ކަރީން ޚާންމަގާމުން ވަކިކޮށް ނަތަންޔާހޫ ބޮޑު ކާމިޔާބިޔާބީއެއް ހޯދައިފި

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ޕްރޮސެކިއުޓަރު ކަރީމް ޚާން އެ ކޯޓުގެ މަގާމުން ވަކިކުރަން އެ ކޯޓުގެ މެންބަރު ގައުމުތަކުގެ ޖަމިއްޔާއިން ނިންމައި ފިއެވެ. އެ ނިންމުމަށް ޚާންގެ ވަކީލު ވަނީ ފާޑު ކިޔައި އިސްތިއުނާފް ކުރާނެ ކަމަށް ބުނެފައެވެ. އިޒްރޭލުން ކުރި މަސައްކަތުން ވޮޓު ހަމަކޮށް ޚާން މަގާމުން ވަކިކުރުމަށް ބައިނަލްއަގްވާމީ ކޯޓުގެ ނިންމުމަކީ "ނުރައްކާތެރި މެސެޖެއް" ކަމަށް ބައިނަލްއަގުވާމީ ގާނޫނީ ވަކީލު އަދި ފަނޑިޔާރު އުމަރު އަލްޖާޒީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ، މި ނިންމުމުގެ ފަހަތުގައި އޮތީ ސިޔާސީ މަގްސަދެއްނަމަ، މިއީ "ހިތާމަވެރި ދުވަހެއް" ކަމަށާއި، މިއިން ދޭހަވަނީ އިޒްރޭލާ ގާތްވުމަށް ނުވަތަ އެ ގައުމު ކުށްވެރިކުރުމަށް މަސައްކަތްކޮށްފިނަމަ، އޭގެ ނަތީޖާ ހިތިވާނެ ކަމެވެ.

އަލްޖާޒީ ވިދާޅުވީ، ކަރީމް ޚާންގެ ފަހުން އަންނަ ކޮންމެ ޕްރޮސެކިއުޓަރަކު ވެސް އިޒްރޭލުގެ މައްސަލަތައް ކުރިއަށް ގެންދަން އުޅެފިނަމަ "އޭގެ އަގު ދައްކަން ޖެހޭނެ" ކަން މިއިން ސާބިތުކޮށްދޭ ކަމަށެވެ. މިއީ ފާއިތުވި ދުވަސްތަކުގައި އެ ކޯޓަށް ކުރިމަތިވި ނުފޫޒުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި ވާހަކައެކެވެ.

އަލްޖާޒީ އިތުރަށް ވިދާޅުވީ، ގާނޫނީ ގޮތުން ބަލާއިރު 'ރޯމް ސްޓޭޓިއުޓް' ގެ ދަށުން، ޕްރޮސެކިއުޓަރަކު ބޮޑު ކުށެއް ކޮށްފިނަމަ އޭނާ މަގާމުން ވަކިކުރުމުގެ ބާރު އޮވެއެވެ. ނަމަވެސް، މިކަން ހިނގި ގޮތާއި، ވަގުތާއި، ސިޔާސީ ނުފޫޒުގެ މިންވަރު އެކަހެރިކޮށް ނު ބެލެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ކަރީމް ޚާން މަގާމުން ވަކިކުރި ނަމަވެސް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރަން ނެރެފައިވާ އަމުރު ފަދަ ކުރިން ނިންމާފައިވާ ނިންމުންތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. "މި އަމުރުތައް ވެގެންދާނީ ފަލަސްތީނުގެ ލޭ ބައިނަލްއަގުވާމީ އަދުލުގެ ރެކޯޑުތަކަށް ވަދެފައިވާކަމުގެ ހެއްކަކަށެވެ."

މިއީ އައިސީސީގެ ތާރީޚުގައި ޕްރޮސެކިއުޓަރަކު ޑިސިޕްލިނަރީ ފިޔަވަޅުތަކެއްގެ ތެރެއިން މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ. އަ-ޖާޒީ ވިދާޅުވި ގޮތުގައި، އިޒްރޭލުގެ މައްސަލަތައް ހުށަހެޅުމާއެކު އެ ކޯޓަށް ކުރިމަތިވި ފިއްތުންތަކަކީ އެ ކޯޓު އުފެދުނު ފަހުން ކުރިމަތިވި އެންމެ ބޮޑު ފިއްތުންތަކެވެ.

މައްސަލައިގެ ފަސްމަންޒަރު:

  • ކަރީމް ޚާންގެ މައްޗަށް ކޮށްފައިވަނީ އެ ކޯޓުގައި މަސައްކަތް ކުރާ މެލޭޝިއާ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުތަކެކެވެ. ޚާން ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

  • ހުކުރު ދުވަހު އައިސީސީގެ މެންބަރު ގައުމުތަކުން ނެގި ވޯޓުގައި، 110 މެންބަރުންގެ ތެރެއިން 82 މެންބަރުން ވަނީ އޭނާ މަގާމުން ވަކިކުރަން ވޯޓު ދީފަ އެވެ.

  • ޚާންގެ ވަކީލު ޠައްޔިބު އަލީ ވިދާޅުވީ، މި ނިންމުމަކީ ގާނޫނީ ގޮތުންނާއި އިޖުރާއީ ގޮތުން ވެސް އަދުލުވެރި ނޫން ނިންމުމެއް ކަމަށާއި، މި ނިންމުމާ ދެކޮޅަށް ހުރިހާ ގާނޫނީ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

  • ކަރީމް ޚާން އަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރަން އަމުރު ނެރުއްވި ޕްރޮސެކިއުޓަރެވެ.

’އެކްސިއޯސް' ނިއުސްއިން ރިޕޯޓްކުރި ގޮތުގައި، އިޒްރޭލުގެ ޚާރިޖީ ވަޒީރާއި އެ ގައުމުގެ އެމްބަސީތަކުން ވަނީ ކަރީމް ޚާން މަގާމުން ވަކިކުރަން ތާއީދު ހޯދުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ކެމްޕޭން ކޮށް ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ.

ހިއްސާ ކުރައްވާ!