ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވަނީ 2026 ވަނަ އަހަރުގެ ވާލްޑް ކަޕް ކުރިއަށްދިޔަ ގޮތަށް ފާޑުވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ނުފޫޒު ފުޓްބޯޅައަށް ފޯރުމުގެ ސަބަބުން މި މުބާރާތުގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
އާޖެންޓީނާ ބަލިކުރުމަށްފަހު ތަށި އުފުލާލި ސްޕޭން ގައުމީ ޓީމަކީ "ތަށި ހައްގުވާ ބައިވެރިޔާ" ކަމަށް ބްލެޓާ އެއްބަސްވެވަޑައިގެންނެވި ނަމަވެސް، ދަނޑުން ބޭރުގައި ހިންގި ހާދިސާތަކުގެ ސަބަބުން ކުޅިވަރުގެ އަސްލު މަންޒަރު ފޯރިކެނޑިގެން ދިޔުމުން އޭނާ ވަނީ ހިތާމަފާޅުކުރައްވާފައެވެ.
"އެންމެ ދިގު މުއްދަތަކަށް ކުރިއަށްދިޔަ ވާލްޑް ކަޕް މުބާރާތް މިވަނީ ހައްގުވާ ބަޔަކު ތަށި އުފުލާލުމާއެކު ނިމިފައެވެ. ނަމަވެސް، ފައިނަލް ކަށިގަނޑު ފުންމާލުމާ ހަމައަށް ދިޔަ އިރު މުބާރާތުގެ އިތުބާރު ވަނީ ގެއްލިފައެވެ." އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބްލެޓާ ލިޔުއްވާފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސިޔާސީ ކަންކަމުގެ ނިވާފަތްގަނޑަކަށް ފުޓްބޯޅަ ވިޔަދީގެން ނުވާނެ ކަމަށާއި، އާ އިދާރާއެއްގެ ދަށުން ފުޓްބޯޅަ ސަޕޯޓަރުންނާއި، ކުޅުންތެރިން އަދި ގައުމީ އެސޯސިއޭޝަންތަކާ އަލުން ހަވާލުކޮށް، ކުޅިވަރުގެ އަސްލު ބުނެދިނުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
މި މުބާރާތުގައި ދަނޑުން ބޭރުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އޭގެ ތެރޭގައި ފިޔަވަޅުެއެޅުމުގެ ނިންމުންތަކާއި، އިންތިޒާމީ މައްސަލަތަކުގެ އިތުރުން ސިޔާސީ މަސްލަހަތު ފުޓްބޯޅައިގެ ތެރެއަށް ވެއްދުން ހިމެނެއެވެ.
މީގެއިތުރުން، ފައިނަލް މެޗުގެ ހާފްޓައިމް ބްރޭކް 25 މިނެޓަށް ދިގުދައްމާލުމާ ގުޅިގެންވެސް ބްލެޓާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެއީ އެ ވަގުތު ބޭއްވި ބޮޑު އެންޓަޓެއިންމަންޓް ޝޯގެ ސަބަބުންނެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ފުޓްބޯޅައިގެ ސަގާފީ އައިޑެންޓިޓީއާ ހިލާފު ކަމެކެވެ.
"ފެންބޯން ދޭ މެދުކެނޑުންތަކަކީ ހަމައެކަނި ފެށުމެކެވެ. އާދީއްތަ ދުވަހު އަހަރެމެންނަށް މި ފެނުނީ ވާލްޑް ކަޕް ތާރީޚުގައިވެސް އެންމެ ދިގު ހާފްޓައިމް ބްރޭކެވެ. ވާލްޑް ކަޕް ފައިނަލް މިވަނީ 'ސުޕަރ ބޯލް' ގެ ކޮޕީއަކަށް ބަދަލުވެފައެވެ. ފީފާ މި މިސްރާބު ޖަހަނީ ކޮން ދިމާލަކަށް ހެއްޔެވެ؟" ބްލެޓާ ލިޔުއްވާފައިވެއެވެ.
މީގެއިތުރުން، އެމެރިކާގެ ކުޅުންތެރިޔާ ފޮލާރިން ބަލޯގުންއަށް ދެއްކި ރަތް ކާޑަށްފަހު އޭނާގެ ސަސްޕެންޝަން އުވާލަން ފީފާއިން ނިންމި ނިންމުމަށްވެސް ބްލެޓާ ކުރިން ފާޑުވިދާޅުވިއެވެ. އެ ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފިއްތައިގެން ކުރުވި ކަމެއް ކަމަށް ޓްރަމްޕް އަމިއްލައަށް އިއުލާނު ކުރެއްވުމުން ބޮޑު އިތުރު ޒުވާބެއް އުފެދުނު ކަމެކެވެ.
އެ ދުވަސްވަރު ބްލެޓާ ވިދާޅުވެފައިވަނީ، ފިޔަވަޅުއެޅުމުގެ ނިންމުންތައް ނިންމަންވާނީ ގަވާއިދުތަކާއި، ހެކިތަކުގެ މައްޗަށް ބިނާކޮށް މިނިވަން މުއައްސަސާތަކުން ކަމަށާއި ފުޓްބޯޅައަކީ "ސިޔާސީ ބާރުވެރިކަން ދައްކާ ކުޅިވަރަކަށް" ވެގެން ނުވާނެ ކަމަށެވެ.
އިންފަންޓީނޯއަށް ކުރިކޮށްފައިވާ މި ފާޑުކިޔުންތަކާއެކު، 2026 ގެ ވާލްޑް ކަޕަކީ ސްޕޭނަށް ލިބުނު ދެވަނަ ތަށީގެ ކާމިޔާބީގެ އިތުރުން، ފުޓްބޯޅައިގެ ވިޔަފާރިއާއި ސިޔާސީ ނުފޫޒާ މެދު ބޮޑެތި ބަހުސްތަކެއް އުފެއްދި މުބާރާތެއްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެންދާނެ މުބާރާތެކެވެ.





