އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޫރަ ހިމެނޭ 1 ޑޮލަރުގެ އާ ހަނދާނީ ލާރިފޮއްޗެއް އުފައްދަން ނިންމުމާ ގުޅިގެން، އެމެރިކާގެ ފައިސާ ފޮތީގެ އަގު ވެއްޓޭނެ ކަމަށް އާންމުން ބުނަން ފަށައިފިއެވެ.
ވެރިކަމުގައި ހުރެގެން ފައިސާގައި އަމިއްލަ ފޮޓޯ ޖައްސަވާފައި ވަނީ ޚުދުމުޚުތާރު ވެރިންގެ ގޮތުގައި ގުނާ ލެވޭ ވެރިންނެވެ.
ޓްރަމްޕްގެ ފޮޓޯ ޖަހާފައި ހުންނާނީ ރަން ކުލައިގެ މި ލާރިފޮއްޗެއްގައެވެ. މިއީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެރޭ އެއްޗެކެވެ.
މި ލާރިފޮތި މިއަހަރުގެ ޚަރީފު މޫސުމުގައި ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ.
ނަމަވެސް، މި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. ސަބަބަކީ އެމެރިކާގެ ތާރީޚުގައި ވެރިކަމުގައި ތިބޭ ރައީސުންގެ ސޫރަ ފައިސާގައި ޖެހުމަކީ ޒަމާނުއްސުރެ ދުރުހެލިވަމުން އައިސްފައިވާ، ކަމަކަށް ވާތީއެވެ.
އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަން ވެސް ވަނީ އޭނާގެ ސޫރަ ލާރީގައި ޖެހުމަށް ދެކޮޅު ހެއްދެވިއެވެ. އަދި އެމެރިކާގެ ގާނޫނުތައް ބުނާގޮތުން ދިރިހުރި އެއްވެސް މީހެއްގެ ސޫރަ ފައިސާގައި ބޭނުންކުރުމަކީ މަނާކަމެކެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ބުނަނީ މިއީ 2020 ވަނަ އަހަރު ފާސްކުރި ޚާއްސަ ގާނޫނެއްގެ ދަށުން ހުއްދަ ލިބިގެން ކުރާ ކަމެއް ކަމަށެވެ.
އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ ފައިސާގައި ދިރިހުރި ރަސްގެފާނުގެ ސޫރަ ޖެހުމަކީ އާންމު ކަމެކެވެ. ނަމަވެސް، ވެރިކަމުގައި ތިބެގެން އަމިއްލަ ސޫރަ ފައިސާގައި ޖެހި ލީޑަރުންގެ ތެރޭގައި ހިމެނެނީ:
- އިރާގުގެ ސައްދާމް ޙުސައިން
- ލީބިޔާގެ މުއައްމަރުލް ގައްޒާފީ
- ސީރިޔާގެ ބައްޝާރުލް އަސަދު
- ފިލިޕީންސްގެ ފެރްޑިނަންޑް މާކޯސް
- ޔުގެންޑާގެ އިދީ އަމީން
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ ސޫރަ ލާރިފޮއްޗެއްގައި ޖެހުމަކީ ޑިމޮކްރެޓިކް ގައުމެއްގެ ރައީސަކަށްވުރެ ބޮޑަށް، ހުދުމުޚުތާރު ލީޑަރުންގެ ސިފައެކެވެ. މީގެ އިތުރުން، މި އަހަރު ކުރީކޮޅު ޓްރަމްޕް ވަނީ އެމެރިކާގެ ކަރުދާސް ފައިސާގައި އޭނާގެ ސޮއި ހިމަނަން ނިންމާފައެވެ. މިއީވެސް އެމެރިކާގެ ތާރީޚުގައި ވެރިކަމުގައި ހުރި ރައީސެއްގެ ސޮއި ފައިސާގައި ހިމަނާ ފުރަތަމަ ފަހަރެވެ.






