ކުޑަކުދިންނާއި ސޯޝަލް މީޑިއާގެ އަނދިރި ފަރާތް

ލޮސް އެންޖެލިސްގެ ކޯޓު ރޫމެއްގެ ތެރޭގައި، އުމުރުން 20 އަހަރުގެ ކޭލީ ޖީ.އެމް. ކިޔައިދިނީ ސޯޝަލް މީޑިއާގެ ދަލުގައި ބެދި، އޭނާގެ މުޅި ޅަފަތުގެ ދުވަސްވަރު ގެއްލިގެންދިޔަ ހިތާމަވެރި ވާހަކައެވެ. އޭނާ ޔޫޓިއުބް ބޭނުންކުރަން ފެށީ އުމުރުން އެންމެ ހަ އަހަރުގައެވެ. އިންސްޓަގްރާމަށް ވަނީ ނުވަ އަހަރުގައެވެ.

އެއް ފަހަރަކު އޭނާ ހުއްޓުމެއްނެތި 16 ގަޑިއިރު އިންސްޓަގްރާމްގައި ހޭދަކުރިއެވެ. އުމުރުން 10 އަހަރުވީއިރު، އޭނާ ވަނީ 240 ވީޑިއޯ އަޕްލޯޑްކޮށް، އަމިއްލަ ވީޑިއޯތަކަށް ލައިކްދީ ކޮމެންޓްކުރުމަށްޓަކައި އިތުރު 9 އެކައުންޓް ހަދާފައެވެ.

ކޭލީ ޖޫރީންނަށް ކިޔައިދިން ގޮތުގައި، މި އެޕްލިކޭޝަންތަކުގެ ސަބަބުން އޭނާގެ ނިދުމާއި، ތައުލީމާއި، ރަހުމަތްތެރިކަން މުޅިން ހަލާކުވިއެވެ. އަދި ނަފްސާނީ ބަލިމަޑުކަމާއި، ޑިޕްރެޝަން އަދި އަމިއްލަ ސިފައާމެދު ހިތްހަމަ ނުޖެހުން އިންތިހާއަށް އިތުރުވިއެވެ.

މެޓާ އަދި ގޫގުލްއިން ކޯޓުގައި އެމީހުންގެ ދިފާއުގައި ބުނީ، ކޭލީގެ މި މައްސަލަތަކަކީ ގޭތެރޭގެ މާހައުލު ގޯސްވުމާއި ސްކޫލްގެ މާހައުލުގެ ތެރޭގައި ދިމާވި ގަނާ ކުރުންތަކުގެ ސަބަބުން ދިމާވި ކަންކަން ކަމަށެވެ. ނަމަވެސް، ކޭލީގެ ވަކީލުން އިނގިލި ދިއްކުރީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފަރުމާކޮށްފައިވާ ގޮތަށެވެ.

މީހުން ހުއްޓުމެއްނެތި މީސްމީޑިއާ އެޕްތަކުގެ ތެރޭގައި ބޭތިއްބުމަށް ހަދާފައިވާ 'އޮޓޯޕްލޭ’، 'އިންފިނިޓް ފީޑްސް' ފަދަ ނިމުމެއް ނެތް ސްކްރޯލް ކުރުމާއި އަދި ނޮޓިފިކޭޝަންތަކައް ދެއްލިއެވެ. 40 ގަޑިއިރަށްވުރެ ގިނަ ވަގުތު ދެފަރާތުިގެ ވާހަކަތައް އަޑު އެހުމަށް ހޭދަކުރުމަށްފަހު، ޖޫރީން ނިންމީ ދެ ކުންފުންޏަކީވެސް އިހުމާލުވެފައިވާ ދެ ކުންފުނި ކަމަށެވެ.

މިއީ އެމެރިކާގެ ތާރީޚުގައިވެސް މިފަދަ ފުރަތަމަ ޝަރީއަތެވެ. މި ނިންމުން ތާރީޚީ ނިންމުމަކަށްވީ، ޔޫޒަރުން ޕޯސްޓްކުރާ މާއްދާތަކުގެ ބަދަލުގައި، ޕްލެޓްފޯމްތައް އަމިއްލައަށް ފަރުމާކޮށް ހިންގާ ގޮތުގެ ޒިންމާ ޓެކް ކުންފުނިތަކުން އުފުލަންޖެހޭނެ ކަމަށް ތަހުކީމް ކޮމިޓީން ކަނޑައެޅުމުންނެވެ.

ދަލުގައި ޖެއްސުން: އެޑިކްޝަނަށްވުރެ ފުން ނުރައްކަލެއް

ކޭލީގެ މައްސަލައަކީ ވަކި އެންމެ މީހެއްގެ ހާދިސާއެއް ނޫނެވެ. 2024 ވަނަ އަހަރު، އެމެރިކާގެ ސެނެޓުގައި މާކް ޒަކަރބާގްގެ ކުރިމަތީގައި މައިންބަފައިން ތިބީ އިންޓަނެޓްގެ ސަބަބުން މަރުވި ނުވަތަ އަނިޔާލިބުނު އެމީހުންގެ ދަރިންގެ ފޮޓޯތައް ހިފައިގެންނެވެ. ޒަކަރބާގް އެމީހުންނާ ދިމާއަށް އެނބުރި މާފަށް އެދުނެވެ.

