އިންޑިއާގެ ރުޕީސް ބައިނަލްއަޤްވާމީ ފެންވަރުގައި ބޭނުންކުރުމަކީ، އެ ގައުމުގެ އިޤްތިޞާދީ މިނިވަންކަން ވަރުގަދަކޮށްދޭ މުހިންމު ފިޔަވަޅެކެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕަބްލިކް ފައިނޭންސް އެންޑް ޕޮލިސީ ގެ ޕްރޮފެސަރު ޑރ. ލޭކާ ޗަކްރަބޯތީ މިކަމާ ގުޅޭގޮތުން ފާހަގަކުރައްވާ ގޮތުގައި މިކަމުގެ ސަބަބުން އިންޑިއާއިން ބޭރު ފައިސާއަށް ބަރޯސާ މިންވަރު ކޑަ ވާނެއެވެ.
ދުނިޔޭގެ މައިގަނޑު ފައިސާތަކަށް ޚާއްސަކޮށް އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަކީ އިންޑިއާގެ އިޤްތިޞާދީ މިނިވަންކަމުގެ އަސާސް ކަމަށް އޭނާ ވިދާޅުވެއެވެ. ޑޮލަރަށް ބަރޯސާވުމުގެ ސަބަބުން ބޭރުގެ ގައުމުތަކުގެ މާލީ ސިޔާސަތުތަކާއި، ފައިސާގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު އިންޑިއާއަށް ފޯރައެވެ. އަމިއްލަ ފައިސާ ބޭނުންކޮށްގެން ވިޔަފާރިކުރުމާއި ބޮޑެތި މާކެޓްތައް ލަމަށްވާ ރަޝިއާއާއި ޔޫއޭއީއާއެކު ރުޕީސް އިން ވިޔަފާރިކުރުމުން ބޭރުގެ މާލީ ނިޒާމުތަކުގެ ނުފޫޒުން އިންޑިއާ ސަލާމަތްވެ، އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ބޮޑުވެއެވެ.
މާލީ ސިޔާސަތުތައް މިނިވަންކަމާއެކު ކަނޑައެޅުން
ރުޕީސްގެ ބޭނުން ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރުވުމުން، އިންޑިއާގެ މަރުކަޒީ ބޭންކަށް ބޭރުގެ ފައިސާގެ ބާޒާރުގެ ހަލަބޮލިކަމަށް ބަލައިގެން ސިޔާސަތުތައް ކަނޑައެޅުމުގެ ބަދަލުގައި، ގައުމުގެ އެތެރޭގެ އިޤްތިޞާދީ ބޭނުންތަކަށް ބަލައި އިންފްލޭޝަން ކޮންޓްރޯލްކުރުމަށް އިސްކަންދެވޭނެއެވެ. މިއީ ސިޔާސަތުތައް ކަނޑައެޅުމުގައި ލިބޭ ބޮޑު މިނިވަންކަމެއް ކަމށް ޗަކްރަބޯތީ ވިދާޅުވެއެވެ.
ބައިނަލްއަޤްވާމީ މުއާމަލާތްތަކުގައި ޑޮލަރު ފަދަ ތިންވަނަ ފަރާތެއްގެ ފައިސާ ބޭނުންކުރުމުގެ ބަދަލުގައި، ސީދާ ރުޕީސް ބޭނުންކުރުމުން ވިޔަފާރިވެރިންނަށް ފައިސާ ބަދަލުކުރުމުގެ ޚަރަދުތައް ކުޑަވެއެވެ. މީގެ ސަބަބުން ތެލާއި، އެހެނިހެން މުހިންމު މުދަލުގެ އަގުތައް ހެޔޮވެ، އާންމު ރައްޔިތުންނަށް އިޤްތިޞާދީ ފައިދާތައް ލިބެއެވެ.
ބައިނަލްއަޤްވާމީ މާލީ ނިޒާމުތަކުގެ ތެރެއިން އަޅާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކުން ، އަމިއްލަ ފައިސާ ބޭނުންކުރުމުގެ ސަބަބުން އިގްތިސާދަށް ރައްކާތެރިކަން ލިބެއެވެ. ހާއްސަކޮށް ހަކަތައާއި ދިފާއީ ދާއިރާ ފަދަ ސްޓްރެޓެޖިކް ދާއިރާތަކުގައި ރުޕީސް އިން މުއާމަލާތްތައް ކުރުމުން، ދުނިޔޭގެ ސިޔާސީ މަސްރަރަހުގައި ހިނގާ ހަމަނުޖެހުންތަކުގެ އަސަރު އިންޑިއާގެ ވިޔަފާރިތަކަށް ކުރާ މިންވަރު ކުޑަކުރެވޭނެއެވެ.
އަދި ހަމައެފަދައިން ބޭރުގެ ފައިސާގެ ރިޒާވަށް ބަރޯސާވާ މިންވަރު ކުޑަވުމުން، އެ ފައިސާ އެހެނިހެން ތަރައްގީގެ މަޝްރޫއުތަކަށާއި، އިޖްތިމާއީ ވެލްފެއާ ކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ.
އިންޑިއާއިން މަސައްކަތްކުރަނީ ގައުމު އެކަހެރިކުރުމަކަށް ނޫން ކަމަށް ޗަކްރޮބޮތީ ވިދާޅުވިއެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ މަލްޓިޕޯލާ ނިޒާމެއްގެ ތެރޭގައި، އަމިއްލަ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރު ލިބޭނެ ޕްލެޓްފޯމެއް ގާއިމުކުރެވޭނެއެވެ. މިއީ ރުޕީސް އިންޓަނޭޝަނަލައިޒްކޮށްގެން އިންޑިއާއިން ހޯދަމުންދާ އިޤްތިޞާދީ ސިޔާދަތުގެ މައިގަނޑު މަޤްސަދެވެ.





