ބަންގްލަދޭޝްގެ ޖުލައި އިންގިލާބަށް ދެ އަހަރު: ސިޔާސީ އައު ބަދަލުތަކާއި ގޮންޖެހުންތައް

2024 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓް މަހު ދަރިވަރުން ނުކުމެ ހިންގި އިހުތިޖާޖުތަކާއި އުތުރުި އެރުމަކަށްފަހު، 15 އަހަރު ވަންދެން ވެރިކަން ކުރެއްވި ޝެއިޚް ހަސީނާގެ ސަރުކާރު ވައްޓާލި ޖުލައި އިންގިލާބަށް ދެ އަހަރު ފުރުނުއިރު، ބަންގްލަދޭޝް ވަނީ ސިޔާސީ ބޮޑެތި ބަދަލުތަކެއްގެ ތެރެއަށް ވަދެފައެވެ.

ޕްރޮފެސަރ މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުން އިސްނަގައިގެން ބޭއްވި 2026 ގެ އާންމު އިންތިޚާބު ކާމިޔާބުކޮށް، ތާރިގް ރަޙްމާން އިސްކޮށް ހުންނެވި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން މިހާރު ވަނީ ސަރުކާރު އެކުލަވާލާފައެވެ. އިންތިޚާބާއެކު ކުރިއަށްދިޔަ "ޖުލައި ގައުމީ ޗާޓަރު" ރެފަރެންޑަމަށް އާންމުންގެ ބޮޑު ތާއީދެއް ލިބިގެންދިޔައިރު، މީގެ ދަށުން ގާނޫނުއަސާސީއަށް މުހިންމު އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.

އިންސާފު ހޯދުމުގެ މަސައްކަތުގެ ތެރެއިން، ހަސީނާގެ ވެރިކަމުގައި ހިނގާދިޔަ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތަކާއި، 2024 ގެ އިހުތިޖާޖުތަކުގައި 1,400 އަށްވުރެ ގިނަ ޒުވާނުން މަރުވި މައްސަލައިގައި އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) މެދުވެރިކޮށް ދަނީ ޝަރީއަތްތައް ހިންގަމުންނެވެ. ނަމަވެސް، ފިލައިގެން ގޮސް ގައުމުން ބޭރުގައި ތިބި އިސްވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

އިގްތިސާދީ ގޮތުން ބަލާއިރު، ނިމިދިޔަ ސަރުކާރުން ލޫޓުވާލާފައިވާ ބޭންކިންގ ނިޒާމު ހަމައަކަށް އަޅުވައި، އިގްތިސާދު ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ދަނީ ހޯދަމުންނެވެ. އަދި އެމެރިކާ ފަދަ ހުޅަނގުގެ ގައުމުތަކާއެކު ވިޔަފާރީގެ އައު އެއްބަސްވުންތައް ގާއިމުކުރެވުނު ނަމަވެސް، އަވައްޓެރި އިންޑިއާއާއެކު އޮތް ގުޅުމުގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެވެއެވެ.

ޒުވާނުންގެ ގުރުބާނީން ގެނެވުނު މި އިންގިލާބުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބިގެންދާނީ، އައު ސަރުކާރުން ކުރީގެ އާއިލީ ނުފޫޒާއި ކޮރަޕްޝަންގެ ސިޔާސަތުތަކާ ދުރުވެ، ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނެގެހެއްޓުމަށް އިސްކަންދީގެން ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!