ނަމަވެސް، ސޯޝަލް މީޑިއާގެ ނުރައްކާ ހަމައެކަނި އެޕްތަކަށް ދެވިހިފުމަކުން ނެއް ނުނިމެއެވެ. މިއީ ކުޑަކުދިން ޝިކާރަކުރާ މީހުންނަށް ލިބޭ ސީދާ މަގެކެވެ.

އެންމެ މެސެޖަކުން، ނުވަތަ ދޮގު ރަހުމަތްތެރިކަމަކުން ކުދިން ގްރޫމްކޮށް، ޖިންސީގޮތުން ނާޖާއިޒު ފައިދާ ނަގައި، 'ސެކްސްޓޯޝަން' ގެ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކުރުން ފަދަ ޖަރީމާތައް ފެށެއެވެ. މީގެ އިތުރުން ސައިބަރ ބުލީންގް، އަމިއްލައަށް މަރުވުމަށް ހިތްވަރުދޭ މާއްދާތަކާއި ލާއިންސާނީ އަނިޔާވެރި ވީޑިއޯތަކަށް ކުދިން ހުށަހެޅެއެވެ.

މި ކުންފުނިތަކަށް މި ނުރައްކާ އެނގޭތާ އަހަރުތަކެއް ވެއްޖެއެވެ. އެމީހުންގެ ޖަވާބަކީ އުމުރުގެ ހުރަސްތަކާއި، މައިންބަފައިން ކޮންޓްރޯލްކުރާ ޓޫލްތަކެވެ. ނަމަވެސް އެ ހުރިހާ ނިޒާމެއް ވަނީ ފޭލިވެފައެވެ.

ބައިނަލްއަގުވާމީ ފިޔަވަޅުތަކާއި މަނާކުރުންތައް

މި ފޭލިވުންތައް ފޮރުވަން މިހާރު ވަނީ އުނދަގޫވެފައެވެ.

  • 2024 ގައި އެމެރިކާގެ ފެޑްރަލް ޓްރޭޑް ކޮމިޝަނުން ބުނީ ޕްލެޓްފޯމްތަކުން ކުދިން ރައްކާތެރިއެއް ނުކުރެވޭ ކަމަށެވެ.
  • 2026 ގައި ޔޫރަޕްގެ ރެގިއުލޭޓަރުން ބުނި ގޮތުގައި، އުމުރުން 13 އަހަރުން ދަށުގެ ކުދިން އިންސްޓަގްރާމާއި ފޭސްބުކް ބޭނުންކުރުން ހުއްޓުވުމަށް މެޓާ ވަނީ ނުކުޅެދިފައެވެ.
  • އިނގިރޭސިވިލާތުގެ އޮފްކޮމް ރިޕޯޓުން ދެއްކި ގޮތުގައި، 11 އާއި 17 އަހަރާ ދެމެދުގެ 73 އިންސައްތަ ކުދިން ވަނީ އޮންލައިންކޮށް ކޮންމެވެސް ބާވަތެއްގެ ނުރައްކާތެރި އެއްޗަކާ ދިމާވެފައެވެ.

މި ސަބަބާ ހުރެ ސަރުކާރުތަކުން މިހާރު ދަނީ ސޯޝަލް މީޑިއާ މަނާކުރުމާ ދިމާލަށެވެ.

  1. އޮސްޓްރޭލިއާ: 2025 ޑިސެމްބަރުން ފެށިގެން، އުމުރުން 16 އަހަރުން ދަށުގެ ކުދިން އެކައުންޓް ހެދުން މަނާކުރާ ފުރަތަމަ ގައުމަށް ވިއެވެ.
  2. ޔޫކޭ: 2027 ގެ ބަހާރު މޫސުމުގައި މިފަދަ ގާނޫނަކަށް އަމަލުކުރަން ފަށާނެއެވެ.
  3. ޕާކިސްތާނު: ޕަންޖާބު އެސެމްބްލީއަށް ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް މައިންބަފައިންގެ ހުއްދައާ ނުލައި އެކައުންޓް ނުހެދޭ ގޮތަށް މުޅި ގައުމުގައި ބޭން އެއް މަނާކުރުމަށް ހުށަހަޅާފައެވެ.

