މިސައިލް އުފައްދާ މަރުކަޒުތައް ހޯދައި ދެނެގަތުމުގެ ޤާބިލުކަމެއް ދުޝްމަނުންނަކަށް ނެތް

އީރާނުން މިސައިލް އުފައްދާ މަރުކަޒުތައް ހުރި ތަންތަން ދެނެގަނެ، އެ ތަންތަނަށް ފާރަވެރިވުމުގެ އެއްވެސް ޤާބިލުކަމެއް ދުޝްމަނުންނަށް ލިބިގެންނުވާ ކަމަށް އީރާނުގެ ޚާތަމލްއަންބިޔާ ސެންޓްރަލް ހެޑްކުއާޓަރސްގެ ކޮމާންޑަރު ޖެނެރަލް ޣުލާމްޢަލީ ރަޝީދު ވިދާޅުވެއްޖެއެވެ.

ޖެނެރަލް ރަޝީދު މިހެން ވިދާޅުވީ އީރާނުގެ އިސް އަސްކަރީ ކޮމާންޑަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ އަސްކަރީ އުފެއްދުންތަކާއި މިސައިލް އުފައްދާ ކާރުޚާނާތައް ހުރީ ބޫމީގެ އަޑީގައި، ދުޝްމަނުންގެ ޖާސޫސީ ވަސީލަތްތަކާއި ހަމަލާތަކުން މުޅިން ރައްކާތެރިކުރެވިފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާއާއި އެކުވެރި ބާރުތަކުން ކުރިއަށްގެންދާ އަސްކަރީ ފިއްތުންތަކާއި އިންޒާރުތަކަށް އީރާނުގެ އަސްކަރިއްޔާއިން ސަމާލުވެ، އޮތީ ފުރިހަމަ ތައްޔާރީ ހާލަތެއްގައި ކަމަށެވެ. އަދި ޤައުމީ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގައި އީރާނުން އެއްވެސް ދުޝްމަނަކަށް ދޫނުދޭނެ ކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.

ޖެނެރަލް ރަޝީދު ފާހަގަކުރެއްވި ގޮތުގައި، ދުޝްމަނުން ކިތަންމެ ވަރުގަދަ ޖާސޫސީ އަދި ޓެކްނޮލޮޖީގެ ވަސީލަތްތަކެއް ބޭނުންކުރި ނަމަވެސް، އީރާނުގެ ދިފާއީ ސިއްރުތަކާއި އަސްކަރީ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދުޝްމަނުން ވަނީ ނާކާމިޔާބުވެފައެވެ.

ހިއްސާ ކުރައްވާ!