ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޤްޞަދުގައި، ސަރުކާރުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1،000 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު، ސައްތައިން ސައްތަ ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަމާޒުކޮށްގެން ހިންގާ ފުރަތަމަ 'އެފޯޑަބަލް ހޯމް އޯނަރޝިޕް' މަޝްރޫޢެވެ.
ސަރުކާރުން މި މަޝްރޫޢު ފަރުމާކޮށްފައިވަނީ، ގެދޮރު ގަންނަ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބޭނެ ގޮތަށެވެ. އެގޮތުން، ފްލެޓްތަކުގެ އަގު ކޮންޓްރޯލްކޮށް، 2 ކޮޓަރީގެ ފްލެޓެއް ގިނަވެގެން 1.8 މިލިއަން ރުފިޔާއަށް އަދި 3 ކޮޓަރީގެ ފްލެޓެއް 2.3 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނުވާނެހެން ވަނީ ކަނޑައަޅައިފައެވެ.
މި އަގުތައް ހެޔޮކުރުމަށްޓަކައި ސަރުކާރުން ވަނީ ބިމުގެ އަގު ނެގުން މައާފްކޮށް، އިމާރާތްކުރުމަށް އެތެރެކުރާ މުދަލުން ޑިއުޓީ ކަނޑައި، އަދި ފްލެޓް ގަންނަ ފަރާތްތައް ޖީއެސްޓީން އިސްތިސްނާކޮށްފައެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން، އާރްސީސީ، ވަން ރިއަލިޓީ އާއި މެޑްޓެކްގެ ޖޭވީއެއް، އަދި ފްލެކްސިންކް، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް ހިމެނޭ ޖޭވީއަކަށެވެ.
ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި، ކޮންމެ ޑިވެލޮޕަރަކަށް އެއް ޕްލޮޓްގެ މަގުން ބިން ހަވާލުކޮށްފައިވާއިރު، 30 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެއެވެ. މިއީ "ކޮންޓްެރެކްޓަރ ފައިނޭންސްޑް ބިލްޑް އެންޑް ސެލް" މޮޑެލްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ސަރުކާރުން ކުރިން އިއުލާންކުރި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށެވެ.






