ޗައިނާ، ޕާކިސްތާން އަދި ބަންގްލަދޭޝް ބޯޑަރު ސަރަހައްދުތަކުގެ ރޭލު ނެޓްވޯކް ތަރައްގީކުރަނީ

އިންޑިއާގެ ބޯޑަރު ސަރަހައްދުތަކުގައި ރޭލު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އަސްކަރީ އަދި މަދަނީ ބޭނުންތަކަށް ބޭނުންވާ ސްޓްރެޓީޖިކް އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށްޓަކައި 4.7 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަން އެ ޤައުމުން ނިންމައިފިއެވެ.

ބްލޫމްބާގުން ބުނިގޮތުގައި މިއީ ކުރިއަށް އޮތް 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ، ސަރަހައްދީ ގޮތުން އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކޮށް އިންޑިއާއިން އަޅަމުންދާ އެންމެ މުހިންމު ސްޓްރެޓީޖިކް އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޕަންޖާބާއި، ވެސްޓް ބެންގާލާއި، ހިމާޗަލް ޕްރަދޭޝްއާއި ރާޖަސްތާން އަދި އާސާމުގެ އިތުރުން އިރު އުތުރުގެ ބައެއް ސްޓޭޓްތަކުގައި އާ ރޭލު ޓްރެކްތަކާއި ޕްލެޓްފޯމްތައް ބިނާކޮށް ނެޓްވޯކް ވަރުގަދަކުރުމަށެވެ. މި ބޯޑަރު ސްޓޭޓް ޕްރޮގްރާމަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރޭލު އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ކަނޑައަޅާފައިވާ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 22 އިންސައްތައެވެ.

މި އައު ޕްލޭނުން ފެނިގެން ދަނީ ސަރަހައްދީ ބޯޑަރުތަކުގައި ގުޅުންތައް އެކި މިސްރާބުތަކަށް ބަދަލުވަމުންދާ ދަނޑިވަޅެއްގައި އިންޑިއާއިން ގެންގުޅޭ ސިޔާސަތެކެވެ. އެގޮތުން ޗައިނާއާ އޮތް ގުޅުން ހަމައަކަށް އެޅެމުންދާއިރު، ޕާކިސްތާނާއެކު މިދިޔަ އަހަރު ކުޑަ ހަނގުރާމައެއް ހިނގާފައިވުމާއި، އަދި 2024 ވަނަ އަހަރު ބަންގްލަދޭޝަށް އައި ސިޔާސީ ބަދަލުތަކުގެ ސަބަބުން ކުރިން އޮތް ހަމަޖެހުމަށް ވަނީ ހުރަސްއެޅިފައެވެ.

މި އިންވެސްޓްމަންޓްގެ ސަބަބުން މަދަނީ ދަތުރުފަތުރުގެ އިތުރުން އަސްކަރީ ލޮޖިސްޓިކްސްއަށްވެސް ބޭނުންވާ ދެ ބޭނުމަށް ބޭނުން ކުރެވޭ އިންފްރާސްޓްރަކްޗަރ ބިނާވެގެންދާނެއެވެ. ޚާއްޞަކޮށް ހިމާލަޔާ ސަރަހައްދާއި، ސިލިގުރީ ކޮރިޑޯ އަދި އުތުރު-އިރުމަތީގެ ސްޓޭޓްތައް ފަދަ ނާޒުކު ސަރަހައްދުތަކަށް ހުރިހާ މޫސުމެއްގައިވެސް ބޭނުންކުރެވޭ ފެންވަރު ރަނގަޅު ރޭލު ނެޓްވޯކްތަކެއް ޤާއިމުކުރުމުގެ ސަބަބުން ސިފައިންނާއި އަސްކަރީ ސާމާނު އަވަހަށް ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެން ދާނެއެވެ. އަދި ސަރަހައްދީ ވާދަވެރިންގެ ފަރާތުން ލިބިދާނެ ފަދަ ނުރައްކާތަކަށް ތައްޔާރުވުމަށް މަގުފަހިވެގެންދާނެއެވެ.

އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިންވެސް ޕާކިސްތާން ބޯޑަރު ކައިރީގައި އާ މަގުތައް ހެދުމާއި، ޗައިނާއާއި ބޫޓާން ދެމެދު ދެބަސްވުން އޮންނަ ޑޮކްލާމް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތްތައް އިސްކަންދީ ގެން ކުރިއަށް ގެންގޮސްފައެވެ. އަދި މިދިޔަ އަހަރު ކަޝްމީރު ވާދީގައި ވަނީ އިންޑިއާގެ އެހެން ސަރަހައްދުތަކާ ގުޅުވައިދޭ ދުނިޔޭގެ އެންމެ އުސް ރޭލު ބްރިޖު ހުޅުއްވައިފައެވެ. އިރު އުތުރު ސަރަހައްދުގައިވެސް ފާއިތުވި 10 އަހަރުތެރޭގައި އިންޑިއާއިން ވަނީ 1700 ކިލޯމީޓަރުގެ އާ ރޭލު ލައިން އަޅާފައެވެ.

މީގެ އިތުރުން، 1962 ވަނަ އަހަރުން ފެށިގެން ބަންދުކޮށްފައި އޮތް ިރު އުތުރުގެ ބައެއް ވައިގެ ދަތުރަށް ބޭނުންވާ އިންފްރާސްޓްރަކްޗަރތައްވެސް ހެލިކޮޕްޓަރާއި އަސްކަރީ ބޯޓުފަހަރު ބޭނުންކުރުމަށް އަލުން އާރާސްތުކޮށްފައިވެއެވެ.

ޗައިނާއިންވެސް ވަނީ 2017 ވަނަ އަހަރު ޑޮކްލާމްގައި ހިނގި އަސްކަރީ ކުރިމަތިލުމަށްފަހު އެ ޤައުމުގެ ސަރަހައްދުގައި އެއަރޕޯޓާއި ހެލިޕޯޓް ފަދަ ދެ ބޭނުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗަރ ހަލުވިކަމާއެކު ތަރައްގީކޮށް، ޕީޕަލްސް ލިބަރޭޝަން އާމީގެ ލޮޖިސްޓިކްސް ޤާބިލުކަން ވަރުގަދަކޮށްފައެވެ.

ހިއްސާ ކުރައްވާ!