންކަމާ ގުޅޭގޮތުން ނެރުނު 'ޖޮއިންޓް ޑިކްލަރޭޝަން' އެވެ. މީގެ އަމާޒަކީ އަސްކަރީ އެއްބާރުލުން އިތުރުކުރުމާއި، ދިފާއީ ދާއިރާއިން އީޖާދުތައް އުފެއްދުމެވެ.
މޯދީ ވަނީ ދެ ގައުމުގެ ދިފާއީ ދާއިރާގެ ސްޓާޓް-އަޕްތަކާއި އިންޑަސްޓްރީތައް ގުޅުވާލުމަށް 'އިންޑިއާ-އޮސްޓްރޭލިއާ ޑިފެންސް އިނޮވޭޝަން ކޮރިޑޯ' އުފައްދާނެކަން އިއުލާން ކުރައްވާފައެވެ. އަދި ކަނޑުގެ ސަލާމަތާއި، އުޅަނދުފަހަރު ބަނުމާއި، މަރާމާތު ކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް 'މެރިޓައިމް ސެކިއުރިޓީ ކޮލަބޮރޭޝަން ރޯޑްމެޕް' ވަނީ އެކުލަވާލާފައެވެ.




