ޓްރަމްޕް: ރޯމާ ދުވާލު ބޮޑު ދައުލަތެއް ފެލާލަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކާ ހޮޅިވާހަކަ މީޑިއާއިން ގެނަސް ނުދޭތީ އޭނާގެ ޕޯސްޓްތަކާއި ވާހަކަތައް އެހެން މީހުންނަށްވުރެ އަވަހަށް ފޯރުކޮށްދޭނެ ބަޔަކަށް މަހަކު 100،000 އެމެރިކާ ޑޮލަރުގެ އަގެއް ދިނުމަށް ޓްރަމްޕް މީޑިއާ ގްރޫޕުން ނިންމައިފިއެވެ.

މިއީ އެންމެ ފަހުން އޭނާ ދެއްކި ހޮޅިވާހަކަތައް މީޑިއާއިން ގެނަސް ނުދިނުމުން އެޅި ފިޔަވަޅެކެވެ. ރައީސްގެ މަގާމު ބޭނުންކޮށްގެން އަމިއްލަ ވިޔަފާރި ކުރިއަރުވައި ހޮޅި ހޮއްލައި ޕްރޮޕެގެންޑާކޮށް މުއްސަނދިވުމަށް ޓްރަމްޕް ކުރައްވާ މި މަސައްކަތަށް މިހާރުވެސް ވަނީ ފާޑުކިޔުންތައް އަމާޒުވާން ފަށާފައެވެ.

"ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް" އިން ވަނީ ތިން އަހަރުގެ އެއްބަސްވުމެއް ހަދާ ފާމްތަކަށް މަހަކު 60،000 ޑޮލަރުގެ ޕްލޭނެއް ވެސް ހުށަހަޅާފައެވެ. މީގެ ބޭނުމަކީ ޓްރަމްޕް ހިންގާ ޓްރޫތު ސޯޝަލްގައި އެންމެ ނުފޫޒުގަދަ 10 އެކައުންޓުގެ ޕޯސްޓްތައް، ވޯލްސްޓްރީޓް ގެ ހިއްސާގެ ބާޒާރުގެ ޓްރޭޑިންގް ފާމްތަކަށް އަވަހަށް ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި ޓްރަމްޕްގެ އަމިއްލަ އެކައުންޓުގެ އިތުރުން އޭނާގެ ދަރިން ކަމަށްވާ ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި އެރިކް ޓްރަމްޕްގެ އެކައުންޓްތަކުން ކުރާ ޕޯސްޓްތައް ހިމެނެއެވެ. މީގެ ސަބަބުން ހިއްސާގެ ބާޒާރުގައި އަވަހަށް ހަރަކާްތތެރިވެ ބާޒާރުގެ ހާލަތާއި ސިޔާސަތަށް އަންނަ ބަދަލަށް ބަލައި ހިއްސާ ވިއްކުން ނުވަތަ ގަތުމަށް އަވަހަށް ފިޔަވަޅު އެޅޭނެއެވެ.

ކޮރަޕްޝަނަށް ފަހިވާ ދައުލަތުގެ ނިންމުންތައް އަމިއްލަ ވިޔަފާރިއަށް ބޭނުން ކުރާ މި ނިންމުމާއެކު އިދިކޮޅު ޑިމޮކްރެޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސެނެޓް ފައިނޭންސް ކޮމިޓީގެ އެންމެ އިސް ޑިމޮކްރެޓް، ސެނެޓަރ ރޮން ވައިޑަން ވިދާޅުވީ މިއީ ސީދާ ޓްރަމްޕްގެ އާއިލާއަށް މާލީ ފައިދާ ހޯދައިދީ، ވޯލް ސްޓްރީޓްގެ މުއްސަނދިން އިތުރަށް މުއްސަނދިކުރަން ހިންގާ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ. މީގެ އިތުރުން ސެނެޓް ބޭންކިންގް ކޮމިޓީގެ ސެނެޓަރ އެލިޒަބަތު ވޮރެން ވިދާޅުވީ މިއީ "ރައީސްކަމުގެ މަގާމު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ފައިދާ ނެގުމަށް ހިންގާ ހުތުރު ރޭވުމެއް" ކަމަށެވެ.

ވައިޓް ހައުސްއިން ވަނީ މިކަމާ ގުޅޭ ސުވާލުތަކަށް ޖަވާބުދިނުން ޓްރަމްޕްގެ ކުންފުންޏަށް ދޫކޮށްލާފައެވެ. ކުންފުނިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓްތަކުގެ ސަބަބުން ގިނަ ފަހަރަށް މާކެޓްތަކަށް ބޮޑެތި ލޮޅުންތަކެއް އާދެއެވެ. އެގޮތުން އީރާން ހަނގުރާމަ ފެށުމާއި ހުއްޓުމާއި ސުއްލައަށް އީރާނުން އެދޭ ކަމަށް ބުނެ ޓްރަމްޕް ހަދާ ދޮގުތަކުގެ ސަބަބުން ތެލުގެ އަގަށާއި ތެލާއި ގުޅުން ހުރި ހިއްސާތަކަށް ބަދަލު އާދެއެވެ.