މަނާ ކުރުމުގެ ސިޔާސީ އަގު އަދި ހަގީގީ ގޮންޖެހުންތައް

މަނާކުރުމަކީ ބިރުވެރި މައްސަލައަކަށް ލިބޭ ފަސޭހަ ޖަވާބެކެވެ. ނަމަވެސް މީގެ ސިޔާސީ ފައިދާ، ރައްކާތެރިކަމަށްވުރެ ބޮޑެވެ. ސަރުކާރުތަކުން ހަރުދަނާ ފިޔަވަޅު އަޅާކަން ދެއްކުމަށް މިއީ ފަސޭހަ ގޮތެކެވެ. ނަމަވެސް ބައެއް އިގްތިސާދީ އަދި އިދާރީ ގޮތުން ބައިބައިވެފައިވާ ގައުމެއްގައި، އުމުރު ކަށަވަރުކުރާ ނިޒާމެއް ހިންގުމަކީ ނުވާނެ ކަމެކެވެ. ކުދިން ދޮގު އުމުރު ޖަހައިގެން ނުވަތަ ބޮޑެތި މީހުންގެ އެކައުންޓް ބޭނުންކޮށްގެން މި ނިޒާމު ފަސޭހައިން އޮޅާލާނެއެވެ.

ހަރުދަނާ ނިޒާމުތައް އޮތް ގައުމުތަކަށްވެސް މިކަން ވަނީ ގޮންޖެހުމަކަށެވެ. 2026 ޖުލައި މަހު ރިސާޗަރުން އޮސްޓްރޭލިއާގައި ހެދި 50 ފޭކް އެކައުންޓެއްގައި އުމުރަކީ ސީދާ 16 އަހަރު ކަމަށް ޖެހުމުން، އެއްވެސް އެޕަކުން އުމުރު ކަށަވަރުކުރާކަށް ނޭދެއެވެ.

މީގެ އިތުރުން، ބޭންއެއްގެ ސަބަބުން މައިންބަފައިންނަށް ދޮގު ރައްކާތެރިކަމެއް އިހުސާސް ކުރެވިދާނެއެވެ. ޓިކްޓޮކް ނުވަތަ އިންސްޓަގްރާމް ބަންދުކުރުމުން ނުރައްކާ ކެނޑުނީ ކަމަށް ހީވެދާނެއެވެ. ނަމަވެސް ހަގީގަތުގައި ކުދިން ބަދަލުވާނީ ފެންނަން ކުޑަ، ވަޓްސްއެޕް، ޓެލެގްރާމް ގްރޫޕްތަކާއި، ޑިސްކޯޑް ސާވަރުތަކާއި ރޮބްލޮކްސް ފަދަ ގޭމިން ކޮމިއުނިޓީތަކަށެވެ. ނުރައްކާ ފިލައިގެންނެއް ނުދެއެވެ.

ކުރިއަށް އޮތް މަގު: ޒިންމާދާރުކުރުވުން

ދުނިޔޭގެ ރާއްޖެ ފަދަ ގައުމުތަކަށް ބޭނުންވަނީ ހަމައެކަނި މީސްމީޑިއާ މަނާ ކުރުމެއް ނޫނެވެ. ޓެކް ކުންފުނިތައް ޒިންމާދާރުކުރުވުމެވެ. ރާއްޖެއަށް އެކަން ކުރެވޭނީ މުވާސަލާތު ކުރާ ދެ ކުންފުނި މެދުވެރިކޮށެވެ. ކުޑަކުދިންގެ އެކައުންޓްތައް އަމިއްލައަށް 'ޕްރައިވެޓް' ވާންޖެހެއެވެ. ބޭނުން ނުކުރާ އިޝްތިހާރުތައް މަނާކުރަން ޖެހެއެވެ. އަދި މައްސަލަތައް ރިޕޯޓްކުރެވޭ ނިޒާމުތައް ހުންނަންޖެހެއެވެ.

  • އދ. ގެ ސައިބަރކްރައިމް ކޮންވެންޝަންގައި ރައްޖެއިން ބައިވެރިވާން ޖެހެއެވެ.
  • ’ގްލޯބަލް ޑިޖިޓަލް ކޮމްޕެކްޓް' މެދުވެރިކޮށް، ތަރައްގީވަމުންދާ ގައުމުތަކާ ގުޅިގެން މުވާސަލާތީ އަދި ޓެކް ކުންފުނިތަކުން ކުދިންނަށް ދޭ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފިޔަވަޅު އެޅުމަށް ގޮވާލަން ވެއްޖެއެވެ.

އަމާޒަކަށް ވާންވީ ޑިޖިޓަލް ދުނިޔެއިން ކުދިން އެއްކޮށް ބޭރުކޮށްލުމެއް ނޫނެވެ. އަމާޒަކަށް ވާންވީ، އެ ޑިޖިޓަލް ދުނިޔެއިން ކުދިންނަށް ކުރާ އަސަރުތަކުން އެކުދިން ރައްކާތެރި ކުރުމަށް އެކަމަށް ފަހިކޮށްދޭ މުވާސަލާތީ ކުންފުނިތައް ޖަވާބުދާރީ ކުރުވުމެވެ.

ރާއްޖޭގައި ޕޯން ސައިޓްތަކަށް ވަނުން މަނާ ކުރިއެވެ. އެއިރު އެންމެން އަތްތިލަބަޑި ޖެއްސެވެ. އެކަމަކު މިއަދު ކަން އޮތީކީ އެހެނެއް ނޫނެވެ!

ހިއްސާ ކުރައްވާ!