ކީރިތި ޤުރުއާން ހިތުންދަސްކުރި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފި

މޮރިޓޭނިއާގެ ވެރިރަށް ނުއަކްޝޫތުގައި، އެ ޤައުމުގެ އެމްބޫދު ސަރަހައްދަށް ނިސްބަތްވާ 45 ދަރިވަރަކު މުޅި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މުނާސަބަތުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތު އިންތިޒާމުކުރީ 'އިމާމް ވަރްޝް' އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާން އެންޑް ރިލިޖަސް ސައިންސަސް އިންނެވެ.

ޤުރުއާން ހިތުން ދަސްކުރި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ އިތުރުން، މި ރަސްމިއްޔާތުން ހާމަވެގެންދިޔައީ ޤުރުއާން ކިޔަވައިދިނުމުގެ މުއްސަނދި އާދަކާދައާއި، މޮރިޓޭނިއާގެ ސަގާފަތާއި ޤައުމީވަންތަކަމުގައި ކީރިތި ޤުރުއާނަށް ދީފައިވާ ޚާއްޞަ ގަދަރެވެ.

އެމްބޫދުގައި ކީރިތި ޤުރުއާން ހިތުން ދަސްކުރުމުގެ މަސައްކަތް ފެށީ އެ އިންސްޓިޓިއުޓްގެ އިސްވެރިން މޮރިޓޭނިއާގެ ދެކުނުގައި އޮންނަ އެމްބޫދު ސަރަހައްދަށް ކުރެއްވި ދަތުރުފުޅުގައި އެހިސާބުގައި ހާފިޒުން މަދުވުމުން ޚާއްސަ ޕްރޮގްރާމެއްގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން ބައެއް ޒުވާނުންނާއި ކުދިން ނުއަކްޝޫތުގައި ހުންނަ އިމާމް ވަރްޝް އިންސްޓިޓިއުޓްގެ މައި މަރުކަޒަށް ގެނެސް، ޤުރުއާން ހިތުން ދަސްކރުމާއި ދީނީ ތަމްރީންގެ ކޯސްތަކުގައި ބައިވެރިކުރިއެވެ.

އިމާމް ވަރްޝް އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާން އެންޑް ރިލިޖަސް ސައިންސަސް

އިމާމް ވަރްޝް އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާން އެންޑް ރިލިޖަސް ސައިންސަސްއަކީ ދީނީ އަދި ޤުރުއާނީ ޢިލްމު ފެތުރުމަށާއި، އެ ދާއިރާއިން ޢިލްމުވެރިންނާއި ޙާފިޡުން އުފެއްދުމަށް އަމާޒުކޮށްގެން މޮރިޓޭނިއާ ސަރުކާރުން ހިންގާ މުވައްސަސާއެކެވެ. މި މުއައްސަސާގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި، ޢާންމުކޮށް ޤުރުއާން ކިޔަވައިއުޅޭ ޢާޞިމްގެ ރިވާޔަތުގެ އިތުރުން "ވަރްޝް ޢަން ނާފިޢުގެ ރިވާޔަތް" ފަދަ ރާގަށް ޤުރުއާން ކިޔެވުމުގެ ޢިލްމީ އެކި ގޮތްތަކާއި ހަމަތައް އުނގަންނައިދއެވެ. އަދި އިސްލާމީ ޝަރީޢަތާއި ޢަޤީދާއާއި ފިޤުހު ފަދަ ދީނީ ޢިލްމުތަކުން ދަރިވަރުންނަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރެއެވެ. އަދި ހަމައެހެންމެ، މިސްކިތްތަކަށާއި މުޖުތަމަޢަށް ބޭނުންވާ ފެންވަރު ރަނގަޅު އިމާމުންނާއި ޚަޠީބުންނާއި ޤުރުއާން މުދައްރިސުން ބިނާކުރުމަށް ޚާއްޞަ ކޯސްތަކާއި ޕްރޮގްރާމްތައް ވެސް މިތަނުން ހިންގައެވެ.

މި އިންސްޓިޓިއުޓަށް "އިމާމް ވަރްޝް" ގެ ނަން ދެވިފައިވަނީ، އިސްލާމީ ތާރީޚުގައި ޤުރުއާން ކިޔެވުމުގެ ޢިލްމަށް ނުހަނު ބޮޑު ޚިދުމަތްތަކެއް ކޮށްދެއްވި މަޝްހޫރު ޤާރީ އަދި އިމާމެއް ކަމަށްވާ ނާފިޢު ޢަން ޢަބްދުއްރަޙްމާން އަލްމަދަނީގެ މަޝްހޫރު ރާވީ ޢުޘްމާން ބިން އަޙްމަދު (ވަރްޝް) ގެ ނަންފުޅަށް ނިސްބަތް ކޮށެވެ.

މޮރިޓޭނިއާއާއި އުތުރާއި ހުޅަނގު އެފްރިކާގެ ބޮޑު ސަރަޙައްދެއްގައި ވަރްޝްގެ ޤިރާއަތަށް ޤުރުއާން ކިޔެވުމާއި ހިތުދަސް ކޮށް އުޅެއެވެ.

މޮރިޓޭނިއާގެ އިމާމް ވަރްޝް އިންސްޓިޓިއުޓްއަކީ ވަރްޝްގެ ޤިރާއަތް ދަމަހައްޓައި، އުނގަންނައިދީ އެ ދާއިރާއިން ދަރިވަރުން ތަމްރީނުކުރާ މައި މަރުކަޒެވެ.

ހިއްސާ ކުރައްވާ!