މިސާލަކަށް، 9 އެޕްރީލް 2025 ގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ގައުމުތަކުން އަންނަ މުދަލަށް އިމްޕޯޓް ޑިއުޓީ 90 ދުވަހަށް ފަސްކުރާނެ ކަމަށް ބުނުމާއެކު ވޯލް ސްޓްރީޓްގެ އިންޑެކްސްތައް ކުއްލިއަކަށް މައްޗަށް ދިޔައެވެ. އެހެންކަމުން، މިފަދަ ސިޔާސީ ނިންމުންތައް އާންމުންނަށް އެނގުމުގެ ސިކުންތުކޮޅެއް ކުރިން ލިބޭ ބަޔަކީ މިލިއަން ޑޮލަރުން ވަގުތުން ފައިދާ ހޯދޭނެ ބައެކެވެ.

ސަރުކާރުގެ ނިންމުންތަކާއި ސިޔާސަތުތައް ބޭނުންކޮށްގެން ޓްރަމްޕްގެ އާއިލާއިން މުއްސަނދިކަން އިތުރުކުރާ ކަމުގެ ތުހުމަތުތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އެމެރިކާ ސަރުކާރު ބައްކޮށްފައިވާތީ ޓްރަމްޕާ ދެކޮޅަށް ފިޔަވަޅެއް އެޅުމުގެ ފުރިސަތު ކުޑައެވެ.

އެޕްސްޓީންގެ ރަހުމަމްތެރިޔާގެ އެންމެ ފަހުގެ މާލީ ބަޔާންތަކުން ދައްކާގޮތުގައި، ޓްރަމްޕް އިއުލާންކުރެއްވި ސިޔާސަތުތަކުގެ ސަބަބުން ކްރިޕްޓޯ މާކެޓަށް އައި ކުރިއެރުމާއެކު، އޭނާގެ އާއިލީ ކްރިޕްޓޯ ވިޔަފާރިން އެކަނިވެސް މިދިޔަ އަހަރު 1.4 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް ވަނީ ވަދެފައެވެ.

މިއާއިލާއަކީ ޤަތަރާއި ސައުދީ އަދި ޔޫއޭއީގެ މުއްސަނދި ޝާހީ އާއިލާތަކާއެކު މާލީ ގޮތުން ގުޅިފައިވާ ބައެކެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ "ސިޓިޒަންސް ފޯ ރެސްޕޮންސިބިލިޓީ އެންޑް އެތިކްސް އިން ވޮޝިންގްޓަން" ގެ ރައީސް ޑޮނަލްޑް ޝެރްމަން ވިދާޅުވީ، ރައީސްގެ ޕޯސްޓްތައް ފަތުރައި އަވަހަށް ފައިސާއަށް ވިއްކުމަކީ "އަހުލާގީ ގޮތުން ދަށު ދަރަޖައިގެ" އަމަލެއް ކަމަށެވެ. ނަމަވެސް ގާނޫނުތައް ހުރިގޮތުން މިއީ ޣައިރުގާނޫނީ ކަމެއްގެ ގޮތުގައި ކަނޑައަޅަން އުނދަގޫ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަބަބަކީ ގައުމެއްގެ ރައީސަކު މިފަދަ ވިޔަފާރިއެއް ކުރައްފާނެ ކަމަށް ގާނޫނު ހަދާ މަޖިލީހުން ދުވަހަކުވެސް ތަސައްވުރުކޮށްފައި ނުވުމެވެ.

ޓްރަމްޕްގެ ވިޔަފާރިތައް ބަލަހައްޓަނީ ޓްރަމްޕް އެސޯސިއޭޓްސްގެ ނަމުން އޭނާގެ ދަރިން ކަމަށް ވައިޓް ހައުސްއިން ބުނި ނަމަވެސް، އެ ވިޔަފާރިތަކުން ލިބޭ ހުރިހާ ފައިދާއެއް ސީދާ ދަނީ ޓްރަމްޕްގެ އަމިއްލަ ފަންޑަށެވެ. އޭނާގެ ޓްރަސްޓްގައި މި ކުންފުނީގެ 41 އިންސައްތަ ހިއްސާ (114.75 މިލިއަން ހިއްސާ) އޮވެއެވެ.

މި ހިނގާ 2026 ވަނަ އަހަރު ޓްރަމްޕް މީޑިއާގެ ހިއްސާގެ އަގު 27 އިންސައްތަ ވެއްޓިފައިވާއިރު، ހުކުރު ދުވަހު މާކެޓް ބަންދުވިއިރު ހިއްސާއެއްގެ އަގު ހުރީ 9.66 ޑޮލަރުގައެވެ. މިއާއެކު ކުންފުނީގެ ޖުމްލަ އަގަކީ 2.7 ބިލިއަން ޑޮލަރެވެ.

ހިއްސާ ކުރައްވާ!