ސާކް ސަރަހައްދުގެ ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ކޮންގްރެސް އުކުޅަހުގައި ބާއްަވަން ނިންމައިފިއެވެ.: ސާކް ސަރަހައްދުގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމުޢިއްޔާ (ސާކް-އޭއޭ) ގެ 15 ވަނަ ސަރަހައްދީ ކޮންގްރެސް، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އއ. އުކުޅަހުގައި ބާއްވާނީ. މި މަހުގެ 15 އިން 16 އަށެވެ.
މި ބައިނަލްއަޤުވާމީ ބައްދަލުވުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޢިލްމީ ކުރިއެރުމަށް ލިބިގެންދާނެ މުހިންމު ބާރެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޑރ. އަޙްމަދު އަޝްރަފް ވިދާޅުވީ، މިފަދަ ބޮޑު ބައިނަލްއަޤުވާމީ ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ ޤައުމުގެ ޞިއްޙީ ދާއިރާއަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ. މި ކޮންގްރެސްގެ ތެރެއިން ސަރަހައްދުގެ ސައިންޓިފިކް މާހިރުން އެއްތަންވެ، ހޭނައްތާ ބޭސްވެރިކަމުގެ އެނެސްތީޒިއަލޮޖީގެ ދާއިރާއިން ހޯދާފައިވާ އެންމެ ފަހުގެ ހޯދުންތަކާއި އައު އުކުޅުތައް ޙިއްޞާކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މީގެ އިތުރުން، މިފަދަ ފެންވަރުމަތީ ކޮންފަރެންސްތައް އިންތިޒާމުކޮށް ބޭއްވުމުގެ ޤާބިލުކަމާއި ތަޖުރިބާ ރާއްޖެއަށް ލިބުމަކީ މުޅި ޤައުމަށް ލިބޭނެ މުހިންމު ކުރިއެރުމެއް ކަމަށާއި، މި ބައްދަލުވުމުގެ ސަބަބުން ސަރަހައްދީ ޤައުމުތަކުގެ ސިއްހީ މާހިރުންގެ މެދުގައި ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.







