އިސްރާއީލުން ބޭނުންވަނީ ހަނގުރާމަ ދިގުދަންމަން| އެޕްސްޓީންއާ އިސްރާއީލުގެ ޖާސޫސީ އިދާރާއާ ގުޅުން އޮތް: ޖޭޑީ ވެންސް

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، ޖޯ ރޯގަންއަށް ދެއްވި ވަރުގަދަ އިންޓަވިއުއެއްގައި ވިދާޅުވީ، ހަނގުރާމަ "ވަކި މުއްދަތެއް ނެތް ގޮތަށް" ކުރިއަށް ގެންދިއުމަށްޓަކައި، އިސްރާއީލު ސަރުކާރުން ބޭނުންވާ ކަމަށައި އަދި އެކަމަށްޓަކައި އީރާނާއެކު އެމެރިކާއިން ކުރި މަޝްވަރާތަކަށް ހުރަސްއަޅަން ބޭނުންވި ކަމަށެވެ. އަދި ޓްރަމްޕްގެ ސަރުކާރުން ޖެފްރީ އެޕްސްޓީންގެ ފައިލްތައް އާންމުކުރުމުގައި ގޯސްތަކެއް ހެދި ކަމަށްވެސް އޭނާ އެއްބަސްވެވަޑައިގަތެވެ.

ބުދަ ދުވަހު ނެރުނު "ޖޯ ރޯގަން އެކްސްޕީރިއަންސް" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ވެންސް ވިދާޅުވީ، "އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދަން ބޭނުންވާތީ، އެމެރިކާ މަޝްވަރާތަކާ ދުރަށް ގެންދިއުމަށް އިސްރާއީލު ސަރުކާރުގެ ތެރޭގައި ބައެއް ބަޔަކު މަސައްކަތް ކުރިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އަހަންނަށް އެނގޭ،" ކަމަށެވެ.

"އެމީހުންގެ ނިޒާމުގެ ތެރޭގައި ތިބި ބައެއް މީހުން، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ހަނގުރާމަ ވަކި މުއްދަތެއް ނެތް ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ އާންމު ރައްޔިތުންގެ ޚިޔާލު ބަދަލުކޮށް، އޮޅުވާލަން މަސައްކަތް ކުރަމުންދިޔަ،" ނައިބު ރައީސް އިތުރަށް ވިދާޅުވިއެވެ. "އަދިވެސް އެއްފަހަރު ބުނަން، އެއީ ވަކި ލަނޑުދަނޑިއެއް ހާސިލުކުރާކަށް ނޫން، ހަމައެކަނި ވަކި މުއްދަތެއް ނެތް ގޮތަށް ދިގުދަންމަން." އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ނަން ސީދާ ވިދާޅުނުވެ ވެންސް އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، އީރާނުގެ އެއްބަސްވުން ހަލާކުކޮށްލުމަށްޓަކައި "ވަރަށް ސިއްރުވެރި، ބޮޑެތި ފަންޑުތައް ލިބޭ… ބޭރުގެ ނުފޫޒު ފޯރުވުމުގެ ކެމްޕޭނެއް" ހިންގަމުންދިޔައެވެ.

ނަމަވެސް، އީރާނާއެކު ހަނގުރާމައަކަށް ދިއުމަށް ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމަށް އިސްރާއީލުގެ އެއްވެސް ނުފޫޒެއް ފޯރާފައި ނުވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި ރައީސް، އިސްރާއީލުގެ އެއްވެސް ނުފޫޒަކަށް ދީލައި ނުލައްވާ އަދި އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ލިބިގެން ނުވާނެ ކަމަށް." ވެސް ވިދަޅުވިއެވެ.

އެމެރިކާގައި ހިނގަމުންދާ "އިސްރާއީލަށް ތާއީދުކުރުމާއި އިސްރާއީލާ ދެކޮޅުވުމުގެ ބޮޑު ބަހުސް" ގައި އޭނާއަކީ "މެދުމިންވަރެއްގެ ވިސްނުމެއް ހުރި މީހެއް" ގެ ގޮތުގައި ވެންސް ސިފަކުރެއްވިއެވެ.

