އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު އެ ގައުމުގެ އިސްވެރިންގެ ފަރާތުން ފެންނަމުންދާ އޮޅުންބޮޅުން ބޮޑު އަދި ފުށުއަރާ ބަޔާންތަކުން ހާމަވަނީ، ވޮޝިންގޓަންގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އޮތް ފެކްޝަންތަކުގެ ފުން ބައިބައިވުންތައް ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ބަގާއީ ވިދާޅުވީ، އެމެރިކާގެ ސަރުކާރުގެ އެކި މުއައްސަސާތަކުގެ ފަހަތުގައި ތަފާތު ބާރުތަކާއި މަސްލަހަތުތައް ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ސަބަބުން ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކުގައި އެމެރިކާއަށް އެއްގަލަކަށް ނާދެވި، ސިޔާސަތުތައް އޮޅުންބޮޅުންވަމުންދާ ކަމަށެވެ. ޚާއްސަކޮށް މެދުއިރުމަތި ސަރަހައްދުގައި އެމެރިކާ އާއި އިސްރާއީލުން ގާނޫނާ ހިލާފަށް ހިންގަމުންދާ ހަނގުރާމަވެރި އަމަލުތަކާއި، އެއްބަސްވުންތަކަށް ބޯނުލެނބުމަކީ މީގެ ހެކިތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އިސްލާމްއާބާދު އެއްބަސްވުމާ" ޚިލާފުވީ އެމެރިކާ
އިސްލާމްއާބާދު ފަހުމުނާމާއާ ބެހޭގޮތުން ވާހަކަދައްކަވަމުން ބަގާއީ ވިދާޅުވީ، އީރާނުން އެއްވެސް އިރެއްގައި އެއްބަސްވުމަކާ ޚިލާފުވެފައި ނުވާނެ ކަމަށެވެ. ނަމަވެސް، އެމެރިކާއިން ވަނީ އެއްބަސްވުން ގާއިމުވި ފުރަތަމަ ދުވަސްކޮޅުން ފެށިގެން، އަސްކަރީ ހަމަލާތައް އާކޮށް އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވެފައެވެ.
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާ ގުޅޭގޮތުން ވެފައިވާ މި އެއްބަސްވުމުގައި، ހުރްމުޒް ކަނޑުއޮޅީގެ ތެރެއިން އެމެރިކާއަށް އަމިއްލަ މަގެއް ކަނޑައަޅައި ހެދުމުގެ އެއްވެސް ހުއްދައެއް ދީފައި ނުވާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އީރާނުން ކަނޑުގެ އެ މަގު ބަންދުކުރަން ޖެހުނީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އަމިއްލަ ގައުމީ ސަލާމަތް ރައްކާތެރިކުރުމަށެވެ.
އެމެރިކާ-އިސްރާއީލުގެ އަމަލުތަކަކީ ޖެނޮސައިޑެއް
ބަގާއީ ވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ކެމްޕޭނާއި ދަތިކުރުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސްލު މަގުސަދަކީ އާންމު ރައްޔިތުންނަށް އަދަބުދިނުމެވެ. އަދި މިހާރުގެ އަސްކަރީ ހަމަލާތަކުގައި އީރާނުގެ މިނާބް ސްކޫލަށާއި ލާމެރްދު ސަރަހައްދަށް ހަމަލާދީ، ސީދާ އާންމުންނަށް އަމާޒުކޮށް ޖެނޮސައިޑް ހިންގަމުންދާ ކަމަށް އެމެރިކާއިން އަމިއްލައަށް އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
އިސްރާއީލުގެ ހަނގުރާމަވެރި ސިޔާސަތަށް ފާޑުވިދާޅުވަމުން ބަގާއީ ވިދާޅުވީ، އިސްރާއީލަކީ ހަނގުރާމައާ ނުލައި ދެމިއޮވެވޭނެ ދައުލަތެއް ނޫން ކަމަށާއި، ފާއިތުވި 80 އަހަރު ދުނިޔެއަށް ހަމަނުޖެހުމާއި ފަސާދައާއި އަނިޔާވެރިކަން އުފަންކުރި ހަމައެކަނި ފަރާތަކީ އިސްރާއީލް ކަމަށެވެ.
އީރާނުން މަޝްވަރާގެ މޭޒު ދޫކޮށް ނުދާނެކަން ހާމަކުރައްވަމުން ބަގާއީ ވިދާޅުވީ، އެއް އަހަރު ތެރޭގައި ދެ ފަހަރަށް ހަމަލާދީފައިވާ ގައުމަކާއެކު އިތުބާރު ހުރި ވާހަކަތަކެއް ކުރިއަށް ގެންދިއުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި އީރާނުގެ ސިފައިން އޮތީ ކޮންމެ ފަދަ އުދުވާނަކަށްވެސް ރައްދުދޭން ފުރިހަމައަށް ތައްޔާރަށް ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.






