ޖައްމޫ އަދި ކަޝްމީރަކީ ކުރިއެރުމާއި ބަދަލުވަމުންދާ ވާހަކައެއް

އިންޑިއާގެ ޤާނޫނުއަސާސީގެ 370 ވަނަ މާއްދާ 2019 ވަނަ އަހަރުގެ އޯގަސްޓް މަހު އުވާލިފަހުން، ޖައްމޫ އަދި ކަޝްމީރުގައި އިންފްރާސްޓްރަކްޗަރގެ ދާއިރާއިންނާއި، ފަތުރުވެރިކަން، ޞިއްޙީ ޚިދުމަތާއި، ތަޢުލީމު، އިންވެސްޓްމަންޓް، އަދި ޑިޖިޓަލް ވިއުގަތަކުގެ ރޮނގުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ގޮސްފައެވެ.

2019 ވަނަ އަހަރުން ފެށިގެން އައިސްފައިވާ ބަދަލުތަކުން ހުރިހާ ގޮންޖެހުމެއް މުޅިން ނައްތާލެވިފައި ނުވިނަމަވެސް، ތަރައްޤީގެ ދުވެއްޔާއި ތަރައްގީގެ ސްޕީޑުން ދައްކުވައިދެނީ ކުރިއާ އަޅައިބަލާއިރު އެ ސަރަހައްދު އިންޑިއާގެ މައި ފަސްގަނޑާ މާ ބޮޑަށް ގުޅިލާމެހި، އިދާރީ ގޮތުން ބަދަހިވެފައިވާ މިންވަރެވެ.

މި ބަދަލުތަކުގެ އެންމެ ސާފު އެއް ނިޝާނަކީ ކަޝްމީރުގެ އިންފްރާސްޓްރަކްޗާގެ ދާއިރާއެވެ. މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން، 2019 ވަނަ އަހަރަށްފަހު އެ ސަރަހައްދުގައުި މަގާއި ފާލަން ހެދުމުގެ މަސައްކަތްތައް ވަނީ އަވަސްވެފައެވެ.

އޭގެ އިތުރުން 4,550 ކްރޯޑަށްވުރެ ގިނަ ރުޕީސްގެ 1,057 މަޝްރޫޢު ސަރުކާރުން ފާސްކޮށްފައިވެއެވެ. އޭގެތެރެއިން 290 ފާލަމުގެ މަސައްކަތް ނިމިފައިވެއެވެ. އަދި 338 ފާލަމެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.އަދި ޚާއްސަ ސްކީމެއްގެ ދަށުން ފަންޑުކޮށްގެން 21,400 ކިލޯމީޓަރަށްވުރެ ދިގު މަގު ބިނާކޮށް، އެތައް ހާސް އަވަށެއް ވަނީ ގުޅުވާލެވިފައެވެ.

މިފަދަ ގުޅުންތަކުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ލުއި ލިބުމުގެ އިތުރުން ބޭރުންވެސް، މުދާ އުފުލުމުގެ ޚަރަދު ކުޑަވެ، މާރުކޭޓުތަކަށް ވާޞިލުވުމަށް ފަސޭހަވެ، ދުރު ސަރަހައްދުތަކުގެ ރައްޔިތުންނަށް ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، އިދާރީ މަރުކަޒުތަކަށް ދިޔުމުގެ ފުރުސަތު ވަނީ ފަސޭހަވެފައެވެ.

272 ކިލޯމީޓަރުގެ އުދާމްޕޫރު ސްރީނަގަރު ބަރާމުއްލާ ރޭލުވޭގެ މަސައްކަތް 2025 ވަނަ އަހަރު ނިމި، މުޅި ކަޝްމީރުގެ ޓެރިޓަރީގައި މޫސުމަށް ބަރޯސާވުމަކާ ނުލައި މުދަލާއި ފަސިންޖަރުން އުފުލޭނެ ރޭލު ކޮރިޑޯއެއް ވަނީ ޤާއިމުކުރެވިފެވެ.

