2026 ވަނަ އަހަރުގެ ފީފާ ވާލްޑް ކަޕްގައި އާޖެންޓީނާ ކުރި ދަތުރު ނިމުމަކަށް އައިސްފައިވީ ނަމަވެސް، މުބާރާތުގެ ތެރޭގައި އުފެދުނު މައްސަލަތަކުގެ އަސަރު އަދިވެސް ކެނޑިގެން ނުދެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ގިނަ މައްސަލަތަކެއްގެ މެދުގައި އެންމެ ފަހުގެ ޗެމްޕިއަނުން ތާށިވި މުބާރާތަށްފަހު، އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އިން ދަނީ ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތުތައް ހޯދަމުންނެވެ. އަބުރާ ބެހުމުގެ މައްސަލައިގައި ދައުވާކުރަން ނިންމާފައިވަނީ ދޮގު ތުހުމަތުތަކާއި، ސައްޙަނޫން ގޮތަށް ބަދަލުކޮށްފައިވާ ފޮޓޯތަކާއި، އަދި އެއްވެސް ހެއްކެއް ނެތި ކޮށްވިފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ.
އޭއެފްއޭއިން ދައުވާކުރަން ގަސްދުކުރަނީ ބޮޑެތި މީޑިއާތަކަށާއި އެކްސް، އިންސްޓަގްރާމް އަދި ޓިކްޓޮކްގައި ގިނަ ފޮލޯވަރުން ތިބޭ އެކައުންޓުތަކަށް އެކަންޏެއް ނޫނެވެ. އޭގެ އިތުރުން، މި ދޮގު ވާހަކަތައް ފެތުރުމުގައި ބައިވެރިވި މަދު ފޮލޯވަރުން ތިބި އާންމު އެކައުންޓުތަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެއެވެ.
މުޅި މުބާރާތުގެ ތެރޭގައިވެސް، ރެފްރީން ނިންމި ނިންމުންތަކާ ގުޅިގެން އޮންލައިންކޮށް އުފެދުނު ބަޙުސްތަކުގެ މެދުގައި އާޖެންޓީނާ ބަނދެވުނެވެ.
ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ފީފާގެ އޮފިޝަލުން ސައުތު އެމެރިކާގެ މި ޓީމަށް މުހިންމު ނިންމުންތަކުގައި ބުރަވެ، އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އެންމެ ގިނައިން ދައުރުވި އެއް ފޮޓޯއިން ފެންނަ ގޮތުގައި، ސެމީ ފައިނަލް މެޗުގެ ފަހުކޮޅު އާޖެންޓީނާއިން މޮޅުވި ލަނޑު ޖެހުމުގެ ކުރިން، ލިއޮނެލް މެސީ ވަނީ އިންގްލަންޑުގެ ޑިފެންޑަރު ޖެޑް ސްޕެންސްގެ ފަޔަށް އަރާފައެވެ. ނަމަވެސް، މިނިވަން ފެކްޓް-ޗެކަރުންނާއި އޮންލައިން ތަހުގީގުކުރާ ފަރާތްތަކުން ފަހުން ވަނީ އެ ފޮޓޯއަކީ ޑިޖިޓަލީ ބަދަލުކޮށްފައިވާ ފޮޓޯއެއްކަން ސާބިތުކޮށްދީފައެވެ.
މި މައްސަލަ އެންމެ ބޮޑަށް ހޫނުވީ ގަދަ 16 ގެ މެޗުގައި އާޖެންޓީނާއިން މިޞްރާ ދެކޮޅަށް ހޯދި ކާމިޔާބީއަށްފަހުއެވެ.
ގާތްގަނޑަކަށް 15 މިނެޓު ތެރޭގައި 3 ލަނޑު ވަދެ، 3-2 އިން މެޗުން ބަލިވެ މުބާރާތުން ވަކިވާންޖެހުމުން، މިޞްރު ޓީމުގެ އޮފިޝަލުން ވަނީ މުބާރާތުގެ އިންސާފުވެރިކަމާމެދު ސުވާލުއުފައްދާފައެވެ.
ނަމަވެސް ފީފާގެ ޗީފް ރެފްރީންގ އޮފިސަރު ޕިއެރލުއީޖީ ކޮލީނާ ވަނީ އެ ތުހުމަތުތައް ފުރިހަމައަށް ދޮގުކުރައްވައި، އެ މެޗުގެ ރެފްރީކަން ކުރި ފްރާންސްގެ ރެފްރީގެ ނިންމުންތައް ދިފާއުކުރައްވާފައެވެ.
ލިއޮނެލް މެސީގެ ޓީމުން ސެމީ ފައިނަލުގައި އިންގްލަންޑް ބަލިކުރުމަށްފަހު ޖެހިޖެހިގެން ދެވަނަ ވާލްޑް ކަޕް ފައިނަލަށް ދަތުރުކުރިއެވެ. ނަމަވެސް، ފައިނަލް މެޗުގައި އެންޒޯ ފެރްނާންޑޭޒްއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން 10 ކުޅުންތެރިންނާއެކު ކުޅެންޖެހުނު އާޖެންޓީނާގެ ތަށި ދިފާއުކުރުމުގެ އުންމީދު ނިމުމަކަށް އައީ އިތުރު ވަގުތު ކުޅެ، ފެރާން ޓޮރޭޒް ޖެހި ލަނޑުން 1-0 އިން ސްޕެއިން އަތުން ބަލިވުމުންނެވެ.
ފައިނަލުން ބަލިވި ނަމަވެސް، މެޗަށްފަހުވެސް އާޖެންޓީނާއަށް ވަނީ އަނެއްކާވެސް ފާޑުކިޔުންތައް އަމާޒުވެފައެވެ. އެއީ މެޗުގެ ފަހުން އެ ޓީމުގެ ބައެއް ކުޅުންތެރިން އަމަލުކުރި ގޮތުންނެވެ. ފީފާއިން މިހާރު ވަނީ މި ހާދިސާތަކުގެ ތަހުގީގެއް ފަށާފައެވެ. އަދި އެ އިދާރާއިން ދަނީ މެޗަށްފަހު އާޖެންޓީނާ ސްކޮޑުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުންތައް ބަލައި ތަހުގީގުކުރަމުންނެވެ.





