ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ މަގާމުން ވަކިވެވަޑައިގަތުމަށް ގޮވާލައިފި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ މަގާމުން ވަކިވެވަޑައިގަތުމަށް ގޮވާލައްވައި، "ފީފާއަކީ ފެށުނީއްސުރެ ކުނިވެފައިވާ ނިޒާމެއް" ކަމަށް ބުނެ ލާލީގާގެ ރައީސް ހާވިއޭ ޓެބާސް، އިންފަންޓީނޯއާއި ފީފާއަށް ފާޑުވިދާޅުވެއްޖެ އެވެ.

2016 ވަނަ އަހަރުން ފެށިގެން ފުޓުބޯޅައިގެ މައި އިދާރާ ހިންގަވަމުން ގެންދަވާ އިންފަންޓީނޯއަށް ވަނީ 2026 ގެ ވޯލްޑް ކަޕާ ގުޅޭގޮތުން ހިނގދިޔަ އެކި ކަންކަމާ ގުޅިގެން ވަރަށް ބޮޑެތި ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާ ގޮތަށް ދީލާލުމާއި ޓިކެޓުގެ އަގުބޮޑުވުމާއި، އަދި މެޗުތަކުގެ ދެ ހާފުގެ ބަދަލުގައި ހަތަރު ކުއާޓަރަށް ބަދަލުކުރުމާ އެއްފަދަ ކަމަކަށް ވެގެންދިޔަ ފުޓުބޯޅައިގެ އާދަކާދައާ ނުގުޅޭ ފެންބުއިމުގެ ބްރޭކްތައް ހިމނެ އެވެ.

މި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ވޯލްޑް ކަޕުން ރެކޯޑު އަދަދަކަށް 15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ފީފާއިން ލަފާކުރާއިރު، ޓްރަމްޕް ސިފަކުރެއްވީ މި މުބާރާތަކީ "މިހާތަނަށް ބޭއްވުނު އެންމެ މޮޅު އެއް އިވެންޓް" ގެ ގޮތުގަ އެވެ.

ސްޕެއިން ވޯލްޑް ކަޕް ފައިނަލް ކާމިޔާބު ކުރުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި، ލާލީގާގެ ރައީސް ޓެބާސް ވަނީ އިންފަންޓީނޯގެ އެންމެ ބޮޑު އެއް ފާޑުކިޔުންތެރިޔާގެ ގޮތުގައި ނުކުމެވަޑައިގެން، އުމުރުން 56 އަހަރުގެ އިންފަންޓީނޯ ފުޓުބޯޅައިގެ އެންމެ މަތީ މަގާމުން ދުރުވާންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ފުޓުބޯޅައަށް ލިބުނު ގެއްލުންތަކާ ގުޅިގެން ފީފާގެ ރައީސް މަގާމުން އިސްތިއުފާ ދެއްވަންޖެހޭތޯ ސުވާލު ކުރުމުން ޓެބާސް ވިދާޅުވީ: "އަޅުގަނޑު ހީކުރަނީ އޭނާގެ ވަގުތު ހަމަވެއްޖެ ކަމަށް." އިޓަލީގެ ގެޒެޓާއަށް ވިދާޅުވިއެވެ.

"ނަމަވެސް، ނިޒާމުގެ ތާއީދާއި، އެސޯސިއޭޝަންތަކުގެ ތާއީދު އޭނާއަށް ލިބިފައިވާތީ ދެން އިތުރަށް ބުނާނެ މާގިނަ އެއްޗެއް ނެތެއް ނޫންތޯ؟ ވާދަވެރި އެއްވެސް ކެނޑިޑޭޓެއް ނެތް؛ ބަލިވާން އެކަނިވެސް ކުރިމަތިލާކަށް އެއްވެސް މީހަކު ބޭނުމެއް ނުވޭ. މިއީ މުޅި ނިޒާމު، އަދި މިއީ ފެށުނީއްސުރެ ކުނިވެފައިވާ ނިޒާމެއް. އޭނާ މަގާމުގައި ހުންނަވަން ނުޖެހޭ، ނަމަވެސް މިހާރު ކަންތައް ހުރިގޮތުން އޭނާ އެ މަގާމަކުން ނުފައިބާނެ." ޓެބާސް ވިދާޅުވިއެވެ.