އަދި އިސްރާއީލު ސަރުކާރުގެ ތެރޭގައި ތިއްބެވި ގިނަ ބަޔަކު އެމެރިކާގެ ސުލްހައިގެ މަރުހަލާއަށް ތާއީދުކުރާ ކަމަށާއި، ހަނގުރާމަ ދިގުލައިގެން ދިއުމަކީ އެމީހުންނަށްވެސް ފައިދާހުރި ކަމެއް ނޫންކަން އެފަރާތްތަކުން ގަބޫލުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ވެންސް ވިދާޅުވި ގޮތުގައި އީރާނަށް ބޮން އަޅައި "ހަލާކުކޮށްލުމަކީ" ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރަން ފަސޭހަވާނެ ކަމެއް ނޫނެވެ.

"އެމީހުންނަށް ބޮން އެޅިދާނެ. އެމީހުންގެ ރޭޑިއާތަކާއި، ބައެއް ޑްރޯންތަކާއި މިސައިލްތައް ނައްތާލެވިދާނެ، އެކަމަކު ކަނޑުއޮޅިން ދަތުރުކުރާ ބޯޓުތަކަށް ހަމަލާދިނުމަކީ މާ ފަސޭހަ ކަމެއް،" އޭނާ ވިދާޅުވިއެވެ. "އެހެންވީމާ، ހަގީގަތުގައި ވާހަކަދައްކާށާއި މައްސަލަ ހައްލުކުރަން މަސައްކަތްކުރަން ތައްޔާރަށް ތިބެންޖެހޭނެ." ވެންސް ވިދާޅުވިއެވެ.

އޭނާ ރައީސްކަމުގައި ހުންނެވި ނަމަ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށްޓަވާނެތޯ އެހުމުން ވެންސް ވަނީ އެއަށް ޖަވާބުދެއްވަން އިންކާރު ކުރައްވާފައެވެ. "އަހަންނަކީ އާންމު ކޮމެންޓޭޓަރެއް ނޫން،" އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުގެ އެހެން މީހުންނާ އަޅާބަލާއިރު އީރާނު ހަނގުރާމައަށް އޭނާގެ ފޯރި ކުޑަކަމަށް ޓްރަމްޕް ވިދާޅުވިކަން ފާހަގަކުރެއްވިއެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ މި އިންޓަވިއުގެ މެދުތެރެއިން، ޖެފްރީ އެޕްސްޓީންގެ ސަރުކާރު ފައިލްތައް އާންމުކުރުމަށް ޓްރަމްޕްގެ ސަރުކާރުން "ދެކޮޅުހެދި" މައްސަލައާ ބެހޭގޮތުން ރޯގަން ސުވާލުކުރިއެވެ. އެކަމުގައި ގޯސްތަކެއް ހެދިފައިވާ ކަމަށް އެއްބަސްވެވަޑައިގަތް ނަމަވެސް، އެއްވެސް ކަމެއް ފޮރުވަން އުޅެފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

"އެޕްސްޓީންގެ ފައިލްތަކާ ބެހޭ މުއާސަލާތުތައް އަހަރެމެންނަށް މުޅިން ގޯސްކޮށް ކުރެވުނީ. އެއީ ހަމަ ހަގީގަތް،" ވެންސް ވިދާޅުވިއެވެ. "އެކަމަކު އެކަން ގޯސްވީ ކަމެއް ފޮރުވަން އުޅުމުން ކަމަށް އަހަރެން ގަބޫލެއް ނުކުރަން. ނޫން." ވެންސް ވިދާޅުވިއެވެ.

ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ މަހުގެ ތެރޭގައި، ކުރީގެ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީ ފޮކްސް ނިއުސްގެ އިންޓަވިއުއެއްގައި ވިދާޅުވީ އެޕްސްޓީންގެ "ކްލައިންޓް ލިސްޓް" މުރާޖައާ ކުރުމަށް އޭނާގެ މޭޒުމަތީގައި އެބައޮތް ކަމަށާއި އެ ފައިލްތައް އާންމުކުރާނެ ކަމަށެވެ. ދުވަސްކޮޅެއް ފަހުން، ވައިޓް ހައުސްއަށް ދައުވަތު ދެވުނު ކޮންޒަވޭޓިވް އިންފްލުއެންސަރުންގެ ގްރޫޕަކަށް ބޮންޑީ ވަނީ "ދަ އެޕްސްޓީން ފައިލްސް: ފޭސް 1″ ޖަހާފައިވާ ބައިންޑަރުތަކެއް ދީފައެވެ. ނަމަވެސް، އެ ބައިންޑަރުތަކުގައި އެއްވެސް އާ މައުލޫމާތެއް ނެތެވެ. އަދި އޭގައި ހުރީ ހަމައެކަނި އެޕްސްޓީންގެ ފޯނު ފޮތުން ނަގާފައިވާ ބައިތަކެކެވެ.

"އޭގެ ބޭނުމަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގޭ، އެކަމަކު އޭގެ ސަބަބުން މުޅި މަސައްކަތަށް އާންމުން ކުރާ އިތުބާރު ގެއްލިގެންދިޔަކަން އެނގޭ،" ވެންސް ވިދާޅުވިއެވެ.

ވެންސް އަމިއްލައަށް ސިފަކުރެއްވީ އޭނާއަކީ އެޕްސްޓީންއާ ގުޅޭ ކޮންސްޕިރަސީ ތިއަރީތައް އެންމެ ކުރިންސުރެ ދިރާސާކުރާ، އަދި އެއާ ގުޅޭ ހުރިހާ މައުލޫމާތެއް ހޯދާފައިވާ މީހެއްގެ ގޮތުގައެވެ. "އޭނާގެ (އެޕްސްޓީންގެ) ގުޅުންތައް އެމެރިކާގެ އިންޓެލިޖެންސްގެ އެންމެ މަތީ ފަންތިއާ އޮތްކަން ސާފު. އަދި އިސްރާއީލުގެ އިންޓެލިޖެންސްގެ އެންމެ މަތީ ފަންތިއާވެސް ގުޅުން އޮތްކަން ސާފު،" ވެންސް ވިދާޅުވިއެވެ.

ނަމަވެސް، އެމެރިކާގެ ނުވަތަ ބޭރުގެ އިންޓެލިޖެންސް އެޖެންސީތަކާ އެޕްސްޓީންއާ ގުޅުވައިދޭ އެއްވެސް ލިޔެކިޔުމެއް ސަރުކާރުގެ އަތުގައި ނެތްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ހެކިތަކެއް ހުރިނަމަ، 2008 ވަނަ އަހަރު ފްލޮރިޑާގައި ހިނގި އެޕްސްޓީންގެ ޖިނާއީ މައްސަލައިގެ ދުވަސްވަރު އެތަކެތި ނައްތާލާފައި ވެދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

"އަހަރެން އަހައިފިން، 'ޖެފްރީ އެޕްސްޓީން އަހަރެމެންގެ އިންޓެލިޖެންސް އެޖެންސީތަކާ ނުވަތަ އެހެން ބައެއްގެ އެޖެންސީއަކާ ސީދާ ގުޅުވައިދޭ ލިޔެކިޔުންތަކެއް ހުރިތޯ؟' ޖަވާބަކީ ނޫނެކޭ،" ވެންސް ވިދާޅުވިއެވެ. "އެކަމަކު އެފަދަ އެއްޗެއް ހުރިނަމަ، 2026 ގައެއް އެއެއް ނުހުންނާނެ." އޭނާ ލަފާކުރެއްވިއެވެ.

ހިއްސާ ކުރައްވާ!