ނިއުކްލިއާ އެއްބަސްވުމަކާ ނުލައިވެސް އިރާނުގެ ހަނގުރާމަ ނިންމާލަން ޓްރަމްޕް ތައްޔާރު

ނިއުކްލިއާ އެއްބަސްވުމަކާ ނުލައިވެސް އިރާނުގެ ހަނގުރާމަ ނިންމާލަން ޓްރަމްޕް ތައްޔާރަށް ހުންނެވި ކަމަށާއި؛ ތެހެރާންގެ ޝަރުތުތަކުގެ ސަބަބުން ނުކުންނަން އުނދަގޫވަނީ ކަމަށް ރިޕޯޓު ބުނެއެވެ.

އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއް ނުހެދުނު ކަމުގައިވިޔަސް އިރާނުގެ ހަނގުރާމަ ނިންމާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައްޔާރަށް ހުންނެވި ކަމަށާއި ނަމަވެސް، ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން ހުށަހަޅާފައިވާ އާ ޝަރުތުތަކުގެ ސަބަބުން ހަނގުރާމައިން ނުކުތުމަށް ރައީސް ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް ވަނީ ހުރަސްއެޅިފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން އެމެރިކާގެ މަސްއޫލުވެރިންނާ ހަވާލާދީ ބުނެފައިވަނީ، އިރާނުން އެ ކަނޑުގެ މަގު އެކޮށް ހުޅުވާލައިފިނަމަ ކާމިޔާބީ އިއުލާންކުރުމަށް ޓްރަމްޕް ހުންނެވީ ތައްޔާރަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާ ސަރުކާރުން މައިގަނޑު ގޮތެއްގައި ސަމާލުކަން ދިނީ އެ ކަނޑުއޮޅިން ވިޔަފާރި އުޅަންދު ދަތުރުފަތުރުކުރުން އަލުން ފެށުމަށެވެ.

ނަމަވެސް، ތެހެރާނުން މިހާރު ވަނީ އެ ކަނޑުއޮޅި ހުޅުވާލުމުގެ އިޖުރާއަތުތައް އުދަގޫ ކޮށް ބޮޑުކޮށްފައެވެ. އެގޮތުން އެމެރިކާއިން ބިލިއަން ޑޮލަރުގެ ފައިސާ ދެއްކުމަށާއި، އެ ސަރަހައްދުން އެމެރިކާގެ ސިފައިން ބޭރުކުރުމަށާއި، އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހުރަސްތައް ނައްތާލުމަށް އީރާނުން ދަނީ އެދެމުންނެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހައްމަދު ބާގިރު ޒުލްގަދުރް ވިދާޅުވި ގޮތުގައި، ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ އެމެރިކާއިން ދާއިމީކޮށް ހަނގުރާމަ ނިންމައި، ކަނޑުގެ ބްލޮކޭޑް އުވާލައި، ސިފައިން ބޭރުކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށް، އަދި ހަނގުރާމައިގެ ބަދަލު ދިނުމުންނެވެ. މީގެ އިތުރުން ސަރަހައްދީ އެކުވެރިންނަށް އެމެރިކާއިން ދޭ ހަމަލާތަކާއި އިންޒާރުތައް ހުއްޓާލުމަށްވެސް އީރާނުން ވަނީ ގޮވާލާފައެވެ.

މި ކަންކަމުގެ ސަބަބުން ހަނގުރާމައިން ނުކުތުމަށް ޓްރަމްޕަށް އޮތް ފުރުސަތުތައް ވަނީ ހަނިވެފައެވެ. ޓްރަމްޕް ވަނީ އެމެރިކާގެ ބޮމުގެ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދެއްވުމާއެކުވެސް، ހަނގުރާމަ ނިންމާލަން ބޭނުންފުޅުވާ ކަމުގެ އިޝާރާތްތައް ދެއްވާފައެވެ.

މީގެ އިތުރުން، އެމެރިކާގައި ތެލުގެ އަގު ބޮޑުވެފައިވުމާއި، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބަށް ތިން މަހަށްވުރެ ކުޑަދުވަސްކޮޅެއް އޮތުމުން، ޓްރަމްޕަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ.

ވައިޓް ހައުސްއިން ބުނާ ގޮތުގައި އެމެރިކާ ސިފައިން ވަނީ އިރާނުގައި ހާސިލުކުރަން ބޭނުންވި މަގުސަދުތައް ހާސިލުކޮށްފައެވެ. އަދި މިހާރު މައިގަނޑު ސަމާލުކަމަކީ ހުރުމުޒު ކަނޑުއޮޅިން ހަކަތަ އުފުލާ އުޅަންދުފަހަރަށް އަމާންކަމާއެކު ދަތުރުކުރެވޭނެ ގޮތް ހެދުން ކަމަށްވެސް ވައިޓް ހައުސްގެ މަސްއޫލުވެރިއަކު ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!