އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ދޭ އަސްކަރީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް، އިސް މުޝީރުންނާއި ސަރުކާރުގެ އިސްވެރިންނާއެކު ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ. 'ނިއު ޔޯކް ޓައިމްސް' އިން މިކަން ރިޕޯޓްކޮށްފައިވަނީ މި ބައްދަލުވުމުގެ ތަފްސީލު އެނގޭ ހަތަރު މީހަކާ ހަވާލާދީއެވެ.
މި ބައްދަލުވުން މި ބޭއްވީ، އީރާނާއި އެމެރިކާއާ ދެމެދު އޮތް ބަލިކަށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނާކާމިޔާބުވެ، ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ގުޅޭ ދިގު މުއްދަތުގެ އެއްބަސްވުމަކަށް ދާން މަގުފަހިކުރުމަށް ހެދި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް ވެސް ޓްރަމްޕާ ހެދި ފެއިލްވެފައިވާ ދަނޑިވަޅެއްގައެވެ.
ބުރާސްފަތި ދުވަހު 'އެކްސިއޯސް' ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ ހަމަލަތައް ވަރުގަދަ ކުރުމުގެ އިޝާރާތެއް ދެއްވާފައެވެ. "އަހަރެން މިދަނީ ވަރަށް ބޮޑު ހަމަލާއެއް ދިނުމާމެދު ވިސްނަމުން. މީގެ ކުރިން ދިން އެއްވެސް ހަމަލާއަކަށްވުރެ މިއީ ބޮޑު ހަމަލާއަކަށް ވާނެ. ގޮތެއް ނިންމުމާ ވަރަށް ގާތަށް މިހާރު މިދަނީ. އަހަރެމެން މިތިބީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން،" ޓްރަމްޕް ވިދާޅުވިއެވެ.
އިޒްރޭލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރާ މި އާ ހަނގުރާމައިގައި އިޒްރޭލުން ބައިވެރިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރުމުން އިޒްރޭލަށް "ނޭދެވޭ އަސަރުތަކެއް" ކޮށްފާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ދެއްވިއެވެ. މިއީ އީރާނުން އިޒްރޭލަށް ރައްދު ދީފާނެ ކަމަށް ދެއްކެވި އިޝާރާތެއް ކަމަށް ބެލެވެއެވެ.
އިބްލީސްގެ ސީދާ އިރުޝާދާއެކު ޓްރަމްޕަށް ވަސްވާސް ލައި ދިނުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޯމަ ދުވަހު އެމެރިކާއަށްދާނެއެވެ. އެއަށްފަހު އަމަލީ ގޮތުން މި ދެވެރިންގެ ސައްލާގެ ނަތީޖާ ހާމަވެގެން ދާނެއެވެ.







