ޑޮލަރު ނެތްކަމަށް ނުބުނާތި! އިގްތިސާދަށް ގެއްލުންވާނެ: ބީއެމްއެލްގެ ސީއީއޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކަކީ ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިދާނެ ކަންކަން ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޔޫތު އޮންޓްރަޕްރިނަރސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބޭންކުގެ ގާބިލުކަމާމެދު ސުވާލު އުފައްދައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޭންކް ވަކިވާން ގޮވާލަމުންދާ ވާހަކަތަކަކީ ބޭންކުގެ އަގު ވައްޓާލުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި، 2021 ވަނަ އަހަރު ބީއެމްއެލްއިން އެވްރެޖްކޮށް މަހެއްގެ މައްޗަށް 21 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައިވީ ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 80 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

  • 2021: މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު.
  • 2026: މަހަކު އެވްރެޖްކޮށް 80 މިލިއަން ޑޮލަރު.

"މިއީ ބޭންކުގެ ތާރީހުގައި ވެސް އެންމެ ގިނައިން ޑޮލަރު ވިއްކަމުންދާ ދުވަސްވަރު،" ޝަރީފް ވިދާޅުވިއެވެ. ނަމަވެސް، ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ވިއްކަންޖެހުމުން، އެކަން މެނޭޖުކުރުމުގައި ދަތިތަކެއް ހުރިކަން އޭނާ އެއްބަސްވެވަޑައިގެންނެވިއެވެ.

ބޭންކުން އިގްތިސާދު ކުރިއެރުވުމަށް ދެމުން އަންނަ އެއްބާރުލުން ހާމަކޮށްދޭ ހިސާބުތައް ވެސް ޝަރީފް ހިއްސާކުރެއްވިއެވެ. އެގޮތުން، މިދިޔަ އަހަރު 10 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިން ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ހަތް ބްރާންޗެއްގެ ހިދުމަތް ފަށާފައިވާކަން ވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!