2026 ވަނަ އަހަރުގެ އޭޕްރީލް މަހު ޖައްމޫ-ސްރީނަގަރު ވަންދޭ ބާރަތު ރޭލުގެ ޚިދުމަތް ފަށައި، ކަޝްމީރަށް ދަތުރުކުރާ ވަގުތު ފަސް ގަޑިއިރަށްވުރެ ކުރުކުރެވިފައި ވެއެވެ. އަދި ފަރުބަދަމަތީގެ ނުރައްކާތެރި މަގުތަކަށްވުރެ ރައްކާތެރި ގޮތެއް ވަނީ ހޯދައިދީފައެވެ.

މި ރޭލު މަޝްރޫޢުތަކަކީ އެއްގަމު މަގުތަކާއި ފާލަންތަކުގެ ދަތުރުތަކަށް އޮތް ބަރޯސާ ކުޑަކޮށް، އިންޑިއާގެ އެހެން ސަރަހައްދުތަކާ އަހަރުގެ ހުރިހައި ދުވަސްތަކެއްގައިވެސް މެދުނުކެނޑި އިޤްތިޞާދީ ގޮތުން ގުޅިފައި އޮތުމަށް މުހިންމު މަޝްރޫއެކެވެ.

ކަޝްމީރުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރު ޖައްމޫ އަދި ކަޝްމީރަށް ޒިޔާރަތްކުރި އިންޑިއާ މީހުންނާއި އަދި ބޭރުގެ ފަތުރުވެރިންގެ ޢަދަދު ވަނީ 2.6 މިލިއަންއަށް އަރާފައެވެ. ނަމަވެސް 2024 ވަނަ އަހަރު މި ޢަދަދު ވަނީ 23.5 މިލިއަންއަށް އިތުރުވެފައެވެ.

އަދި ބޭރު ޤައުމުތަކުން އައި ފަތުރުވެރިންގެ ޢަދަދު 2020 ވަނަ އަހަރުގެ 5,317 އިން 2024 ވަނަ އަހަރު 65,452 އަށް ވަނީ މައްޗަށް ގޮސްފައެވެ.

ކަޝްމީރު ވާދީއަށް އެކަނިވެސް 2024 ވަނަ އަހަރު 2.9 މިލިއަން އަށްވުރެ ގިނަ އިންޑިއާގެ ފަތުރުވެރިންނާއި، 43,000 އަށްވުރެ ގިނަ ބޭރުގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ފަތުރުވެރިންގެ ހަރަކާތަށް 2025 ވަނަ އަހަރު ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް، 2019 އިން ފެށިގެން މުޅި ޖުމުލަ ގޮތެއްގައި ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، ހޮޓާތަކާއި، ޓްރާންސްޕޯޓު ޚިދުމަތްތަކާއި، ލޯކަލް އަތްތެރި މަސައްކަތްތަކަށް އަލުން ދިރުން ލިބިގެން ގޮސްފައި ވެއެވެ.

އިންސާނީ ތަރައްގީގެ ދާއިރާގައި 2019 އަށްފަހު ސަރުކާރުގެ އައު 7 މެޑިކަލް ކޮލެޖް ވަނީ ތަރައްޤީކޮށްފައެވެ. އަދި 800 އިތުރު އެމްބީބީއެސް ޖާގަ އިތުރުކުރެވި، ޖުމްލަ އެމްބީބީއެސް ޖާގަ ވަނީ 1,300 އަށް އިތުރުވެފައެވެ.

ޖައްމޫގެ އައި.އެމް.އެސްގެ ޚިދމަތް ފެށިފައިވާއިރު، ކަޝްމީރުގައި ބިނާ ކުރާ އައި.އެމް.އެސްގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

ޖައްމޫގައި ޤާއިމުކުރެވިފައިވާ އައި.އައި.ޓީ ޖައްމޫ އާއި އައި.އައި.އެމް ޖައްމޫގެ ސަބަބުން އެ ސަރަހައްދަށް ވަނީ މަތީ ފެންވަރުގެ ތަޢުލީމީ މަރުކަޒުތަކުގެ ބޮޑު ނެޓްވޯކެއް ލިބިފައެވެ. މަތީ ފެންވަރުގެ ޢާންމު ޚިދމަތްތައް ލިބުން ދަތިވެފައިވާކަމަށް ގިނަ ބަޔަކު ފާޑުކިޔަމުންދިޔަ ސަރަހައްދަކަށް މި އައި ބަދަލަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އިންވެސްޓްމަންޓްގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު:

