ލޭގެ ކަނޑެއްގެ ތެރޭގައި ފޯނާ ކުޅެން އޮތް ޑޮކްޓަރު

ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު ކަރްނާޓަކާގެ ދާރްވާދްގެ އުސް އެޕާޓްމަންޓް ބްލޮކެއްގެ ހަވަނަ ފްލޯއަށް ފުލުހުން ވަދެގެން ދިޔައީ އާދައިގެ ރިޕޯޓަކަށެވެ. ނަމަވެސް، ދޮރު ހުޅުވާލުމާއެކު އެމީހުންނަށް ކުރިމަތިލާން ޖެހުނީ އިންސާނީ ބުއްދިއަށް ގަބޫލުކުރަން ދަތި، ނާމާން މަންޒަރަކާއެވެ. މުޅި ކޮޓަރީގެ ތަޅުންގަނޑު އޮތީ ރަތް ލޭގެ ކަނޑަކަށް ވެފައެވެ. އެ ލޭގެ ތެރޭގައި ފުރާނަ ނެތް މަސްގަނޑެއްގެ ގޮތުގައި އޮތީ އެ ސިޓީގެ މަޝްހޫރު ހޭނައްތާ ޑޮކްޓަރު ކިރަން ހޮނަންނަވަރު (45 އަހަރު) އެވެ. އޭނާގެ ކައިރީގައި ކޮށާލާފައިވާ އޭނާގެ 8 އަހަރުގެ ފިރިހެން ދަރިފުޅު ފުރާނައާ ހަނގުރާމަކުރަމުން ދިޔައެވެ.

ނަމަވެސް، މި ހާދިސާ ބަލާލި ކޮންމެ މީހެއްގެ ގައިން ހީބިހި ނަގުވައިދިނި އެންމެ ބިރުވެރި މަންޒަރަކީ އެހެން ކަމެކެވެ. އެ ލޭގެ ކަނޑުގެ ތެރޭގައި، ފިރިމީހާގެ ފުރާނަ ނެތް މަސްގަނޑާއި، ޒަޚަމްވެފައިވާ ދަރިފުޅުގެ ކައިރީގައި އެނދުމަތީގައި އޮށޯވެލައިގެން، ފަރުވާލެއް ނެތް ގޮތަކަށް ފޯނާ ކުޅެން އޮތީ ޑރ. ކިރަންގެ އަންހެނުން، ޕްރިޔަންކާ ކައްޓަނަހައްލީ އެވެ. އޭނާއަކީވެސް ލޮލުގެ ބަލިތަކާބެހޭ ދާއިރާއިން މާސްޓާސް ހަދާފައިވާ ޑޮކްޓަރެކެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަންނަމުން ދާއިރު، މިއީ ހަމައެކަނި ގެވެށި އަނިޔާގެ މައްސަލައެއް ނޫނެވެ. މިއީ އިންސާނާގެ ނަފްސާނީ ދުނިޔެ ބޮޑު ސިއްރުތަކެއްގެ ތެރެއަށް ގެނބިގެން ގޮސްފައިވާ މިންވަރު ދައްކުވައިދޭ ހާދިސާއެކެވެ.

ހުައްބާލީ-ދާރްވާދްގެ ޕޮލިސް ކޮމިޝަނަރ އެން. ޝަޝީކުމާރު ވިދާޅުވި ގޮތުގައި، ފުލުހުން އެތަނަށް ވަތްއިރު 8 އަހަރުގެ ކުޑަކުއްޖާ އަދި ނޭވާލަމުން ދިޔައެވެ. "އަހަރެމެން ވަގުތުން އެ ކުއްޖާ ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކުރިން. ކުއްޖާއަށް ހަމަލާދިނީ ކޮން ވަގުތެއްގައިކަން އަދި ސާފެއް ނުވޭ،" ކޮމިޝަނަރ ވިދާޅުވިއެވެ.

ފުލުހުންގެ އިބްތިދާއީ ހޯދުންތަކުން އެނގޭ ގޮތުގައި، މި ހާދިސާ ހިނގިއިރު ގޭގެ ތެރޭގައި ތިބީ ހަމައެކަނި ދެމަފިރިންނާއި ދަރިފުޅެވެ. ބޭރުގެ އެއްވެސް ނުފޫޒެއް ނުވަތަ މީހަކު ގެއަށް ވަތްކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.

މި ބިރުވެރި ހާދިސާގެ ފަހަތުގައިވާ ސިއްރުތައް ގުޅެނީ އޭގެ ކުރީ ރެއާ ހިސާބަށެވެ. އަންގާރަ ދުވަހުގެ ރޭގަނޑާއި ބުދަ ދުވަހުގެ ހެނދުނު ޑރ. ކިރަންގެ އާއިލާގެ މީހުންނާއި ރައްޓެހިން އޭނާއަށް ގުޅުމުން، ފޯނަށް ޖަވާބުދިނީ ޕްރިޔަންކާއެވެ.

އޭނާ ފުރަތަމަ ބުނީ ކިރަން އޮތީ އަރާމުކުރަން ކަމަށެވެ. ފަހުން ބުނީ އޭނާ ޑިއުޓީއަށް ބޭރަށް ގޮސްފައިވާ ކަމަށެވެ. އަވަށްޓެރިންނަށްވެސް އޭނާ ދިނީ ހަމަ އެ ޖަވާބެވެ. ނަމަވެސް، ޚަބަރެއް ނުވެގެން އާއިލާގެ މީހުން ބުދަ ދުވަހުގެ ހަވީރު އެޕާޓްމަންޓަށް އައިސް ބެލިއިރު، ހަގީގަތް އޮތީ މުޅިން ތަފާތުކޮށެވެ. ކިރަން ވަނީ އޭގެ އެތައް ގަޑިއިރެއް ކުރިން މަރާލާފައެވެ.

މި މައްސަލައިގައި ފުލުހުން މިހާރު ދަނީ ޑރ. ޕްރިޔަންކާގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ރަޖިސްޓްރީކޮށް، ބޮޑު ތަހުގީގަކަށް ތައްޔާރުވަމުންނެވެ. އޭނާ ފޯނުން ވާހަކަދެއްކީ ކޮން ބަޔަކާކަމާއި، އެ އެޕާޓްމަންޓްގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކުގެ ތަރުތީބު ދެނެގަތުމަށް ޑިޖިޓަލް ފޮރެންސިކްސްގެ އެހީތެރިކަން ދަނީ ހޯދަމުންނެވެ.

މިއީ ތައުލީމީ ގޮތުން އެންމެ މަތީ ފަންތީގެ ފާސްނަގާފައިވާ ދެމަފިރިއެއްގެ މެދުގައި ހިނގާދިޔަ ބޮޑު ޖަރީމާއަކަށް ވުމުން، މިކަމުގެ ފަހަތުގައިވާ ނަފްސާނީ އަދި އިޖުތިމާއީ ސަބަބުތައް ހޯދުމަށް ފުލުހުން ދަނީ ފުންކޮށް ކަންތައްތައް ބަލަމުންނެވެ.

ހިއްސާ ކުރައްވާ!