ވޯލްޑް ކަޕް އިތުރަށް ފުޅާކޮށް 2030 ގައި 64 ޓީމުގެ މުބާރާތެއް ބޭއްވުމަށް ފީފާއިން ރާވަމުންދާ ރޭވުންތަކާ ގުޅޭގޮތުން ސުވާލުކުރުމުން ވެސް ޓެބާސް ވަނީ ވަރަށް ސާފުކޮށް ވާހަކދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ: "ގައުމީ ޓީމުތަކުގެ އަދަދު އިތުރުކުރުމުގައި އެއްވެސް މާނައެއް ނެތް. ފުޓުބޯޅަ އިންޑަސްޓްރީއަކީ ހަމައެކަނި ވޯލްޑް ކަޕެއް ނޫން، އެއީ އެންމެ މުހިންމު އިވެންޓް ނަމަވެސް އެކަމަކު ހުރިހާ ކަމެއް ވޯލްޑް ކަޕަކަށް ބިނާވެފައެއް ނުއެއް އޮންނާނެ. މި ކުޅިވަރު ދަމަހައްޓަނީ ގައުމީ މުބާރާތްތަކުން." އޭނާ ވިދާޅުވިއެވެ.

ޓަބާސްއަކީ އިންފަންޓީނޯއަށް ފާޑުކިޔާ ހަމައެކަނި ފަރާތް ނޫނެވެ. ނަމަވެސް، މީގެ 10 އަހަރު ކުރިން ސެޕް ބްލެޓަރގެ ފަހުން މަގާމާ ހަވާލުވެވަޑައިގެންނެވި ފީފާގެ މިހާރުގެ ރައީސް ހަތަރުވަނަ ދައުރަކަށް މަގާމުގައި ދެމިހުންނެވުމުގެ ފުރުސަތު ބޮޑެވެ.

މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2027 ގެ ފީފާ ކޮންގްރެސްގައި އިންފަންޓީނޯ މަގާމަށް އިންތިޚާބު ކުރުމަށް ކުރިމަތިލައްވާނެ ކަމަށާއި، މިވަގުތު އޭނާއާ ވާދަކުރާނެ އެއްވެސް ފަރާތެއް ނެތްކަން ފާހަގަކުރެވެ އެވެ.

ނޮވެމްބަރު މަހުގެ ނިޔަލަށް ކެންޑިޑޭޓުން ހުށަހަޅަންޖެހޭއިރު، 'ދަ ގާޑިއަން' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވޯލްޑް ކަޕާއި އޭނާގެ ރައީސްކަމާ ކުރިމަތިވި އެކި މައްސަލަތަކާ އެކުވެސް އިންފަންޓީނޯއަށް "ފީފާގެ 211 މެމްބަރުންގެ ތެރެއިން 200 އަށް ވުރެ ގިނަ މެމްބަރުންގެ ރަސްމީ ތާއީދު ލިބިފައިވެ އެވެ."

ޖަރުމަނު ފުޓުބޯޅަ އެސޯސިއޭޝަން (ޑީއެފްބީ) އަދި ޑެންމާކް ފުޓުބޯޅަ އެސޯސިއޭޝަން (ޑީބީޔޫ) އިން ވަނީ އިންފަންޓީނޯއަށް ތާއީދުކޮށް ފޮނުވި ސިޓީގައި ސޮއިނުކުރާ ކަމަށް ކަށަވަރުކޮށްދީފަ އެވެ. އަދި ފީފާއާ ދެމެދު އޮތް ގުޅުން ގޯސްވުމުގެ ސަބަބުން ޔުއެފާގެ ވެރިޔާ އަލެގްޒެންޑަރ ސެފެރިން ވޯލްޑް ކަޕް ފައިނަލް ބޮއިކޮޓް ކުރެއްވި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ހިއްސާ ކުރައްވާ!