މައުލޫމާތުގެ ރަސްމަގުގައި ފޭރޭ މީހުންނަށް އެމެރިކާއިން ވިސާ ނުދޭނެ

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި މައުލުމާތުގެ ރަސްމަގުގައި ފޭރޭ ސައިބަރ މުޖުރިމުންނަށް ވިސާ ނުދޭނެ ކަމަށް ބުނެ އެމެރިކާއިން އާ ވިސާ ސިޔާސަތެއް އިއުލާނުކޮށްފިއެވެ. މި އާ ސިޔާސަތުގެ ދަށުން، އޮންލައިންކޮށް އިންވެސްޓްމަންޓްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމާއި، "ސެކްސްޓޯޝަން" (ބިރުދައްކައިގެން ޖިންސީ ފޮޓޯ ނުވަތަ ވީޑިއޯ ހޯދައިގެން ބްލެކްމެއިލް ކުރުން) ފަދަ ޖަރީމާތަކުގައި ޝާމިލްވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް އެމެރިކާއަށް އެތެރެވުން މަނާކުރެވޭނެއެވެ.

މި ސިޔާސަތު އިއުލާނުކުރައްވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވިދާޅުވީ، މިއީ އެމެރިކާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ސައިބަރ ކުށްތަކާއި މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް ރައީސް ޓްރަމްޕްގެ ސަރުކާރުން ފަށާފައިވާ ފުޅާ ދާއިރާއެއްގެ މަސައްކަތެއް ކަމަށެވެ. ޓްރަމްޕްގެ އެކްޒެކިއުޓިވް އޯޑަރެއްގައި ބަޔާންކޮށްފައިވާ ގޮތުން، އޮންލައިންކޮށް ހިންގާ އިންވެސްޓްމަންޓް ސްކޭމްތަކަކީ މިހާރު ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ބޮޑު ނުރައްކަލެކެވެ.

ރުބިއޯ ވިދާޅުވި ގޮތުގައި، ޗައިނާގެ ބައިނަލްއަގުވާމީ ކުށްވެރިންގެ ޖަމާއަތްތަކުން އިންތިޒާމްކޮށްގެން ހިންގާ އޮންލައިން އިންވެސްޓްމަންޓް ސްކޭމްތަކުގެ ސަބަބުން 2024 ވަނަ އަހަރު އެކަނިވެސް އެމެރިކާގެ ރައްޔިތުންގެ 10 ބިލިއަން ޑޮލަރު ވަނީގެއްލުންވެފައެވެ. މީގެ އިތުރުން، މިފަދަ ޖަރީމާތަކުގެ ސަބަބުން ކޮރަޕްޝަނާއި، ފައިސާ ދޮވުމާއި، އިންސާނީ ވަގުފާރީގެ އަމަލުތައް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޚާއްސަކޮށް އެމެރިކާގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ބޭރު ގައުމުތަކުން ހިންގާ ސެކްސްޓޯޝަން ސްކޭމްތަކުގެ ސަބަބުން އާއިލާތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ވިދާޅުވިއެވެ.

މި ސިޔާސަތުގެ ދަށުން އެމެރިކާއިން އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި:

  • ވިސާ ދޫކުރުން ހަނިކުރުން.
  • ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން.
  • ޖިނާއީ ދައުވާކުރުން.
  • މުދާ ހިފެހެއްޓުން.
  • ކުށްވެރިން ހަވާލުކުރުމަށް އެދުން.

މި ސިޔާސަތަކީ ވަކި ގައުމަކަށް އަމާޒުކޮށްގެން ހަދާފައިވާ އެއްޗެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ކުށްތަކުގައި ބައިވެރިވާ ކޮންމެ ގައުމެއްގެ ރައްޔިތަކަށްވެސް ތަންފީޒުކުރެވޭނެ ސިޔާސަތެއް ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!