  • 2024-25 މާލީ އަހަރުގެ އިޤްތިޞާދީ ސަރވޭއިން ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް 1.63 ލައްކަ ކްރޯޑް ރުޕީސްގެ އިންވެސްޓްމަންޓް ޕްރޮޕޯޒަލް ލިބިފައިވެއެވެ.
  • 5.90 ލައްކައަށްވުރެ ގިނަ ވަޒީފާ އުފެދުމުގެ ފުރުސަތު ފައި ވެފައިވެއެވެ.
  • 2019 އިން ފެށިގެން 9,606.46 ކްރޯޑް ރުޕީސްގެ އިންވެސްޓްމަންޓާއެކު 1,984 ސިނާޢީ ޔުނިޓެއް އުފެދި، 63,710 ވަޒީފާ ވަނީ އުފެދިފައެވެ.
  • ސިޔާސަތުތަކަށް ގެނެވުނު ހަމަޖެހުމާއި ލިބުނު ލުއިތަކުގެ ސަބަބުން ބޮޑެތި ކުންފުނިތަކާއި އިންވެސްޓަރުން ޝައުޤުވެރިވަމުންދާކަން 2024 އަދި 2025 ގެ ރިޕޯޓްތަކުން ކަށަވަރުވެއެވެ.

ތަރައްޤީގެ މި ރާޅު ވަނީ އިދާރީ ހިންގުމާއި ޑިޖިޓަލް ފައިދާތަކަށްވެސް ފޯރާފައެވެ.

2018-19 ގައި 9,229 މަސައްކަތް ނިމިފައިވާއިރު، 2022-23 ގައި ނިމުނު މަސައްކަތްތަކުގެ ޢަދަދު 92,560 އަށް ވަނީ އިތުރުވެފައެވެ. މިއީ މަސައްކަތްތައް ހިންގާ ދުވެލި ވަރަށް ބޮޑަށް އަވަސްވެފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

ސަރުކާރުން ވަނީ ފައިބަރ ކަނެކްވިޓީއާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ފުޅާކޮށް، ތަޢުލީމާއި ވިޔަފާރިއަށް ހުރަސްއެޅުނު ޑިޖިޓަލް އެކަހެރިކަން ކުޑަކޮށްދީފައެވެ.

އައު މެޑިކަލް ކޮލެޖުތަކާއި އަދި ޤައުމީ ފެންވަރުގެ މަރުކަޒުތަކުގެ އިތުރުން، ޕްރޮފެޝަނަލް ތަޢުލީމާއި މުއައްސަސާތައް ޤާއިމުކުރުމުގެ މަސައްކަތްތައް ޚާއްޞަކޮށް ޖައްމޫގައި ވަނީ ފުޅާކޮށްފައެވެ.

ޒުވާން އާބާދީއެއް އޮތް ސަރަހައްދަކަށް ވުމާއެކު، ތަޢުލީމަކީ އިޖުތިމާޢީ އިންވެސްޓްމަންޓެއްގެ އިތުރުން ހުނަރުވެރިން އެ ސަރަހައްދުގައި ހިފަހައްޓައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ މުހިންމު ވަސީލަތަކަށް ތަރައްގީގެ މަސައްކަތްތައް ވަނީ ވެފައެވެ. ދަތުރުފަތުރުގެ އައު ނިޒާމުތަކާއި ސިނާޢީ އިންވެސްޓްމަންޓްތަކާ ގުޅިގެން މިއީ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ލިބުނު ވަރުގަދަ ބިންގަލެކެވެ.

މި ބަދަލުތަކަކީ އިންޑިއާގެ ގާނޫނުއަސާސީގެ 370 ވަނަ މާއްދާއަށްފަހު ޖައްމޫ އަދި ކަޝްމީރުގައި އައިސްފައިވާ ތަރައްޤީ އެވެ.

ހިއްސާ ކުރައްވާ!