ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް މިއަދު ފަތިހު އިޒްރޭލު ސިފައިން އަރައިގަނެ، ހިންގި އޮޕަރޭޝަންތަކާއި ޔަހޫދީ ހަރުކަށި ވަޒަންވެރިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ކުޑަކުއްޖަކަށާއި މުސްކުޅިއަކަށް ވަނީ އަނިޔާވެފައެވެ.
އިޒްރޭލު ސިފައިން ވަނީ އަރީހާގެ ދެކުނުގައި އޮންނަ އުގްބަތު ޖަބްރު ކޭމްޕަށާއި، ޤަލްޤީލިޔާ، ރާމަاللهގެ ކޫބަރު އަވަށާއި، ގުދުސްގެ އުތުރުގައި އޮންނަ ކަފްރު އާގަބަށް އަރައިގަނެފައެވެ. މީގެ އިތުރުން ޖެނީން އާއި ޠޫލްކަރްމްގެ އަވަށްތަކަށްވެސް އެމީހުން ވަނީ އިތުރު ސިފައިންގެ ލަޝްކަރުތަކާއެކު އަރައިގަނެފައެވެ.
ނާބްލަސްގެ އަވަށްތަކުގައި އިޒްރޭލު ސިފައިން ވަނީ ގިނަ އަދަދަކަށް މީހުން ހައްޔަރުކޮށް، ގެތަކަށް ވަދެ ތަންތަން ހާވާފައެވެ. އަދި ޤަރްޔޫތު އަވަށުގެ ރައްޔިތުންގެ ގެތަކަށް ކަރުނަ ގޭސް ޖެހުމާއި، އައުރީފު އަވަށުގައި ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުންގެ ގެތަކަށް ވަދެ ހަމަލާ ދީފައިވެއެވެ.
ފަލަސްތީނުގެ ރިޔާސަތުގެ އިންޒާރު
ފަލަސްތީނުގެ ރިޔާސަތުން ވަނީ އިޒްރޭލު ސިފައިންނާއި ހަރުކަށި ޔަހޫދީ ވަޒަންވެރިން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ކުށްވެރިކޮށްފައެވެ. އަދި އިޒްރޭލު ސަރުކާރުން ހުޅަނގު އައްސޭރި އިންސާނީ ކާރިސާއަކާ ދިމާއަށް ގެންދާ ކަމަށާއި، މިއީ އެމީހުންގެ އިސްތިއުމާރީ ޕްލޭންތައް ތަންފީޒުކުރުމަށް ކުރާ ކަމެއް ކަމަށް ބުނެ އިންޒާރު ދީފައެވެ.
އދ. ގެ ކަންބޮޑުވުން
ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ޚާއްސަ މުގައްރިރު ފްރެންޗެސްކާ އަލްބަނީޒް ޔަހޫދީންގެ މި ހަމަލަތަކާ ގުޅިގެން ވިދާޅުވީ، ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުންނަށް ހަމަލާ ދެމުންދަނީ އިޒްރޭލު ޖެނޮސައިޑް ސިފައިންގެ ފުރިހަމަ އެހީތެރިކަމާއެކު ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުން މި ހަމަލާތަކުން ސަލާމަތްކުރާނެ އެއްވެސް ފަރާތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަރަބިންނާއި މުސްލިމުންގެ ފަރާތުންވެސް ޔަހޫދީން ކުށްވެރި ކުރުމަށް އެކްސްގައި ނެރޭ ބަޔާނަކުން ފުއްދާލައެވެ.
މައްސަލަ ހޫނުވި ސަބަބު
މި ހަމަނުޖެހުންތައް މިހާރު މިހާ ބޮޑަށް ހޫނުވެފައި މިވަނީ، އިޒްރޭލު އިންތިޚާބަށް ތައްޔާރު ވަމުން ދިއުމާއި ޣައްޒާގައި ޖެނޮސައިޑް ހިންގައި ނަސްލު ސާފުކޮށްލުމަށް ފަހު ހުޅަނގު އައްސޭރީގެ ބިންތައް ހިފައި އެތަން ސާފުކޮށް ޖެނޮސައިޑް ހިންގުމަށް ނިންމުމާ ގުޅިގެންނެވެ.
އިޒްރޭލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ނާބްލަސްގެ ދެކުނުގައި އޮންނަ ތަލް އަވަށަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ 4 މީހަކު ޝަހީދުވެ، އެތައް ބަޔަކު ވެސް ޒޱަކަމް ކޮށްފައި ވެއެވެ.
މިކަމުގެ ރައްދުގައި ފަލަސްތީނު ފަރާތްތަކުން ދިން ހަމަލާތަކެއްގައި އިޒްރޭލު ސިފައިންގެ އޮފިސަރަކާއި ސިފައިންގެ މީހަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވުމުން، އިޒްރޭލުން ވަނީ ނާބްލަސް ހިސާރުކޮށް، ސިފައިންގެ ފައުޖުތައް އެތަނަށް ޖަމާކޮށްފައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔިސްރާއީލް ކަޓްޒް ވަނީ ހުޅަނގު އައްސޭރީގެ އަވަށްތަކުގައި ފުޅާ ދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށް އަމުރުކޮށް، އާ ޔަހޫދީ އާބާދީތައް ގާއިމުކުރުމަށް ފަލަސްޔީނު އަވަށްތައް ސާފުކުރުމަށް މަސައްކަތް ފެށުމަށް ނިންމާފައެވެ.
ޣައްޒާއަށް ހަމަލަ ދިނީ ހަމާސް އުޅޭ ކަމަށް ބުނެ ހަމާސް ނައްތާލުމަށެވެ. ނަމަވެސް ހުޅަނގު އައްސޭރީގައި ހަމާސެއް ނޫޅެއެވެ. ޔަހޫދީން ހުއްޓުވާނެ ބާރެއް މިހާރަކު ނެތެވެ. އެމީހުން ދަނީ ފަލަސްޔީނު ވުޖޫދުން ފޮހެލުމަށް މުސްލިމުންނާއި އަރަބިންގެ ނުސީދާ އެހީތެރިކަމާއެކު ކުރިއަށެވެ.






